ލަސްތަކެއްނުވެ ޔުކްރޭންގެ ވެރިރަށް ކިޔެވް ރަޝިއާ ސިފައިންގެ އަތްދަށަށް ވެއްޓިގެން ދާނެކަމަށް އަސްކަރީ ތަޖްރިބާކާރެއް އަދި ސްޓްރެޓީޖިކް އެނަލިސްޓެއް ކަމަށްވާ ރިޓަޔަޑް ޖެނެރަލް ފާއިޒް އައްދުވައިރީ ވިދާޅުވެއްޖެއެވެ.

ކިޔޭވް ހިފުމަށް ރަޝިއާ ސިފައިން ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން އާބެހޭގޮތުން އަލްޖަޒީރާ ގައި ވާހަކަ ދައްކަވަމުން އުރުދުންގެ ރިޓަޔަޑް ޖެނެރަލެއް ކަމަށްވާ ފާއިޒް އައްދުވައިރީ ވިދާޅުވީ ދެހަފްތާގެ ހަނގުރާމައަށްފަހު ރަޝިއާގެ ބާރުތައް މިހާރު ހަ ފަރާތުން ކިޔޭވް ވަށާލާފައިވާ ކަމުގައެވެ. އަދި ކިޔޭވްގެ އިދާރީ ސަރަހައްދުގައި ހިމެނޭ އެތައް އަވަށަކަށް އިއްޔެއިން ފެށިގެން ރަޝިއާ ސިފައިން ވަދެގެންފައިވާ ކަމަށާއި މިހާރު ރަޝިއާ ސިފައިން ތިބީ ކިޔޭވް ސިޓީ ސެންޓަރާ އެންމެ 15 ވަރަކަށް ކިލޯމީޓަރު ދުރުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔުކްރޭންގެ ސިފައިންނާ އަޅާބަލާއިރު ހަތިޔާރުގެ ގޮތުންނާއި އަދަދުގެ ގޮތުން ރަޝިއާ ސިފައިން އެތައް ގުނައެއް ބާރުގަދަވެފައި ބޮޑުވުމުގެ ސަބަބުން ލަސްވި ނަމަވެސް އަދި ނޭޓޯއިން ހަތިޔާރު އޮއްސި ނަމަވެސް ރަޝިއާ ސިފައިން ކިޔޭވް ހިފާނެކަމީ ޝައްކެތް އޮތް ކަމެއްނޫން ކަަމަށް ފާއިޒް ވިދާޅުވިއެވެ.

ޔުކްރޭންގެ ވެރިރަށް ކިޔޭވް

އޭނާ ވިދާޅުވިގޮތުގައި އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ލަފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 96 ގަޑިއިރު ތެރޭގައި ރަޝިއާ ސިފައިންގެ އަތްދަށަށް ކިޔޭވް ވެއްޓޭނެއެވެ.

ކިޔޭވް ހިފަން މަސައްކަތްކުރާ ރަޝިއާ ލަޝްކަރަށް ކުރިން ކުރިމަތިވި ލޮޖިސްޓިކް މައްސަލަތަކުގެ ބޮޑުބައި މިހާރު ހައްލުކޮށްފި ކަމަށް ބެލެވޭކަމަށާއި ނަމަވެސް ރަޝިއާ ސިފައިންނަށް ހަގީގީ ގޮންޖެހުން ކުރިމަތިވާނީ ކިޔޭވް ހިފުމަށްފަހު އެސިޓީ ކޮންޓްރޯލް ކުރުމަށާއި އެސިޓީގައި ފައިހަރުކޮށްލައިގެން ތިބުމަށް ކަމަށް ފާއިޒް ވިދާޅުވިއެވެ.

ރަޝިއާގެ ވަރުގަދަ މިސައިލް ހަމަލާތަކާއި ވައިގެ ހަމަލާތަކުގެ ސަބަބުން 14 ދުވަހުގެ ތެރޭގައި ޔުކްރޭން ސިފައިންގެ ލަޝްކަރުތައް ރޫޅިފައިވާއިރު ރަޝިއާ ސިފައިން ޔުކްރޭންގެ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކުގެ ބޮޑުބައިވެސް ވަނީ ހަލާކު ކޮށްލާފައެވެ. ޔުކްރޭން ސިފައިންނާ އަދި ކިޔޭވްގެ އާންމުން މިހާރު ތައްޔާރުވަނީ ރަޝިއާ ސިފައިންނާ ދެކޮޅަށް ގެރިއްލާ ހަނގުރާމަ ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ގެރިއްލާ ހަނގުރާމައަކީ ވަކި ހަމަތަކެއް އަދި ގަވައިދެއްނެތި މަގުތަކާއި ގޯޅިތަކާ އިމާރާތްތަކުގައި ހަތިޔާރު ހިފައިގެން ފިލައިތިބެ ކުއްލިއަކަށް ހަމަލާދީގެން ކުރާ ހަނގުރާމައަކަށްވާތީ މި ހާލަތަށް އެޑޮޕްޓްވާން އަދި ހަނގުރާމަ ކުރަން ރަޝިއާ ސިފައިންނަށް ދަތިވާނެ ކަމަށާ އަދި ކުރިން ބޭނުންކުރި ބަރުހަތިޔާރު ބޭނުންކުރަން މިހާލަތުގައި ރަޝިއާ ސިފައިންނަށް ފަސޭހަ ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މިފަދަ ހަނގުރާމައެއްގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަޝިއާ ސިފައިންގެ ގިނަ ބަޔަކު މަރުވެ އަދި ޒަޚަމްވުމަކީ ވަރަށް ގާތްކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަޝިއާގެ ވައިގެ ސިފައިން

ފާއިޒް ވިދާޅުވިގޮތުގައި މިހާލަތުގައި ކިޔޭވް އިން ރަޝިއާ ސިފައިންނަށް ކުރިމަތިވާނީ އަފްޣާން ހަނގުރާމައިގާ ތާލިބާނުންގެ ފަރާތުން އެމެރިކާއަށް ކުރިމަތިވިފަދަ ނުރައްކާތަކާއި ގޮންޖެހުންތަކެވެ. އަދި ކުރީގެ ސޮވިއެޓް ޔުނިޔަންގެ ސިފައިންނަށް 1980 ގެ އަހަރުތަކުގައި އަފްޣާނިސްތާނުގައި މުޖާހިދީން ހަނގުރާމަވެރިންގެ ފަރާތުން ކުރިމަތިވިފަދަ ނުރައްކާތަކާއި ގޮންޖެހުންތަކެވެ.

އަފްޣާނިސްތާނުން ކުރިމަތިވި ގެރިއްލާ ހަނގުރާމަތަކުގައި ކުރީގެ ސޮވިއެޓް (ކުރީގެ ރޫސީވިލާތުގެ) ސިފައިންނާ އަދި ފަހުން އެމެރިކާ ސިފައިންވެސްވަނީ ބަލިވެފައެވެ. ނޭޓޯގެ 34 ގައުމުގެ އެހީތެރިކަމާއެކު 20 އަހަރުވަންދެން އެމެރިކާ އަފްޣާނިސްތާނުގައި ތާލިބާނުންނާ ދެކޮޅަށް ހަނގުރާމަ ކުރިއިރުވެސް އެމެރިކާއަށް އަފްޣާނިސްތާނުގެ ދެބައިކުޅަ އެއްބައި ބިންވެސް ހިފިފައެއް ނުވެއެވެ.

އެމެރިކާއަށް ކުރެވުނުހާވެސް ކަމަކީ ދުރުގައި ތިބެފައި މަތިން ތާލިބާނުންގެ ތަންތަނަށް ބޮންއެޅުމެވެ. ފާއިޒް ވިދާޅުވިގޮތުގައި މިފަދަ ހަނގުރާމައަކަށް ދާނަމަ މުޅި ކިޔޭވްވެސް ފުނޑުފުނޑުވެގެންދާނެއެވެ. ދެވަނަ އަފްޣާނިސްތާނަށް ނޫނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޖަރުމަނު އޮތް ހާލަތަށް ހިނގައިދާނެއެވެ. އަދި ޔުކްރޭން ރައްޔިތުންގެ ގިނަ ބަޔަކުމަރުވެ އަތްފައި ބުރިވެފައިވާ ނުކުޅެދޭ މީހުންގެ އަދަދު ލައްކައިން ގުނާލެވޭ ހިސާބަށްވެސް ހިނގައިދާނެއެވެ.

ރަޝިއާއަކީ ޔުކްރޭންއާ ސަރަހައްދީ ރޮނގުން ގުޅިފައިވާ ގައުމަކަށްވާތީ އަފްޣާނިސްތާނުގައި އެމެރިކާއަށް ކުރިމަތިވި ލޮޖިސްޓިކް މައްސަލަތައް ޔުކްރޭންގައި ރަޝިއާއަށް ކުރިމަތި ނުވިނަމަވެސް ގެރިއްލާ ހަނގުރާމައިން ބޮޑެތި ބާރުތައް ބަލިކޮށްލެވިފައިވާތަން މާޒީންވަނީ ފެނިފައެވެ.

އިސްރާއީލު ސިފައިންނަށް އެއްގަމު މަގުން ޣައްޒާއަށް ވަންނަން ނުކެރެނީވެސް ފަލަސްތީނުގެ މުޖާހިދުންނާ ގެރިއްލާ ހަނގުރާމަ ކުރަންޖެހި މުޖާހިދުންގެ އަތްދަށުން އިސްރާއީލު ސިފައިންގެ އެތަށް ބަޔަކު މަރުވާނެކަމުގެ ބިރަށެވެ.

ރަޝިއާ ސިފައިން ކިޔޭވް އަށް އެއްގަމުން ހަމަލާދެނީ

ކިޔޭވްގެ އިތުރުން ޔުކްރޭންގެ އެހެން ސިޓީތައް ހިފުމުންވެސް ޔުކްރޭން ސަރުކާރުގެ ސިޔާސަތު ހުރިގޮތުން އެސިޓީތަކުން ރަޝިއާ ސިފައިންނަށް ކުރިމަތިވާނީ މިފަދަ ގެރިއްލާ ހަނގުރާމަ ކަމަށާ މިގޮތަށް ކަންތައް ގޮސްފިނަމަ ދިގު މުއްދަތަކުން ރަޝިއާ ސިފައިން ބަލިކޮށްލެވިދާނެއެވެ.

ނަމަވެސް ނަތީޖާއަކީ ޔުކްރޭންގެ މުޅި އިންފްރާސްޓްރަކްޗަރު ފުނޑުފުނޑުވެ ސްޓޯން އޭޖު ދުވަސްވަރުގެ ހާލަތަށް އެގައުމު ދިޔުން ކަމަށް އުރުދުންގެ އަސްކަރީ ތަޖްރިބާކާރު އަދި ސްޓްރެޓީޖިކް އެނަލިސްޓް، ރިޓަޔަޑް ޖެނެރަލް ފާއިޒް އައްދުވައިރީ ވިދާޅުވިއެވެ.

ޔުކްރޭންގައި ރަޝިއާ ބަލިކޮށްލުމަށްޓަކައި އެމެރިކާއާއި ނޭޓޯގެ ގައުމުތައް އޮތީ ކެތްމަދުވެފައެވެ. ޔުކްރޭންގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ނޭޓޯއިން އެގައުމަށް ގިނަ އަދަދެއްގެ ހަތިޔާރު މިހާރުވެސް ފޮނުވަމުން ގެންދާއިރު ގެރިއްލާ ހަނގުރާމައަކަށް ދިޔަސް އެމެރިކާއާއި ނޭޓޯ ކާމިޔާބު ކަމާއެކު މިކަންކުރާނެކަމަށް ފާއިޒް ވިދާޅުވިއެވެ.

ޔުކްރޭނާ ސަރަހައްދީ ރޮނގުގެ ގޮތުން ގުޅިފައިވާ ޕޮލެންޑާއި ރުމޭނިއާއަކީ ނޭޓޯގެ ދެގައުމަށް ވެފައި ޔުކްރޭނާއި މިދެގައުމު ގުޅިފައިވާ ސަރަހައްދީ ރޮނގަކީ ދެހާހެއްހާ ކިލޯމީޓަރުގެ ދިގު ސަރަހައްދެއްކަމުން މި ހާބޮޑު ސަރަހައްދެއް ރަޝިއާއަށް ކޮންޓްރޯލް ނުކުރެވޭނެތީ ހަތިޔާރު އެތެރެކުރުން ރަޝިއާއަށް ނުހުއްޓުވޭނެ ކަމަށް ފާއިޒް ވިދާޅުވިއެވެ.