ކަރަކާސް (10 މާޗް 2022): ޔުކްރޭންގެ ހަނގުރާމައާއެކު އެމެރިކާއިން ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ތެލުގެ އަގު ދެގުނަ ބޮޑުވެ އެމެރިކާގެ ކުންފުނިތަކަށާއި އާންމުންނަށް ބޮޑެތި ގެއްލުންތަކެއްވާން ފެށުމުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު އިތުރުކޮށްދިނުމަށް އެދި އެމެރިކާ އެގައުުގެ ދުޝްމަނެއްކަމަށްވާ ވެނެޒުއެލާގެ އެހީއަށް އެދިއްޖެއެވެ.

ރޮއިޓާސް ބުނާގޮތުން ރައީސް ޖޯ ބައިޑެންގެ އިސް މުސްތަޝާރެއް ކަމަށްވާ ޚުވާން ގޮންޒާލެސް މިހަފްތާގައިވަނީ އެމެރިކާގެ ވަފްދަކާއެކު ކުއްލި ގޮތަކަށް ވެނެޒުއެލާއަށް ވަޑައިގެން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯއާ ބައްދަލުކުރައްވައި ތެޔޮ އިތުރަށް ބާޒާރަށް ނެރުމަށް އެދި އިލްތިމާސް ކޮށްފައެވެ. ވެނެޒުއެލާއަކީ ރަޝިއާއާ ވަރަށް ގާތްގުޅުންތަކެއް އޮންނަ، އެމެރިކާގެ ޒަމާންވީ ދުޝްމަނެކެވެ.

އެމެރިކާއަކީ މީގެ ވިއްސަކަށް އަހަރުކުރިން ފެށިގެން ސިޔާސީ ސަބަބުތަކަށްޓަކައި ވެނެޒުއެލާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅާފައިވާ ގައުމެވެ. އަދި މީގެ ތިން އަހަރުކުރިން އެމެރިކާ ވަނީ ދަތިކުރުމުގެ މި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ވެނެޒުއެލާގެ ތެޔޮ އެމެރިކާއަށް އެތެރެކުރުންވެސް މަނާކޮށް އެމެރިކާގައި ހަރަކާތްތެރިވަމުންދިޔަ ވެނެޒުއެލާގެ ތެލުގެ ކުންފުންޏެއްކަމަށްވާ "ސިޓްގޯ ޕެޓްރޯލިޔަމް" އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.

ވެނެޒުއެލާ ބަލިކަށި ކޮށްލުމަށްޓަކައި އެމެރިކާ ވަނީ އެގައުމުގެ ބޭންކިން ނިޒާމުކަމަށްވާ ސްވިފްޓް ނިޒާމުންވެސް ވެނެޒުއެލާ ބޭރުކޮށްލާފައެވެ. މީގެއިތުރުން އެމެރިކާވަނީ ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްޓަކައި ސީއައިއޭ މެދުވެރިކޮށް ނުރައްކާތެރި ރޭވުމެއް ރާވައި ކޮލަންބިއާ މެދުވެރިކޮށް ކުލީ ސިފައިން ފޮނުވައިގެން އެ ޕްލޭން ތަންފީޒުކުރުމަށްވެސް ނާކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މި ރޭވުމުގެ ދަށުން ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ޚުވާން ގުވައިޑޯ ވަނީ 2019 ވަނައަހަރު އެމެރިކާގެ އެހީގައި ރައީސް ނިކޮލަސް މަދޫރޯގެ ޝަރުއީ ސަރުކާރުގެ މައްޗަށް ފާޅުގައި ބަޣާވާތް އިއުލާންކޮށް މަދޫރޯ އަކީ ވެނެޒުއެލާގެ ރައީސް ނޫންކަމާއި ރައީސަކީ ގުއައިޑޯ ކަމަށް އިއުލާންކޮށްފައެވެ. މިއާއެކު އެމެރިކާވަނީ މި ބަޣާވާތަށް ތާއީދުކޮށް ގުއައިޑޯއަކީ ވެނެޒުލާގެ ރައީސް ކަމަށް އިއުތިރާފް ވެފައެވެ.

ގުއައިޑޯ (އެމެރިކާގެ އެހީގައި ގެންނަން އުޅުނު ބަޣާވާތް ވަނީ ނާ ކާމިޔާބުވެފައި)

ގުއައިޑޯގެ ބަޣާވާތަށް އިއުތިރާފްވުމަށްފަހު އެމެރިކާ ގެންދިޔައީ މަދޫރޯ ވެރިކަމުން ދުރުކުރުމަށްޓަކައި އަސްކަރީ ގޮތުން ބިރު ދެއްކުމުގެ އިތުރުން މާލީ ގޮތުންނާއި ވިޔަފާރީގެ ގޮތުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ވޭންދެނިވި ފިޔަވަޅުތަކެއް އަޅައި އެގައުމު އެކަހެރިކުުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ވެނެޒުލާއަށް އަސްކަރީ ގޮތުން އަރައިގަންނަ ހިސާބަށްވެސް އެމެރިކާ ކަންތައްތައް ހޫނުކޮށްލިއެވެ.

ނަމަވެސް ރަޝިއާ ވެނެޒުލާގެ ފަހަތުގައި އޮވެ ވަރުގަދަ ހަތިޔާރު ވެނެޒުއެލާއަށް ފޮނުވުމުންނާއި ވެނެޒުއެލާގެ ސަރުކާރާއި ރައްޔިތުންގެ ހިތްވަރުން އެމެރިކާގެ ރޭވުންތައް ނާކާމިޔާބުވެ އެމެރިކާގެ ގޮނޑިކޮއްކޮ ކަމަށްވާ ޚުވާން ގުއައިޑޯ އެންމެފަހުންވަނީ މަގްސަދު ހާސިލްނުވެ ގައުމުގައި ބާކީވެ އޭނާގެ ސަލާމަތަށްޓަކައި އެމެރިކާގެ އެހީއަށް އެދެންޖެހިފައެވެ. ފަހުން އޭނާވަނީ މަސްރަހުންވެސް ގެއްލިފައެވެ.

އެދުވަސްވަރު އީރާނުން ވެނެޒުއެލާއަށް އެހީގެ ގޮތުގައި ތެލުގެ ބާވަތްތަކާއި ކާބޯތަކެތި ހިފައިގެން އެޓްލާންޓިކް ކަނޑު ހުރަސްކޮށް އެގައުމަށް ދިޔަ އީރާނުގެ ބޯޓުތަކަށްވެސް އެމެރިކާވަނީ ހުރަސްއަޅައި ބިރު ދައްކާފައެވެ.

ނަމަވެސް ޔުކްރޭން ހަނގުރާމައާއެކު އެމެރިކާ، ރަޝިއާއާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ތެލުގެ އަގު ދެގުނަ ބޮޑުވެ އެމެރިކާގެ އާންމުންނަށާއި ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެންފެށުމާއެކު އެމެރިކާ މިވަނީ މިހުރިހާ ކަމެއް ހަނދާން ނައްތާލައި ވެނެޒުއެލާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް ހުށަހަޅައި ދުނިޔޭގެ ބާޒާރަށް ތެޔޮ ނެރެދިނުމަށް އެދި ވެނެޒުލާގެ އެހީއަށް އެދިފައެވެ.

ރޮއިޓާސް ބުނާގޮތުން ރައީސް ޖޯ ބައިޑެންގެ އިސް މުސްތަޝާރު ޚުވާން ގޮންޒާލެސް އާ އެކު ވެނެޒުއެލާގެ މަސްއޫލުވެރިން ކުރެއްވި މަޝްވަރާތަކުގައި ވެނެޒުއެލާވަނީ އެމެރިކާ ބޭނުންވާ ގޮތަށް ދީލާލުމަށް ދެކޮޅު ހަދާފައެވެ. އެމެރިކާގެ ވަފްދު މަދޫރޯގެ ކިބައިން އެދުނުކަމަށްވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދޭގޮތަށާއި ސްވިފްޓް ނިޒާމުގައި ވަގުތީގޮތުން ވެނެޒުއެލާ ބައިވެރިކުރާގޮތަށް އެމެރިކާއަށް ސީދާ ގޮތެއްގައި ތެޔޮ ސަޕްލައިކޮށްދިނުމަށެވެ.

ނަމަވެސް ޚަބަރުތައް ބުނާގޮތުން މަދޫރޯވަނީ މިކަމަށް ދެކޮޅުހައްދަވައި އެގައުމާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް ނައްތާލުމުން މެނުވީ އެމެރިކާގެ އެއްވެސް އެދުމަކަށް އިޖާބަ ނުދެއްވާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ވަފްދަށް ރައްދު ދެއްވާފައެވެ.

ރައީސް މަދޫރޯގެ ކިބައިން އެމެރިކާގެ ވަފްދު އެދުނު ކަންކަމުގެ ތެރޭގައި ރަޝިއާ ޔުކްރޭނަށް އެރުން ކުށްވެރިކުރުމާއި ރަޝިއާއާ ގުޅުންތައް ކަނޑާލުންވެސް ހިމެނޭކަމަށްވެއެވެ. ޚަބަރުތައް ބުނާގޮތުން މަދޫރޯވަނީ މިކަންކަމަށް ފާޅުގައި ނޫނެކޭ ވިދާޅުވެފައެވެ.

އެމެރިކާގެ ވަފްދު އެނބުރި ގައުމަށް އައުމާއެކު ވައިޓް ހައުސްގެ ތަރުޖަމާންވަނީ އެމެރިކާގެ ވަފްދު ވެނެޒުއެލާގެ ރައީސް އާ ކުރި މަޝްވަރާތަކުން ވަރަށް ކުޑަ ކުރިއެރުމެއް ނޫނީ ނުލިބޭ ކަމަށް ވިދާޅުވެ އެކަމާބެހޭގޮތުން އިތުރު ތަފްސީލު ދެއްވުމަށް ފަސްޖެހިވަޑައިގެންފައެވެ.