ރައްޔިތުން މަޖިލީހުން ހުސްވެފައިވާ ކާށިދޫ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި އެވެ.

އެގޮތުން ކެންޑިޑޭޓް ނަންބަރު 1 ލިބިފައި ވަނީ ޖުމްހޫރީ ޕާޓީ އިން އެ ގޮނޑިއަށް ވާދަކުރައްވާ އަބްދުﷲ ޖާބިރު އަށެވެ. ކެންޑިޑޭޓް ނަންބަރު 2 ލިބިފައި ވަނީ އަމިއްލަ ގޮތުން ކުރިމަތި ލެއްވި މުހައްމަދު އަފީފަށެވެ. އަދި 3 ވަނަ ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާފައިވާ، ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)އަށް ލިބިވަޑައިގެންފައިވާ އިރު އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި އަހުމަދު ހަލީމަށް ލިބިވަޑައިގެންފައި ވަނީ ކެންޑިޑޭޓް ނަންބަރު ހަތަރެ ކެވެ.

ކާށިދޫ ގޮނޑި އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބުކޮށްފައިވާ އިރު، އިތުރު ދެ ރަށެއްގެ ހުސްވެފައިވާ ކައުންސިލްގެ މަގާމުތަކަށް ވެސް ވަނީ، ކެންޑިޑޭޓުން ތަރުތީބުކޮށްފަ އެވެ. އެގޮތުން މިއަދު ކެންޑިޑޭޓް ނަންބަރު ތަރުތީބު ކޮށްފައި ވަނީ ތ. ގާދިއްފުއްޓާއި ހދ. ކުމުންދޫގެ ކައުންސިލަށް ހުސްވެފައިވާ މަގާމުތަކަށެވެ.
ތ. ގާދިއްފުށި ކައުންސިލަށް ކުރިމަތިލައްވާފައި ވަނީ ދެ ކެންޑިޑޭޓެކެވެ. އެގޮތުން ކެންޑިޑޭޓް ނަންބަރު 1 ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ހުސައިން ސިޔާއުއަށް ލިބިފައިވާ އިރު ކެންޑިޑޭޓް ނަންބަރު 2 ލިބިފައި ވަނީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު އިރުޝާދު އަށެވެ.

ހދ. ކުމުންދޫ ކައުންސިލަށް ތިން މެންބަރުން ކުރިމަތިލައްވާފައިވާ އިރު ކެންޑިޑޭޓް ނަންބަރު 1 ލިބިފައި ވަނީ ޑީއާރުޕީގެ ފަރާތުން ބައިވެރިވާ އަބްދުލްހަކީމް އަބްދުލްކަރީމަށެވެ. އަދި ކެންޑިޑޭޓް 2 އެމްޑީޕީގެ ފަރާތުން ބައިވެރިވާ އައިޝަތު ހަސަން އަށް ލިބިފައިވާ އިރު ކެނޑިޑޭޓް ނަންބަރު 3 ވަނަ ލިބިފައި ވަނީ ޕީޕީއެމްގެ މުހައްމަދު ޝާފީއަށެވެ.

މިއަދު ތަރުތީބު ކުރި ތިން ދާއިރާގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް، ފޯމްލާފައިވާ ތަރުތީބުން، ގުރުއަތު ނަގައިގެން ތަރުތީބުކޮށްފައިވާ އިރު އެ ތިން ބައި އިލެކްޝަން ވެސް ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ މިއަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.