10 Mar 2022, 11:50
ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީނު ނުވެ، ރާއްޖެއިން ޖަޕާނަށް ދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާގޮތުން، އޮމިކްރޯން ވޭރިއެންޓާ ގުޅިގެން ފިޔަވަޅު އަޅާފައިވާ ގައުމުތަކުގެ ލިސްޓުން ރާއްޖެއާއި މެކްސިކޯ ވަނީ މިއަދުން ފެށިގެން އުނިކޮށްފައެެވެ.
މި ލިސްޓުގައި ރާއްޖެ ހިމަނާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހެވެ. ރާއްޖެއާއި މެކްސިކޯ އުނިކުރުމާއެކު އެ ލިސްޓުގައި މިވަގުތު އޮތީ 17 ގައުމެކެވެ.
ޖަޕާނުގެ ފޮރިން މިނިސްޓްރީން ހާމަކުރާ ގޮތުގައި، ފިޔަވަޅު އަޅާފައިވާ 17 ގައުމު ފިޔަވާ އެހެން ގައުމުތަކުން ދާ މީހުންގެ ތެރެއިން، ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީނުވާކަށް ނުޖެހޭނެ ކަމަށެވެ.
ނަމަވެސް، ވެކްސިން ފުރިހަމަނުކުރާ މީހުން، ނެގަޓިވް ޓެސްޓަކާއެކު ތިން ދުވަހު ކަރަންޓީނު ވާން ޖެހެއެވެ. ޓެސްޓުކުރަން ބޭނުން ނުވާ މީހުންނަށް ހަތްދުވަހުގެ ކަރަންޓީނެއް ވަނީ ކަނޑައަޅާފައެވެ.
ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ކަންޓްރީ މެނޭޖަރު ފައުޒާން ފަރީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ލުޔަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ހުޅުވާލެވުނު ދޮރެއް ކަމަށެވެ.
ކޮވިޑުގެ ކުރިން، ޖަޕާނަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރަމުން އައި ގައުމެކެވެެ. އެގޮތުން 2019ވަނަ އަހަރު އެ ގައުމުން ރާއްޖެއަށް ވަނީ 44،251 މީހުން ޒިޔާރާތްކޮށްފައެވެ.