އިރަމް އައިޒަކަށް ބަލައިލީ ފާޑަކަށެވެ. އެ ނަޒަރުން ފެނުނީ ހާސްކަމާއި، ގޮތް ހުސްވެފައިވާކަމުގެ އަސަރުތަކެވެ. އެއްޗެއް ވިސްނުނު ފަދައަކުން އިރަމް އެމީހުންނާއި ދުރަށް ހިނގައިގަތެވެ. ޝަކުވާއިން ހިތް ފުރެމުންދިޔަ ނަމަވެސް، އަމިއްލަ ހިތަށް ވިސްނައިދިނުމުގައި އޭނާ ކާމިޔާބު ހޯދީއެވެ. އައިޒަކް ވަގުތުން އިރަމްގެ އަތުގައި ހިފައި ހުއްޓުވިއެވެ. އުނަގަނޑުގައި ހިފަހައްޓާލައި ކައިރިކޮށްލީ، އެ އަންހެންކުއްޖާއަކީ، އޭނާގެ ކާކުކަން ހަމައެކަނި އަމަލުންވެސް އެހެންމީހުންނަށް ހާމަވާނެފަދަ ގޮތަކަށެވެ.

"މަންމާ!... މީ އިރަމް... އަހަ..ރެންގެ... އަނބި..މީހާ..." ޒަރީނާއަށް ވާނެގޮތެއް ނޭނގޭތީ އައިޒަކަށް ވާހަކަދެއްކުނީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ.

********

ޒަރީނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ހީވީ އޭނާގެ ކައިރީގައި ބޮމެއް ގޮއްވައިލި ހެންނެވެ.

"އޭނ؟... އަނބި..މީހާ..އޭ؟..." އައިޒަކްގެ މޫނުން އިރަމްގެ މޫނަށް ބަލައިލި ޒަރީނާގެ މޫނުން ފެނުނީ ގަބޫލުނުކުރެވިފައިވާފަދަ އަސަރުތަކެކެވެ.

"ކަންތައް ވީގޮތް މަންމައަށް..." އައިޒަކަށް ބުނެވުނީ އެހިސާބަށެވެ.

ޒަރީނާ ފަހަތަށް ޖެހިލިއެވެ. އައިޒަކް އެވަރުގެ ކަމެއް ސިއްރުން ކޮށްފާނެ ހެއްޔެވެ؟ އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކުނު ކުއްޖަކު، އެވަރުގެ ކަމެއް ސިއްރުކުރުމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންކަމެއް ހެއްޔެވެ؟ ޒަރީނާގެ ސިކުނޑި ފަޅައިގެންދާން ކައިރިވިއެވެ. އައިޒަކާއިމެދު ފޮނި ހުވަފެންތަކެއް ދެކެމުން ދަނިކޮށް، އެ ހުވަފެންތައް ވިއްސިވިހާލިވާން ހިނދުކޮޅެއްވެސް ނުނެގިއެވެ. އަމިއްލަ ދަރިއަކުދެކެވާ ފަދައިން އޭނާ އައިޒަކްދެކެ ލޯބިވިއެވެ. ޒަރީނާގެ ދެފައި ތުރުތުރު އަޅައިގަނެގެން ބިންމައްޗަށް ތިރިވާން އުޅުނެވެ. ސުވޭދާއަށާއި އައިޒަކަށް ޒަރީނާގެ ގައިގައި ހިފަހައްޓައިލެވުނީ އެކުއެކީގައެވެ. ޒަރީނާ ވަގުތުން އައިޒަކްގެ އަތް ފޮޅުވައިލިއެވެ. އޭނާ ސުވޭދާގެ އަތުގައި ހިފައި، ހަށިގަނޑު ސީދާކޮށްލަން މަސައްކަތް ކުރިއެވެ.

އިރަމް ހުރީ ހާސްވެގެން ހަދަންވީގޮތެއް ނޭނގިފައެވެ. އަމިއްލަ ނަފުސު ކުށްވެރިކުރެވުނު ފަދައިން އޭނާ އިސްޖަހައިލީ، އެއްވެސް މީހެއްގެ މޫނަށް ބަލައިލަން ނުކެރުމުންނެވެ.

ޒަރީނާ ހިނގައިގަތުމުން އައިޒަކްވެސް ފަހަތުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނާ އެނބުރި އައެވެ. އިރަމްގެ ކޮލުގައި އަތް ޖައްސައިލިއެވެ.

"ސޮރީ..." ކުށްވެރިއަކު ފަދައިން އައިޒަކް ބުންޏެވެ. "އައި ޕްރޮމިސް ޔޫ... އަހަރެން މިކަންތައް ހައްލުކުރާނަން..."

އައިޒަކް މާކިންއަށް ގުޅާފައި އިރަމް ގެއަށް ލައިދޭން އެދުނެވެ.

"ހާސްނުވައްޗޭ އިނގޭ... މަންމަ ކައިރީ މިވަގުތު ހުންނަން މަޖުބޫރުވެގެން މިދަނީ..." ވިސްނައިދޭ ކަހަލަ ރާގަކަށް އައިޒަކް ބުނެލިއެވެ.

"އަވަހަށް ދޭ..." އިރަމް ބުންޏެވެ.

އައިޒަކް ފޮނުވައިލަން ބޭނުންނުވި ނަމަވެސް، އިރަމްއަށް އެނޫންގޮތެއް ނެތެވެ. މަންމައަށްޓަކައި ބައެއް ކަންކަން ފަހަތަށް ޖައްސައިލުމަކީ މައްސަލައެއް ނޫނެވެ. އެދަނޑިވަޅުގައި ހުދު އޭނާ ނަމަވެސް ކަންތައް ކުރާނީ އެފަދައިންނެވެ.

"ސޮރީ އެކަނިކޮށްލާފަ ދާންޖެހޭތީ..." އައިޒަކް މަޢާފަށް އެދުނެވެ.

"ނޫން... އެއީ މައްސަލައެއް ނޫން... މިވަގުތު މަންމަ އެންމެ މުހިއްމުވާނީ..." އިރަމް ބުނެލިއެވެ.

"މަންމައަކީ ހިތުގެބަލި ހުންނަ މީހެއްވީމަ ވަރަށް ބަލަންޖެހޭ... ދުރު މީހެއްގެ އަތްމައްޗަށް ދުލެއްނުކޮށްލެވޭނެއެއްނުދޯ..." އައިޒަކް ވާހަކަދެއްކީ ވަރަށް ލޯބިންނެވެ.

*********

އެރޭގެ ހަތަރުދަމު އައިޒަކްގެ ހަބަރެއް ނުވުމުން އިރަމްއަށް ނުވެސް ނިދުނެވެ. އައިޒަކްގެ އިންތިޒާރުގައި އޭނާ ބޭރުގައި އެތައް އިރަކު އިނެވެ. ފޫހިވެގެން ޓީވީ އެޅުވިއެވެ. ޝާލިންއަށް މެސެޖުކުރިއެވެ. ގޭމެއް ކުޅުނެވެ. އެއިން އެއްވެސް ކަމަކުން އިރަމްގެ ހިތަށް ތަސައްލީއެއް ނުލިބުނެވެ. އައިޒަކްގެ މަތިން ހަނދާން ނައްތާލާފައި އެހެންކަމަކާއި މަސްއޫލުވެވޭގޮތެއް ނުވިއެވެ. އައިޒަކާއި ނުލައި، ނިދިވެސް އޭނާގެ ލޮލާއި އަލްވަދާއު ކިޔާފައިވާ ކަހަލައެވެ.

ޖެހިގެން އައި ދުވަހު އައިޒަކް އޮފީހަށް ނައުން ވެގެންދިޔައީ އިރަމްގެ ހިތް މުޅީން މާޔޫސްކުރުވި ކަމަކަށެވެ. އިރަމްގެ ތަބީއަތު އިތުރަށް ޚަރާބުވިއެވެ. އޮފީހުގެ އެއްވެސް ކަމަކަށް ސަމާލުކަން ދެވޭގޮތެއް ނުވެގެން އޭނާ އޮތީ މޭޒުގައި ބޯ އަޅާލައިގެންނެވެ. އޭރު އޭނާގެ ހިތް އެކި ވަސްވާސްތަކުން ފުރެމުން ދިޔައެވެ.

"އައި ހޭޓް ޔޫ..." އިރަމް ހިތާއިހިތުން ވާހަކަ ދައްކަމުން ދިޔައެވެ. "ނުގުޅިޔަސް، މެސެޖެއް ކޮށްލެވޭނެއެއްނު... އަހަރެން ހުރީ ސަލާމަތުންތޯވެސް ބަލާނުލެވޭތަ؟... ފޫހިވޭ، ފޫހިވޭ، ވަރަށް ފޫހިވޭ..."

ފޯނު ރިންގްވާން ފެށުމުން އިރަމް ފުންމައިގެން ތެދުވިއެވެ. އެ މޫނުމަތި އުޖާލާވި ނަމަވެސް، އެއީ ހިނދުކޮޅެއްގެ ކަމެކެވެ. ގުޅީ އައިޒަކް ނޫންކަން އެނގުމުން، އޭނާގެ މޫނުން ފެނުނީ މާޔޫސްކަމެވެ. އިރަމް ފޯނު ނެގިގޮތަށް ޝާލިންގެ ކައިރީގައި ޝަކުވާތައް ބަންޑުންކޮށްލިއެވެ. ވާހަކައިގައި ހުރެގެން އޮފީސް އިމާރާތުގެ ޓެރެސް ބަޔަށް ދެވުނު ގޮތްވެސް އޭނާއަށް ނޭނގުނެވެ.

"ދެން އިރޫ ނުވެސް ގުޅަން؟... އޭނައަށް ގުޅާލަބަލަ... އޭރުންދޯ އެނގޭނީ ވީގޮތެއްވެސް..." ޝާލިން ލަފާދިނެވެ.

"ނުކެރޭނެ..." ގޮތް ހުސްވެފައިވާފަދައަކުން އިރަމް ބުންޏެވެ.

"ކީއްވެތަ ނުކެރެންވީ؟..." ޝާލިން ސުވާލުކުރީ ޝަކުވާގެ ރާގަކަށެވެ.

"ހުރިހާ ކަމެއްވީ އަހަރެންގެ ސަބަބުން..." އިރަމްގެ އަޑު ކުރެހުނެވެ.

"ކީއްވެ އިރޫގެ ސަބަބުންނޭ ތިބުނަނީ؟... އެއީ އިރޫގެ ފިރިމީހާއެއް ނޫންތަ؟... ޒެކް މަންމަ ކައިރީ ދޮގެއް ނޫނެއްނު އެ ހެދީކީ..." ޝާލިން މަސައްކަތްކުރީ އިރަމްއަށް ވިސްނައިދޭށެވެ.

"އެކަމަކުވެސް ނުކެރޭނެ...." އިރަމް ދެކޮޅުހެދިއެވެ.

"އަހަރެން ގުޅަންތަ ޒެކްއަށް؟..." ޝާލިން ސުވާލުކުރިއެވެ.

"ނޫން،ނޫން..." އިރަމް އަވަސްއަވަހަށް ބުންޏެވެ.

"ކީއްވެތަ؟..." ޝާލިންއަށް އެގޮތް ކަމަކުނުދިޔައެވެ.

"އޭރުން ޒެކް ބުނާނެ، އަހަރެން މީހުން ކައިރީ ފާޑުފާޑުގެ ވާހަކަ ދައްކަނީއޭ..." އިރަމް ބުންޏެވެ.

"އެކަމަކު އިރޫ... ތިހެން ކަންތައްކުރީމަ ރަނގަޅެއް ނުވާނެއޭ..." އަކުރުތަކަށް ދަމައިލަމުން ޝާލިން ބުނެލިއެވެ.

"އަހަންނަށްވެސް ނޭނގެ ދެން ހަދާނެގޮތެއް..." ކަރުއެލުވައިލަމުން އިރަމް ބުންޏެވެ.

"ދެން ކިހިނެއް ހަދަން ތި ގަސްދުކުރަނީ؟... މިއަދު ރާއްޖެތެރެއަށް ފުރަންވެސް ޖެހެއެއްނު... ޒެކްގެ ހުއްދަ ނުހޯދާ ދާނީތަ؟... ނޫނީ ނުގޮސް މަޑުކުރާނީތަ؟..." ޝާލިން ސުވާލުކުރިއެވެ.

"ޝާލް!... ނޭނގެ... އަހަރެން ބޯ ގޮވައިފި..." އިރަމްއަށް ރޮވޭގޮތްވިއެވެ.

"ވަރަށް ރަނގަޅަށް ވިސްނާފަ ގޮތެއް ނިންމާތި އިނގޭ... އިރޫ ކޮންމެ ގޮތަކަށް ނިންމިޔަސް، އަހަރެން އިރޫއަށް ސަޕޯޓްދޭނަން..." ޝާލިން ވަރަށް ލޯބިން ބުންޏެވެ.

"ތޭންކްސް... ދެން ބާއްވަނީ..." އިރަމް ފޯނު ކަނޑައިލީ ވާހަކަ ދައްކާނެ ހިތްވަރު ނެތުމުންނެވެ.

އިރަމްއަށް ހުރިތަނަށް ތިރިވެވުނެވެ. ގިސްލެވެން ފެށުމުން، އޭނާ ދެއަތުން މޫނު ފޮރުވައިލިއެވެ. ޓެރެސްގައި އެއްވެސް މީހަކު ނެތްކަން އެއީ އޭނާގެ ނަސީބެވެ. ހިތްފުރެންދެން ރޯލުމުން އިރަމްގެ ހިތަށް ފިނިކަން ލިބުނެވެ. އޭނާއަށް ނޭނގުނީ އެ އަޑު އިވޭ ހިސާބުގައި މީހަކު ހުރިކަމެވެ. އިރަމްގެ ރުއިމުގެ އަޑުން އެމީހެއްގެ ހިތް ކުދިކުދިވިކަމެވެ.

ދެލޯ ފޮހެލުމަށްފަހު، ފުން ނޭވާތަކެއް ލާފައި އިރަމް ހިނިތުންވެލިއެވެ. ދެން ނުރޯން ހިތުގެ އަޑިން އަޒުމުކަނޑައެޅިއެވެ. އޭނާ ފަސްއެނބުރުނު ވަގުތު ދާދި ކައިރީގައި ހުރި ޒިވިއަން ފެނި ސިއްސައިގެން ދިޔައެވެ. ހާސްވެގެން ދެލޯ ބޮޑުވީ، ދެންމެ ހިނގައިދިޔަ ކަންތައް ޒިވިއަންއަށް އެނގިދާނެތީއެވެ.

"މިތާ ކީއްތިކުރަނީ؟..." ޒިވިއަން އަހައިލިއެވެ.

ޒިވިއަންގެ ސުވާލުން އިރަމްއަށް ހަމަޖެހުމެއް ލިބުނެވެ. އޭނާ ރުއި އަޑު ޒިވިއަންއަށް ނީވޭކަން އެނގުނެވެ. އޭނާ އަވަހަށް ހިނިތުންވެލިއެވެ.

"ފިނިކޮށްލަން އައީ..." އިރަމް އަވަސް އަވަހަށް ޖަވާބު ދިނެވެ.

"މިހާ ހޫނުގަދަ ގަޑިއެއްގަ؟.. މިތާ ނެތެއްނު ހިޔާކޮޅެއްވެސް..." ވަށައިގެން ނަޒަރު ހިންގައިލަމުން ޒިވިއަން ބުންޏެވެ. "ކެބިންގެ އޭސީ ހަލާކުވީތަ؟..."

"އޭނ؟..." ބުނެވުނު އެއްޗެއްގެ މޮޔަކަމުން އިރަމް ލަދުން ހަލާކުނުވީ ކިރިޔާއެވެ.

"މޮޔަ އަންހެންކުއްޖާ..." ޒިވިއަން ހިތާއިހިތުން ބުނެލިއެވެ. އޭނާ އިރަމްއަށް ބަލަން ހުރީ ހަމްދަރުދީއިން ފުރިފައިވާ ނަޒަރަކުންނެވެ.

އިރަމް އެހާވަރަށް ހިތުގައި ޖެހިފައި ރުއީ ކީއްވެ ހެއްޔެވެ؟ ދޮގެއް ހަދަން ނޭނގޭ މައުސޫމު ކުއްޖަކަށް ދެރައެއް ދޭނީ ކާކު ހެއްޔެވެ؟

"ދަތުރަށް ރެޑީތަ؟..." ޒިވިއަން މައުޟޫޢު ބަދަލުކޮށްލިއެވެ.

********

އެތައް އިރަކު ވިސްނުމަށްފަހު އިރަމް ނިންމީ އޮފީސް ދަތުރުގައި ބައިވެރިވުމަށެވެ. އޭނާ އައިޒަކަށް ގުޅީ ފުރަންދާން ނުކުމެފައެވެ. ލޯންޗަށް އެރުމުގެ ކުރިން އައިޒަކްގެ ކައިރީގައި އެވާހަކަ ބުނެލަން ބޭނުންވުމުންނެވެ.

"ހަލޯ..." އަންހެނެއްގެ އަޑު އިވުމުން އިރަމްއަށް އިސްކްރީނަށް ބަލައިލެވުނީ ގުޅުނީ އައިޒަކަށްކަން ޔަގީންނުވެފައިވާ ފަދައަކުންނެވެ.

"ހަލޯ..." އަނެއްކާވެސް އެމީހަކު ބުނެލި އަޑު އިވުނެވެ.

އިރަމްއަށް އެއްޗެއް ބުނެވޭގޮތެއް ނުވިއެވެ.

"ޒެކް ފާހާނާގަ އުޅެނީ... ކުޑައިރުކޮޅެއް ފަހުން ގުޅާ..." ވިޝްކާ ފޯނު ކަނޑައިލިއެވެ.

އިރަމް ހުރީ ގަބުވެފައެވެ. އައިޒަކްގެ ފޯނު ނެގީ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟ އައިޒަކާއި އެކުއްޖާ އާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އައިޒަކް ފާހާނާގައި އުޅޭއިރު، އެކުއްޖާ އައިޒަކްގެ ކޮޓަރީގައި ހުންނަންވީ ކީއްވެ ހެއްޔެވެ؟ އައިޒަކްގެ ފޯނަށް އަންނަ ކޯލުތަކަށް ޖެހިލުމެއްނެތި ޖަވާބުދެވޭނީ ކޮންމެވެސް ގާތް މީހަކަށް ވީމައިކަމަށް އިރަމްއަށް ގަބޫލުކުރެވުނެވެ.

އިރަމް ހަދަންވީގޮތެއް ނޭނގިފައި ހުއްޓައި، ޒިވިއަން އޭނާގެ މޫނުމަތީގައި އަތް ހޫރައިލިއެވެ. އިރަމްއަށް ނޭނގުނު ނަމަވެސް، ޒިވިއަން ހުރީ އިރަމްގެ ކޮންމެ ހަރަކާތެއް ބަލާށެވެ.

"ކޮބާ، ހިނގާ އަރަން..." ލޯންޗަށް އިޝާރާތްކޮށްލަމުން ޒިވިއަން ބުންޏެވެ.

އޭނާ ގޮސް ލޯންޗަށް އަރާ ފަހު ފަހަރަށް ފަސްއެނބުރި ބަލައިލިއެވެ.

********

އައިޒަކް ފާހާނާއިން ނުކުތްއިރު، ވިޝްކާ ކޮޓަރީގައި ހުރުމުން ދެބުމަ ގޮށްޖަހައިލިއެވެ. ވަގުތުން ކޮޓަރިން ނުކުންނަން އެނގިއެވެ. ވިޝްކާ ފާޑަކަށް ހީލާފައި ކޮޓަރިން ނުކުމެގެން ދިޔައެވެ.

ތައްޔާރުވެލައިގެން އައިޒަކް ގޮސް ހުއްޓުނީ ޒަރީނާގެ ކޮޓަރި ދޮރުމަތީގައެވެ. ރޭގެ ހާދިސާގެ ސަބަބުން ޒަރީނާގެ ކުރިމައްޗަށް އަރަން އައިޒަކް ހުރީ ޖެހިލުންވެފައެވެ. ޒަރީނާ ހިތްހަމަނުޖެހިއްޖެނަމަ، އެކަން ބަރުދާސްތު ނުކުރެވިދާނެތީ އައިޒަކްގެ ހިތް ބިރުގަނެފައިވިއެވެ.

ދޮރުގައި ޓަކި ޖަހައިލި ނަމަވެސް އެތެރެއިން ޖަވާބެއް ނައެވެ. ދެފަހަރަކު ޓަކި ޖަހައިލާފައި އައިޒަކް އުޅުނީ އެނބުރި އައިކޮޅަށް ދާށެވެ.

ދޮރު ހުޅުވައިލި އަޑު އިވުނެވެ. ފަސްއެނބުރި ބަލައިލަން ނުކެރިފައި އައިޒަކް އިރުކޮޅަކު ހުއްޓެވެ. އޭނާ މަޑުމަޑުން ފަސްއެނބުރި ބަލައިލީ، އެމީހަކު ނުކުމެ ދޮރު ލައްޕައިލި އަޑު އިވުމުންނެވެ.

(ނުނިމޭ)