ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމާ އެކު މިދިޔަ ފެބުރުއަރީ މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ދަށަށް ހިނގައްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ލަފާކޮށްފި އެވެ.

އިނގިރޭސި ވިލާތުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތުގެ ދަށުން، އެ ގައުމުގެ އޮންލައިން ނޫސް "ޓްރެވަލް ޑެއިލީ"އަށް ދެއްވި އިންޓަވިއުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެފައި ވަނީ ޓޫރިޒަމާ ދެކޮޅަށް ހިންގާ އެކި މަސައްކަތްތަކާ ހުރެ މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ހަ ޕަސެންޓަށް ދައްވެފައިވާ ކަމަށާއި ރާއްޖެ އަށް ޗާޓަރު ފްލައިޓްތައް އިތުރުކޮށްގެން ވެސް ޓޫރިސްޓުން އަންނަ ވަރު އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑު ޓުއާއޮޕަރޭޓަރުންނާ ވެސް ބައްދަލުކުރިން. އަޅުގަނޑުމެން މިދާ އެޕްރޯޗްގައި ގޮސްފިއްޔާ އަޅުގަނޑުމެންގެ ޓާކެޓަށް ދެވޭނެ،" ލަންޑަންގައި މި ވަގުތު ހުންނެވި އަދީބު ވިދާޅުވެފައިވެ އެވެ.

މިދިޔަ އަންގާރަ ދުވަހު އިނގިރޭސި މީޑިއާގެ ފަރާތްތަކާ ބައްދަލުކުރައްވައި އަދީބު ވިދާޅުވެފައި ވަނީ މި އަހަރު އެއް މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ގެނައުމުގެ އަޒުމުގައި ހުންނެވި ކަމަށާއި އެމަގުސަދު ހާސިލް ކުރައްވަން ހުރިހާ ފަރާތްތަކުން ވެސް ސިޔާސީ ކަންކަން އެއްފަރާތްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޓްރެވަލް ޑެއިލީ އަށް އަދީބު ވިދާޅުވެފައި ވަނީ ސިޔާސީ ކަންތައްތަކާ އިންޑަސްޓްރީއާ ނުގުޅުވާނޭ ކަމަށާއި ސްޕާތައް ބަންދުކުރުން ފަދަ ފިޔަވަޅުތައް ނާޅުއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން (ޓޫރިޒަމަށް) ގެއްލުންވާ އެއްވެސް ކަމެއް ނުކުރާނަން. އެ ޔަގީންކަން ދެން،" އަދީބު ވިދާޅުވެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައި ވަނީ ސިޔާސީ ހަލަބޮލިކަމާ ހުރެ ޗައިނާ، ރަޝިޔާ އަދި ޖާމަނީން ރާއްޖެ އަންނަ ޓޫރިސްޓުން އަދަދު ވަނީ މަދުވެފަ އެވެ. އަދި "6733" ބެޑް ނައިޓްސް ވަނީ ކެންސަލްކޮށްފަ އެވެ.
އަދި މަޓީން ލަފާކޮށްފައި ވަނީ ރާއްޖޭގެ ޓޫރިޒަމަށް 100 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ)ގެ ގެއްލުންވެފައިވާ ކަމަށެވެ.