ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބުރުޒުމަގުގައި ޕާކްކޮށްފައި އޮތް ޓެކްސީއަކުން އަތުލި މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ޓެކްސީއަކުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ހޯޑެއްދޫ ގުލޭނޫރަންމާގޭ އަލީ ޒުބައިރާއި އެ ރަށު އިރުމަތީގޭ އަހުމަދު ސުނައިނާއި އެ ރަށު އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަމާން މުޙައްމަދު ނަޖީބު "ސަން"އަށް ވިދާޅުވީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ އެންމެން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ބުރުޒުމަގުން ޓެކްސީއެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި އަޅާފައިހުރި 28 ރަބަރު ޕެކުޓު ވަނީ ހޯދާފައެވެ. އަދި ސައިކަލެއްގެ މަޑި ދަށުން ވެސް ވަނީ ފަސް ޑްރަގު ޕެކެޓު އަތުލައި ގަނެފައެވެ.

އަރުޝަދުގެ އިތުރުން އެ މަސްތުވާތަކެއްޗާ ގުޅުންހުރި މީހުންނަކީ އޭނާގެ ބޭބެ އަޙްމަދު މުޖާހިދު،29، އާއި ގދ. ހޯޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު،52، އާއި ހަމަ އެރަށު ދޯދި، މުހައްމަދު އަކްރަމް އަބްދުލް ހަންނާން،31، ކަމަށް ފުލުހުން ބުންޏެވެ.

އެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމަށްފަހު އަރުޝަދު ޚާލިދު އާއި މުޙައްމަދު އަކްރަމް ޢަބްދުލް ޙަންނާން ވަނީ ރާއްޖޭން ފުރައިގެން ގޮސްފައި ކަމަށް ފުލުހުން ބުންޏެވެ.

އެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގެ އެންމެ އިސްމީހަކީ އަދި އިރުޝާދު ދީފައިވަނީ އަރުޝަދު ކަމަށްވެސް ފުލުހުން ބުނެއެވެ.

ޑްރަގު އެތެރެކޮށް ގެންގުޅުމުގެ މައްސަލައެއްގައި މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އަރުޝަދު ހައްޔަރު ކުރީ ގިނައަދަދެއްގެ މަސްތުވާ ތަކެއްޗާއެކުގައެވެ. އޭނާގެ މައްޗަށް ކުރި ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުން ކުރުމާ އެކު އޭނާ ވަނީ މިނިވަންވެފައެވެ.

އަރުޝަދާއެކު އެ މައްސަލާގައި އަޙްމަދު ސުނައިން އާއި ޢަލީ ޒުބެއިރަށް ވެސް ދައުވާކުރިއެވެ. އެ އެންމެންގެ މައްޗަށް ވެސް ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މިނިވަންވުމާއެކު ދުބާއީގައި ހުރެގެން އޭނާގެ ޑްރަގް ނެޓްވޯކް އޮޕަރޭޓްކުރާ ކަމަށް ތުހުމަތުކުރެވެއެވެ.