10 Mar 2022, 09:15
ރަޝިއާގެ ދައުލަތާ ގުޅުން ހުރި މީޑިއާތަކުން ހިއްސާ ކުރާ ވާހަކަތައް އާންމު ފަރާތްތަކުން "ޝެއާ" ކުރުމާ ދެކޮޅަށް އިންސްޓަގްރާމުން ފިޔަވަޅެއް އަޅައިފިއެވެ.
ޔޫކްރޭން ހަނގުރާމައާ ގުޅުވައިގެން، މިިދިޔަ އަންގާރަ ދުވަހު އިންސްޓަގްރާމުން ވަނީ ރަޝިއާ ސަރުކާރުގެ ޕްރޮޕަގަންޑާ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އަދި ޔޫކްރޭނާއި ރަޝިއާގެ އެކި ކަންކޮޅުތަކުގައި އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ ޕްރައިވެސީ ހިމާޔަތް ކުރުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ބުނެފައެވެ.
އެ މަސައްކަތުގެ ދަށުން އިންސްޓަގްރާމުން މިހާރު ވަނީ، ރަޝިއާގެ ދައުލަތާ ގުޅުން ހުރި މީޑިއާތަކުގެ ޕޯސްޓްތައް "ޑައުންރޭންކް" ކުރަން ފަށާނެ ކަމަށް ބުނެފައެވެ. އެހެންކަމުން އެ މީޑިއާތަކުން ހިއްސާ ކުރާ ޕޯސްޓުތައް ފެންނާނީ، އެހެން ހުރިހާ އެކައުންޓަކުން ހިއްސާ ކުރާ ޕޯސްޓުތަކަށް ފަހުގައެވެ.
މީގެ އިތުރުން، ރަޝިއާ ސަރުކާރާ ގުޅުން ހުރި އެކައުންޓުތަކުން ހިއްސާ ކުރާ ޕޯސްޓުތައް އަލުން ޝެއާ ކުރަން މަސައްކަތް ކުރާ މީހުންނަށް، "ރަޝިއާގެ ދައުލަތުގެ ކޮންޓްރޯލް އޮންނަ މީޑިއާ"ގެ ވާހަކަތައް ނުފެތުރުމަށް ސަމާލުވުމަށް އެދޭ ޕޮޕްއަޕް މެސެޖެއް ފެންނާނެއެވެ.
މި މެސެޖުގައި ވަނީ ""އިންސްޓަގްރާމުން ގަބޫލުކުރާ ގޮތުގައި މި ޕޯސްޓް އުފެއްދި އެކައުންޓަކީ ރަޝިއާ ސަރުކާރުގެ އެޑިޓޯރިއަލް ކޮންޓްރޯލްގެ ދަށުގައި އޮތް އެކައުންޓަކަށް ވެދާނެ" ކަމަށެވެ.
ހަމައެއާއެކު، ރަޝިއާގެ ދައުލަތުގެ މީޑިއާއާ ގުޅުން ހުރި ޑޮމެއިންތަކަށް އިޝާރާތްކޮށް ލިންކް ސްޓިކާތަކާ އެކު ވާހަކަތައް ޝެއާ ކުރާ މީހުންނަށް ވެސް ހަމަ އެ މެސެޖު ފެންނާނެއެވެ.
އިންސްޓަގްރާމުން ވަނީ، ރަޝިއާގެ ދައުލަތާ ގުޅުން ހުރި އެކައުންޓުތަކުގެ ކޮންޓެންޓު، ރީލްސް އާއި ޑިސްކަވަރީ ޓެބް ފަދަ ތަންތަނުން ދެން ނުފެންނާނެ ކަމަށް ވެސް ބުނެފައެވެ.
އިންސްޓަގްރާމްގެ އިތުރުން ފޭސްބުކުން ވެސް ވަނީ ދައުލަތާ ގުޅުން ހުރި މީޑިއާތަކުގެ ކޮންޓެންޓު، އިންޒާރުގެ ލޭބަލް ބޭނުންކޮށްގެންނާއި ޑައުންރޭންކް ކޮށްގެން ނުފެންނަ ގޮތަށް ހަދަން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.