09 Mar 2022, 21:03
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި އަވަށްޓެރި ސްރީ ލަންކާ އާއި ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރުން ބައިވެރިވާނެ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރު ޒާހިދު އަހްސަން ރެސެލް އާއި ލަންކާގެ ކުޅިވަރު ވަޒީރު ނަމާލް ރާޖަޕަކްސާއަށް ދެއްވި ދައުވަތު ގަބޫލުކުރެއްވީތީ މިނިސްޓަރު މަހްލޫފް ވަނީ އެ ދެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ލަންކާގެ ކުޅިވަރު ވަޒީރާ ބެހޭ ވަޒީރު ނަމާލް ވަނީ މިދިޔަ އަހަރުގެ ފަހު ކޮޅު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ލަންކާ ވާދަކުރި މެޗު ބައްލަވާލެއްވުމަށް ވެސް ރާއްޖެ ވަޑައިގެންފައެވެ. އަދި އޭގެ ފަހުން މިނިސްޓަރު މަހްލޫފް ވަނީ ލަންކާއަށް ވަޑައިގެންފައެވެ. މިނިސްޓަރު މަހްލޫފާއި ނަމާލްއަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ބޭފުޅުންނެވެ. އަދި ލަންކާއިން އަންނަނީ ރާއްޖޭގެ ކުޅިވަރު ކުރި އެރުވުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.
މިނިސްޓަރު މަހްލޫފް ކުރެއްވި ޓުވީޓަށް ރިޕްލައި ކުރައްވައި ނަމާލް ވިދާޅުވެފައިވަނީ، ކުޅިވަރުގައި ރާއްޖެއިން ފާއިތުވި އަހަރުތަކުގައި ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، މި އެވޯޑް ހަފްލާގައި ބައިވެރިވުމަކީ އޭނާއަށް ލިބޭ ޝަރަފެއްކަމަށެވެ. އަދި މި ހަފްލާގައި ބައިވެރިވުމަށް ދައުވަތު ދެއްވީތީ ނަމާލް ވަނީ މިނިސްޓަރު މަހްލޫފަށް ޝުކުރު ވެސް އަދާކޮށްފައެވެ.
މި ހަފްލާގައި ބައިވެރިވާ ބަންގްލަދޭޝްގެ ކުޅިވަރު ވަޒީރު ޒާހިދު ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ރާއްޖެއަށް ވަޑައިގެންނެވި ދަތުރުގައި އެކަމަނާގެ އަރިހުގައި ރާއްޖެ ވަޑައިގެންފައެވެ. ބަންގްލަދޭޝް އަކީ ވެސް ރާއްޖޭގެ ކުޅިވަރަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެކެވެ. މިނިސްޓަރު މަހްލޫފްގެ ދައުވަތަކަށް ބަންގްލަދޭޝްގެ ގައުމީ ވޮލީ ޓީމުން ވަނީ ރާއްޖޭގައި މެޗުތަކެއް ވެސް ކުޅެފައެވެ. އަދި މިނިސްޓަރު މަހްލޫފް ވެސް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބަންގްލަދޭޝްއަށް ވަޑައިގެންފައެވެ.
މި ދެ ބޭފުޅުންގެ އިތުރުން ވެސް އަވަށްޓެރި އެހެން ގައުމުތަކުގެ ކުޅިވަރު ވަޒީރުން ވެސް މި ހަފްލާގައި ބައިވެރިވާނެކަމަށް ބެލެވެއެވެ.
މީގެ އިތުރުން މި ހަފްލާގައި ބައިވެރިވާނެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނާއި ލެޖެންޑުން ވެސް ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް، ބްރެޒިލްގެ ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް އަދި އިނގިރޭސި ޕެރަލިމްޕިކް ލެޖެންޑް ލޫސީ ޝުކާ އަދި ދުނިޔޭގެ އެއްވަނަ ޕޫލް އެންޑް ބިލިއާޑް ކުޅުންތެރިޔާ އަލްބިން އައުސްޗަން ހިމެނެއެވެ.