10 Mar 2022, 08:03
އަލުއްވަކީ ދިވެހިންގެ ކެއުމުގެ ތެރޭގައި ވަރަށް ގިނައިން ބޭނުންކުރާ ތަރުކާރި އެކެވެ.
އަލުވި ރިހަ، އަލުވި ބޯކިބާ، ހަނާކުރި އަލުވި އަކީ ދިވެހިންގެ ސުފުރާމަތިން އާންމުކޮށް ފެންނަ ކާނާތަކެވެ.
ހަށިގަނޑަށް ފައިދާ ލިއްބައިދޭ ގިނަ އަދަދެއްގެ އެންޓިއޮކްސިޑެންޓް އެކުލެވޭ އަލުއްވަކީ ކެންސަރު ބަލިން ރައްކާތެރިކޮށްދޭ ތަރުކާރީއެކެވެ.
އަލުވީގައި ރެސިސްޓެންޓް ސްޓާޗް ނަމަކަށް ކިޔާ ޚާއްޞަ ވައްތަރެއްގެ ސްޓާޗެއް ހިމެނެއެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ރެސިސްޓެންޓް ސްޓާޗް އަކީ ސިއްހީ ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން، މި ސްޓާޗް އިންސިއުލިން ރެސިސްޓެންސް ދަށްކޮއްދޭން އެހީތެރިވެދެއެވެ. މީގެ ސަބަބުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.
އަލުވީގައި ގިނަ އަދަދަކަށް ކާބޯހައިޑްރޭޓް އެކުލެވިގެންވާއިރު، ހަޖަމްވުމުގެ މަސައްކަތް ހަލުވިކޮށްދިނުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން ގޮހޮރުގެ ހަރަކާތް އިތުރުކޮށްދީ، ބަނޑުހިކުމުން ރައްކާތެރިކޮށްދިނުމުގެ އިތުރުން، ގޮހޮރާއި، ފުރަގަސްފަރާތުގެ ކެންސަރުން ރައްކާތެރިކޮށްދެއެވެ.
އަލުއްވަކީ ވިޓަމިން ސީ އެކުލެވޭ މިންވަރު ގިނަ ތަރުކާރީއެކެވެ. އާންމު ގޮތެއްގައި އަލުވީގެ 100 ގްރާމްގެ ސާވިންއެއްގައި ގާތްގަނޑަކަށް 17 މިލިގްރާމްގެ ވިޓަމިން ސީ އެކުލެވިގެންވެއެވެ. އޭގެ އިތުރުން އަލުވީގައި ވިޓަމިން އޭ އަދި ބީ ވެސް އެކުލެވިގެންވެއެވެ.
އަލުއްވަކީ ފައިބަރު ގިނަ އެއްޗަކަށް ވުމުން ކޮލޮރެކްޓަލް ކެންސަރު ފަދަ ސީރިއަސް ހާލަތްތަކުން ވެސް ހަށިގަނޑު ރައްކާތެރިކޮށްދެއެވެ. ފައިބަރަކީ ހިތުގައިވާ އާޓަރީތަކާއި ލޭހޮޅިތަކުގެ ތެރެއިން ކޮލެސްޓްރޯލް ބޭރުކުރުމަށް އެހީތެރިވާ އެއްޗެކެވެ. މީގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރުވެގެންދެއެވެ.