15 Mar 2012, 14:03
އަވަސް އިންތިހާބަކަށް ދިއުމަށް އޮތް މަގަކީ މަޖިލިސް ހުޅުވިގެން ކަމަށާއި މިދަނޑިވަޅުގައި މަޖިލިސް ހުއްޓުވާފައި ބޭއްވުމަކީ ގައުމަށް މަސްލަހަތު ހުރިގޮތެއް ނޫން ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރެއްވުމަށް ފަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަވަސް އިންތިހާބަކަށް ދިއުމުގެ މަގު ފެންނަން އޮތީ މަޖިލީހުގެ ތެރެއިން ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށެވެ. އަދި އަވަސް އިންތިހާބަކަށްދާ ނަމަ ސިޔާސީ ޕާޓީތަކުން ވެސް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ބުނަމުންދާ އިރު، ރައީސް ވަހީދު ވެސް އެކަމަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް އަލްހާން ވިދާޅުވި އެވެ.
އަލަހާން ވިދާޅުވީ ރައީސް ވަހީދު ހުންނެވީ "އިންތިހާބެއް ނުބާއްވަން ގަދަފައި ވިއްދައިގެން ނޫން" ކަމަށެވެ.
އަލްހާން ވިދާޅުވީ މަޖިލިސް މިހާރު ހުއްޓުވާފައި ބޭއްވުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތެއް ނޫން ކަމަށް އަމިއްލަފުޅަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެކަމަށް ގޮތެއް ނިންމުން އޮންނާނީ އަންނަ އާދީއްތަ ދުވަހު ކަމަށެވެ.
"އަޅުގަނޑުގެ ވިސްނުން މީހާރު މިހުރި ގޮތަކީ، އެންމެ ރަނގަޅު ގޮތަކީ މަޖިލިސް ހުޅުވައިގެން މަޖިލިސް ތެރެއިން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުން. ރައްޔިތުންގެ މަޖިލިސް އެކީގައި ހުއްޓުވާފައި ބޭއްވުމަށް މި ގައުމަށް އެހާ މަސްލަހަތު ހުރިގޮތެއް ކަމަކަށް އަޅުގަނޑަކަށް ވެސް ނުފެނޭ،" އެމްޑީޕީގެ ނައިބު ރައީސްކަން ވެސް ކުރައްވާ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ ރައީސާ އެކު މިއަދު ރައީސްއޮފީހުގައި ބޭއްވި ބައްދަލުވުމުގައި ދެއްކި ވާހަކަތަކުގެ ތަފްސީލް މިވަގުތު މީޑިއާއާ ހިއްސާކޮށްފި ނަމަ، ގެންނަން ބޭނުންވާ ނަތީޖާތަކަށް ހުރަސްއެޅިދާނެ ކަމަށެވެ.
ނަމަވެސް އަލްހާން ވިދާޅުވީ އިންތިހާބަކަށް ދެވޭނީ މަގު ޗާޓުގައިވާ ކަންތައްތައްކޮށްގެން ކަމަށް ރައީސް ވަހީދު ވިދާޅުވި ކަމަށެވެ. އަދި މަޖިލީހުގެ އެއްބާރުލުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށް އަލްހާން ވިދާޅުވި އެވެ.