މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ ބޭއްވުމަށް ޓަކައި ސިންތެޓިކް ޓްރެކް ބަންދުކުރާނީ، އެކަމަށް ހޭދަވާނެ އެންމެ ކުޑަ މުއްދަތަށް ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް ވިދާޅުވެެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކަމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ މި ހަފްލާގައި 550 މީހުން ބައިވެރިވާނެ ކަމަށެވެ. އެހެންކަމުން، އެހާ ގިނަ އަދަދެއްގެ މީހުންނާ އެކު ބޮޑު އިވެންޓެއް ބާއްވަން އެންމެ އެކަށޭނެ ތަނަކަށް އޮތީ ސިންތެޓިކް ޓްރެކް ކަމަށާއި ގަލޮޅު ރަސްމީ ދަނޑާއި ހެންވޭރު ދަނޑު އަދި ކާނިވާ ސަރަހައްދު ވެސް މާ ކުޑަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ގާލާ ބޭއްވުމަށް ރީތި ސިންތެޓިކް ޓްރެކް ވަގުތީގޮތުން ބަންދުކުރަންޖެހޭތީ ޓްރެކް ބޭނުންކުރާ ފަރާތްތަކުގެ އަރިހުން މަޢާފަށް އެދެން. މިގޮތަށް ނިންމަންޖެހުނީ ހެންވޭރު، ގަލޮޅު ދަނޑު އަދި ކާނިވާ ސަރަހައްދު ވެސް މިހަފްލާ އަށް ކުޑަވުމުން،" މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

އެ ހަފްލާއަށް ތައްޔާރުވުމަށް ކުރަން ޖެހޭ މަސައްކަތް ގިނަ ކަމަށާއި އެއީ ބުރަ މަސައްކަތްތަކެއް ކަމަށް ވެސް މިނިސްޓަރު މަހުލޫފް ވިދާޅުވިއެވެ.

"ހަފްލާގެ ތައްޔާރީތަކަށް ކުރަންޖެހޭ ބައިވަރު އަދި ބުރަ މަސައްކަތަށް ތާށިވެ ދަތިވި ނަމަވެސް ޓްރެކް އެއްކޮށް ބަންދު ކުރާނީ އެންމެ ކުރު މުއްދަތަށް،" މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު މަހުލޫފް މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ އަަވަށްޓެރި ބަންގްލަދޭޝްގެ ސްޕޯޓްސް މިނިސްޓަރު ޒާހިދު އަހްސަން ރުސެލް ވެސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވާނެކަމަށެވެ.

އެވޯޑްސް ހަފްލާގައި، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނާއި ލެޖެންޑުން ބައިވެރިވާނެ ކަމަށް މިނިސްޓަރު މަހުލޫފް ވިދާޅުވެއެވެ.

މި އެވޯޑް ހަފްލާގައި ބައިވެރިވާނެކަން މިހާތަނަށް ހާމަކޮށްފައިވަނީ، ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް، ބްރެޒިލްގެ ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް އަދި އިނގިރޭސި ޕެރަލިމްޕިކް ލެޖެންޑް ލޫސީ ޝުކާ އަދި ދުނިޔޭގެ އެއް ވަނަ ޕޫލް އެންޑް ބިލިއާޑް ކުޅުންތެރިޔާ އަލްބިން އައުސްޗަންއެވެ.