09 Mar 2022, 16:03
ރާއްޖެއާއި ސްރީލަންކާގެ ކަނޑުގެ ސަރަހައްދުން ފެންނަ މަހަކަށް، ފިނިފެންމަލުގެ ނަން ދީފިއެވެ.
ފިޝަރީސް މިނިސްޓްްރީން ބުނި ގޮތުގައި، ބައިނަލްއަޤުވާމީ ގޮތުން އަަލަށް ނަން ދީފައިވާ އެ މަހަކީ ލެބްރިޑައި އާއިލާއަށް ނިސްބަތްވާ ކިރިލެބްރަސް ބާވަތުގައި ހިމެނޭ މަހެކެވެ.
އެ މަހަށް ކިޔަން ނިންމާފައިވާ ސައިންޓިފިކް ނަމަކީ "ކިރިލެބްރަސް ފިނިފެންމާ" އެވެ. އެ ނަން ދީފައި ވަނީ ރާއްޖޭގެ ގައުމީ މާ، ފިޔާތޮށި ފިނިފެންމަލަށް ނިސްބަތްކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން އެ މަހުގައި ހުންނަ ފިޔާތޮށި ކުލަވަރު ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަހުގެ އާންމު ނަމަކަށް އިނގިރޭސި ބަހުން ކިޔުމަށް ކަނޑައަޅާފައިވަނީ "ރޯސް ވެއިލްޑް ފެއާރީ ރާސް"އެވެ.
"މިހާތަނަށް އެނގިފައިވާ ގޮތުން މި މަހަކީ ރާއްޖެ އާއި ސްރީލަންކާ ސަރަހައްދުގައި ފަރުތަކުގެ ފުން ހިސާބުތަކުން [40-70 މީޓަރު] ފެންނަ މަހެއްކަން ފާހަގަ ކުރެވޭ،" މިނިސްޓްރީން ބުންޏެވެ.
މި މަހަށް ނަން ދެވުނީ މުޅިން އަލަށް ކަމުގައި ވީ ނަމަވެސް މި މަހަކީ މިހާރުވެސް ވިޔަފާރިއަށް އެކްސްޕޯޓް ކުރަމުންދާ މަހެކެވެ.
މި މަހަށް މީގެ ކުރިން ބޭނުންކޮށްފައިވަނީ ޗާގޯސް ސަރަހައްދުން ފެންނަ މަހެއްގެ ނަމެވެ.
ނަމަވެސް ކެލިފޯނިއާ އެކަޑެމީ އޮފް ސައިންސަސްގެ "ހޯޕް ފޯ ރީފްސް އިނިޝިއެޓިވް"ގެ ދަށުން އެ އެކަޑެމީ އާއި، ޔުނިވާސިޓީ އޮފް ސިޑްނީއާއި، އޮސްޓްރޭލިއަން މިއުޒިއަމް ރިސާޗް އިންސްޓިޓިއުޓާއި، ފީލްޑް މިއުޒިއަމް އޮފް ނެޗުރަލް ހިސްޓޮރީ އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ވަރަށް ފަހުން ކުރިއަށް ގެންދިޔަ ދިރާސާތަކުގެ އަލީގައި މި މަހަކީ ޗާގޯސް ސަރަހައްދުން ފެންނަ މަހާ މުޅިން ތަފާތު މަހެއްކަން ވަނީ ޔަގީން ކުރެވިފައެވެ.