09 Mar 2022, 15:35
ބުޑަޕެސްޓް (9 މާޗް 2022): ޔޫކްރެއިންގެ ހަނގުރާމައަށް ހަތިޔާރުއެޅުމަކީ ގޯހެއްކަމަށް ބުނެ ނޭޓޯގެ ގައުމެއް ކަަމަށްވާ ހަންގޭރީން އެކަމާ ފާޅުގައި ދެކޮޅު ހަދައިފިއެވެ.
ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޮރްބާން ވިދާޅުވީ ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ހަނގުރާމަ ދިގުލައި އަދި ހަނގުރާމަ އިތުރަށް ފުޅާވެގެންދާނެ ކަމެއްކަމަށާ އެކަން ހަންގޭރީން ނުކުރާނެ ކަމުގައެވެ. އޮރްބާން ވަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާއި ހަނގުރާމަވެރިން އެގައުމަށް ފޮނުވުން މަނާކުރާ ގަރާރެއްގައި އިއްޔެ ސޮއިކުރައްވާފައެވެ.
މިގަރާރުގައިވާގޮތުން ހަންގޭރީން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްނުދިނުމުގެ އިތުރުން ހަންގޭރީ ސަރަހައްދު ބޭނުންކޮށްގެން ޔުކްރޭނަށް ހަތިޔާރު ފޮނުވުމަކީވެސް އަދި ހަނގުރާމަވެރިން ފޮނުވުމަކީވެސް މަނާކަމެކެވެ. ހަންގޭރީއަކީ އެމެރިކާ އިސްކޮށް އޮވެގެން އުފައްދާފައިވާ ނޭޓޯގެ މެންބަރު ގައުމެކެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޮރްބާން
ހަންގޭރީން މިގޮތަށް ނިންމީ އެމެރިކާއާއި ނޭޓޯއިން ޔުކްރޭނަށް ހަތިޔާރުފޯރުކޮށްދީގެން ރަޝިއާ ބަލިކޮށްލެވޭނެކަމަށް ދެކޭ ދެކުން ގަބޫލުނުކުރާތީއާއި އަދި އެކަމުގެ ސަބަބުން ޔުކްރޭންގެ ހަނގުރާމަ އިތުރަށް ދިގުލައި އޭގެ ނޭދެވޭ އަސަރު ޔުކްރޭންގެ އަވަށްޓެރިއެއްގެ ގޮތުން ހަންގޭރީއަށްވެސް ކުރާނެކަމުގެ ކަންބޮޑުވުމާ ގުޅިގެންކަމަށް މުރާސިލުން ބުނެއެވެ.
ރަޝިއާއިންވަނީ ޔުކްރޭން ހަނގުރާމައަށް ދަރުއެޅުމުގެ ގޮތުން، އެގައުމަށް ފައިޓާ ޖެޓްތައް ފޮނުވާ ގައުމުތަކަށް ހަމަލާދޭން ޖެހިދާނެކަމުގެ އިންޒާރެއްވެސް ދީފައެވެ. ޔުކްރޭންގެ ރައީސް ޒެލިންސްކީގެ އެދުމަށް އެމެރިކާ ގެންދަނީ ޔޫރަޕްގެ މަގުން ޔުކްރޭނަށް ހަނގުރާމަމަތީ ޖެޓްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.
ރަޝިއާ ވަނީ ހަނގުރާމައިގެ ފުރަތަމަ ދެދުވަހުގެ ތެރޭގައި ޔުކްރޭންގެ ހަނގުރާމަމަތީ ޖެޓްތަކަށް ބޮންއަޅައި ޔުކްރޭންގެ ވައިގެ މަރުކަޒުތައް ވެސް ހަލާކުކޮށްލާފައެވެ.

ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭން ހަލާކުވަނީ
ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ހަންގޭރީން ފާޅުގައި ދެކޮޅު ހެދުމަކީ ޔުކްރޭންގެ ހަނގުރާމައިގެ އަލިފާންގަނޑަށް ދަރުއެޅުމުގެ ކަންތައް ލީޑުކުރާ އެމެރިކާއާއި އިނގިރޭސިވިލާތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއްކަމަށްވަނީ ބެލެވިފައެވެ.
ޔުކްރޭން ހަނގުރާމައަށް ހަތިޔާރުއަޅައިގެން ރަޝިއާ ބަލިކުރުމަށް އެމެރިކާއާއި ނޭޓޯ ބޭނުންވާއިރު ރަޝިޔާގެ ބާރުގަދަ ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވަނީ ޔުކްރޭންގެ އިންފްރާސްޓްރަކްޗަރާއި އެގައުމުގެ ސިފައިންނާއި އާންމުންނެވެ. ހުރިހާ ގެއްލުމެއް ޔުކްރޭނަށެވެ.
ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭތީއާއި ހަނގުރާމަ ވަރުގަދަ ވަމުންދާތީ ހުރިހާ ފައިދާއެއް ލިބެމުންދަނީ އެމެރިކާގެ އެލީޓުންނާއި އޮލިގާކީގެ މުއްސަނދިންގެ ހަތިޔާރު ކުންފުނިތަކަށެވެ. މިހަނގުރާމައާއެކު އެމެރިކާގެ ހަތިޔާރު ކުންފުނިތައް ކަމަށްވާ ލޮކްހީޑް މާޓިން، ބޮއިންގް، ނޯތްރޮޕް ގްރޫމަން، ރޭތިއޮން ޓެކްނޮލޮޖީސް ފަދަ ކުންފުނިތަކުގެ އިތުރުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުގެ ހަތިޔާރު އިންޑަސްޓްރީގެ ބޮޑެތި ކުންފުނިތަކުގެ ހިއްސާގެ އަގުތައްވަނީ ވަރަށް މައްޗަށް ގޮސްފައެވެ.
ނަތީޖާއަކީ މިކަމުގެ ހުރިހާ ފައިދާއެއް އެމެރިކާއާއި ޔޫރަޕްގެ ބޮޑު ތިންބާރުގެ އެލީޓުންނާއި އޮލިގާކީގައި ހިމެނޭ މަހުޖަނުންނަށް ލިބޭގޮތްވުމެވެ. ނަމަވެސް ހަލާކުވަނީ ޔުކްރޭން އެވެ. މަރުވެ ފަނާވަނީ އަދި ރެފިއުޖީންނަށްވެގެންދަނީ ޔުކްރޭން ރައްޔިތުންނެވެ.

ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޔުކްރޭންގެ ރައްޔިތުން
އަނެއްކޮޅުން ޔުކްރޭން ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ޔޫރަޕުން ރަޝިއާ އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ތެލުގެ އަގު ތިން ގުނަ ބޮޑުވެފައިވާއިރު އެކަމުގެ ހުރިހާ ގެއްލުމެއް ތަހައްމަލު ކުރަންޖެހިފައިވަނީ އެމެރިކާއާއި ޔޫރަޕްގެ މެދުފަންތީގެ މީހުންނާއި ފަގީރުންނެވެ. މީގެއިތުރުން ދުނިޔޭގެ ފަގީރު ގައުމުތަކަށެވެ. ތެލުގެ އަގު މަތިވުމުން ރަޝިއާއަށް ލިބޭ އާމްދަނީ ވަނީ ތިންގުނައަށް އިތުރުވެފައެވެ. ރަޝިއާއާއި ސައޫދީ ފަދަ ތެލުގެ ގައުމުތަކަށް ލިބެމުންދަނީ ބޮޑު ފައިދާއެވެ.
އެމެރިކާ އިއްޔެވަނީ ރަޝިއާގެ ތެޔޮ ގަތުން މަނާކޮށްފައެވެ. އެމެރިކާއަކީ ރަޝިއާގެ މިލިޔަނަކަށްވުރެވެސް މާމަދުން ތެޔޮގަންނަ ގައުމަކަށްވާތީ މިކަމުގެ މާބޮޑު އަސަރެއް ރަޝިއާއަށް ނުކުރާނެކަމަށް ބެލެވޭއިރު ރަޝިއާ އަށް ކުރުމުއްދަތަކަށްވެސް އަސަރެއް ކުރާނީ ޔޫރަޕްގެ ގިނަ ގައުމުތަކަކުން ރަޝިއާގެ ތެޔޮގަތުން ހުއްޓާލައިފިނަމައެވެ. ޖަރުމަނުފަދަ ޔޫރަޕްގެ ގިނަ ގައުމުތަކަކީ ރަޝިއާގެ ތެލާއި ގޭހަށް އިންތިހާއަށް ބަރޯސާވާ ގައުމުތަށް ކަމަށްވާތީ އެގައުމުތަކުންވަނީ ރަޝިއާގެ ތެލުގެ ސެކްޓަރާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅެން ނެތްކަމަށް ބުނެފައެވެ.
އަނެއްކޮޅުން ޗައިނާއާއި އިންޑިއާ އޮތީ ރަޝިއާގެ ތެލާއި ގޭހަށް ބޭނުންވާހާލަތުގައި ކަމުން ޔޫރަޕުން މާކެޓް ގެއްލުނުނަމަވެސް ރަޝިއާއަށް އިންޑިއާއާއި ޗައިނާ މާކެޓް ލިބޭނެކަމަށް ތެލުގެ ވިޔަފާރިއާބެހޭ ތަޖްރިބާކާރުން ވިދާޅުވެއެވެ. ޔުކްރޭންގެ ހަނގުރާމަ ދިގުލައިގެން ދާނަމަ މިފަދަ އެތައް ސަބަބުތަކަކާ ގުޅިގެން ރަޝިއާއާ މުއާމަލާތް ކުރުމުގައި އެމެރިކާއާއި ޔޫރަޕްގެ ޚިޔާލު ވަރަށް ބޮޑަށް ތަފާތުވެގެންދާނެކަމަށް މުހައްލިލުން ވިދާޅުވެއެވެ.