ކ. ކާށިދޫގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެ ރަށު ކައުންސިލުން ތުރުކީވިލާތުގެ ކުންފުންޏަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

"ސަން" އާ ވާހަކަދައްކަވަމުން ކާށިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާމިރު ވިދާޅުވީ ތުރުކީގެ ބީއެންޖީ އިންސާތާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކާށިދޫގެ ޓުއަރިސްޓް ވިލެޖް ސަރަހައްދުގައި އެ ކުންފުނިން 150 އެނދުގެ ހޮޓެލެއް ތަރައްގީކުރާނެ ކަމަށެވެ.

އެ ގޮތުން އެ ހޮޓެލް ތަރައްގީކުރުމަށް ކާށިދޫ ކައުންސިލުން ވަނީ 12 ހެކްޓަރުގެ ބިމެއް ކަނޑައަޅާފައެވެ.

"ކާށިދޫއަކީ ޓުއަރިޒަމްގެ ބިގިނިން ސްޓޭޖްގަ އޮތް ރަށެއް. މި ރަށުގަ އިގްތިޞާދީ ކަމަކަށް އޮންނާނީ ދަނޑުވެރިކަން. މަސްވެރިކަން ވެސް މާބޮޑަކަށް ނޯވޭ. އެހެންވީމަ ރަށުގެ އިގްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް މިކަމުގެ ސަބަބުން ލިބޭނެ،" އާމިރު ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ރަށުގައި ޓުއަރިޒަމް ފުޅާވުމުން ވަޒީފާގެ ގިނަ ފުރުސަތުތަކެއް ޒުވާނުންނަށް ފަހިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މީގެ ކުރިން އެ ރަށުގެ ޓުއަރިސްޓް ވިލެޖުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް (އެމްއައިޓީޑީސީ)ން ފަށާފައިވާ ޕްރޮޖެކްޓް ވަނީ ހުއްޓިފައިކަމަށެވެ. އަދި އެ ރަށުގެ ޓުއަރިސްޓް ވިލެޖުން އެމްއައިޓީޑީސީ އަށް ދީފައިވާނީ ދެހާސް އަކަފޫޓުކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްއައިޓީޑީސީން ހަމަ އެތަން ކުރިއަށް ގެންދާނެ. ވަރަށް ބޮޑު ބިމަކުން އެކި މީހުންނަށް ތަންކޮޅުކޮޅު މި ދެނީ. އެހެންވީމަ އަދިވެސް އަޅުގަނޑުމެން ހަމަ އިންވެސްޓަރުންވެސް މި ހޯދަނީ. ކާށިދޫ ކައުންސިލުން މި ތިބީ މިކަމުގަ ރާއްޖޭގެ އިންވެސްޓަރުންނަށް ވެސް މަރުހަބާ ކިޔަން ތައްޔާރަށް،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.