15 Mar 2012, 13:56
މާލޭ ސިޓީ ކައުންސިލުން މާލޭގެ އަމަން ރައްކާތެރިކޮށް ހުރިހާ ރައްޔިތުންނަށް އަމާން ތަނަކަށް ހަދަން ޖެހޭ އިރު، ވަކި ޕާޓީއަކަށް ނިސްބަތްކޮށް މާލޭގެ ބޮޑު ސަރަހައްދެއް ދޫކޮށް، މަގުތައް ބަންދުކޮށްގެން ވަކި ވަގުތެއްނެތި މާލޭގެ ރައްޔިތުންނަށް އުނދަގޫ ކުރަމުން ދިއުމަކީ މާލޭގެ ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތްވާ ގޮތަށް ކުރި ކަމެއް ނޫން ކަމަށް ޑީއާރުޕީން ބުނެފި އެވެ.
ޑީއާރުޕީ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޑީއާރުޕީގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާ ކުރައްވަން ޖެހޭ ބޭފުޅުން މަގުތަކަށް ނުކުމެ ރައްޔިތުންނަށް އުނދަގޫކުރަމުން ދިއުމަކީ ލޯކަލް ގަވާމަންޓް އެތޯރިޓީ]އެލްޖީއޭ[ އިން މިހާރުން މިހާރަށް ބަލައި ނިންމުންތަކެއް ނިންމައި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމެއް ކަމަށެވެ.
"އެލްޖީއޭ އިން ފިޔަވަޅު އަޅަން ޖެހޭ އެއްކަމެއް ސަރުކާރު ގަބޫލުނުކުރާނަމޭ ސިޓީ ކައުންސިލުން ބުނި ބުނުމަކީ. އަދި މިހާރު ކަނޑައެޅިގެން އެ ބޭފުޅުންނަށް ލިބިފައިވާ ބާރުގެ ނަހަމަގޮތެއްގައި ބޭނުންކޮށްގެން މިތާގައި އުޅޭ ރައްޔިތުންނަށް ފުރައްސާރަކުރަމުން މިދަނީ. އެކަމަކީ ވެސް އެލްޖީއޯ އިން މިހާރުން މިހާރަށް ފިޔަވަޅު އަޅާން ޖެހޭ ކަމެއް،" ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ އަދި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުގައި ގިނަ އަދަދަކަށް އެމްޑީޕީ މެންބަރުން ތިބިކަމުގައި ވިއަސް، އެއީ އެމްޑީޕީ ސިޓީ ކައުންސިލެއް ނޫން ކަމަށާއި އެއީ މާލޭ ސިޓީ ކައުންސިލް ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ދޭން ހުރި ތަންތަން ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަކީ ވެސް އެލްޖީއޭ އިން ބަލަން ޖެހޭ ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
"ކިހިނެއްތޯ މަގުމަތީގައި ޓެންޓު ޖަހައިގެން މަގުމަތީގައި މީހުން ދިރިއުޅުމަށް ސިޓީ ކައުންސިލުން ތައްތަން ދޫކުރެވޭނީ. އެކަމަކު މިހާރު މިފެންނަނީ މަގުމެދުގައި ކައްކައި މީހުން ދިރިއުޅެ، ދަރުބާރުގެއަކީ ޕަބްލިކް ޓޮއިލެޓްއަކަށް ހަދައިގެން އުޅޭތަން. އެކަންތައްތަކަކީ އެލްޖީއޭ އިން މިހާރުން މިހާރަށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަންތައްތައް،" ރޮޒައިނާ ވިދާޅުވި އެވެ.
ސިޔާސީ ކަންތައްތަކުގައި ނަހަމަ ގޮތުގައި ކުޑަކުދިން ބޭނުން ކުރަމުން އަންނަ މައްސަލަ ކުށްވެރިކޮށް ރޮޒައިނާ ވިދާޅުވީ ގައުމުގެ ތެރޭގައި ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރި ކަމުގައިވީ ނަމަވެސް އެ ވާހަކަތަކަކީ ކުޑަކުދިން ތެރޭގައި ދައްކަން ޖެހޭ ވާހަކަތަކެއް ނޫން ކަމަށާއި އެކަންތައްތައް ބަލައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ހިއުމަންރައިޓްސް ކޮމިޝަނަށް ގޮވާލާކަމަ ށެވެ.
"ހަގީގަތުގައި ކުޑަކުދިން މިކަހަލަ ސިޔާސީ ހަރަކާތެއްގައި އަދި ބައެއް ފަހަރު ވައިލެންސްވެ، ހަމަނުޖެހުންތަކަށް ކުޑަކުދިން ވައްދައިގެން ތުއްތުކަން ނަގައިގެން އެކުދިންގެ އިނޮސެންޓުކަން ]މައުސޫމުކަން[ ނަގާލަން މިކުރާ މަސައްކަތަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ބަލަން ޖެހޭ މައްސަލައެއް،" ރޮޒައިނާ ވިދާޅުވި އެވެ.