ކިއުކަމްބާ އަކީ ރާއްޖޭގެ ދަނޑުތަކުގައި ވަރަށް ގިނައިން ހައްދާ މޭވާއެކެވެ.

ނުވަދިހަ ފަސް ޕަސެންޓް ފެން އެކުލެވޭ ކިއުކަމްބާއިން، ހަޖަމުކުރުން އިތުރުކޮށްދިނުމަށް އެހީތެރިވެދެއެެވެ. ކިއުކަމްބާ އަކީ މީރު މޭވާއަކަށްވާއިރު، ކިއުކަމްބާއިން ލިބޭ ފައިދާތައް ވަރަށްވެސް ގިނައެވެ.

ކިއުކަމްބާ އަކީ ލޭގައި ހަކުރު ހުންނަ މިންވަރާއި ކޮލެސްޓްރޯލް ދަށްކޮށްދޭ މޭވާއެކެވެ.

ސަރުބީއަކީ ހަކުރުބަލީގެ ނުރައްކާ އިތުރުވާ އެއްޗަކަށް ވާއިރު، ކިއުކަމްބާ ކެއުމުގެ ސަބަބުން ސަރުބީ ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ.

މީގެ އިތުރުން، ކިއުކަމްބާ އަކީ ހަށިގަނޑުން އިތުރު ފެނާއި ބޭނުން ނުވާ ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިހުން ކުޑަކޮށްދީ، ބަނޑުގައި ހުންނަ މަސްތައް ވަރުގަދަކޮށްދިނުމަށް އެހީތެރިވެދެއެވެ.

ހަމައެއާއެކު، ކިއުކަމްބާ ޖޫހަކީ ހަށިގަނޑުން ބޭނުން ނުވާ ވިހަތައް ބޭރު ކުރުމަށް އެ މޭވާ ބޭނުން ކުރެވިދާނެ ގޮތެކެވެ.

ކިއުކަމްބާ ޖޫސް ތައްޔާރުކުރުމަށް ބޭނުންވާނީ އެއް ކިއުކަމްބާ، އެއް ލުނބޯ، ދެ މޭޒުމަތީ ސަމުސާ އަލޯވެރާ، އެއް މޭޒުމަތީ ސަމުސާ އިނގުރު އަދި ސިލަންޓްރޯ ކޮޅެކެވެ.

ކިއުކަމްބާ ޖޫސް ތައްޔާރު ކުރާނީ ލުނބޯ ހުތާއި އެއް ތަށި ފެން، ބާކީ ހުރި ހުރިހާ އެއްޗެކާ އެއްކޮށް މިކްސަރުގައި ބްލެންޑުކޮށްގެންނެވެ.

އެ ޖޫހުގައި ކިއުކަމްބާގެ އިތުރުން އިނގުރާއި ލުނބޯ އަދި އަލޯވެރާ ބޭނުން ކުރުމުން، ހަޖަމުކުރުން އަވަސްވެ، ބަރުދަން ލުއިވުމަށް މަގުފަހިވެއެވެ.