09 Mar 2022, 07:42
މިންހާގެ ސަމާލުކަން އެ ފޮތަށް ހުއްޓުނެވެ. އޭނާ ކަރުނަތައް ފުހެމުން ގޮސް އެ ފޮއްޓާއި ފޮތް ނެގިއެވެ.
މިންހާ އެ ފޮތަށް ރަނގަޅަށް ބަލައިލިއެވެ. ބަލާބެލުމަށް ވައްތަރީ މީހެއްގެ "ޑައިރީ"އަކާއެވެ. އެއީ ޝިޒާންގެ އެއްޗެއްކަން މިންހާއަށް ޔަޤީންވުމާއެކު، އޭނާ އެ ހުޅުވައިލީ ފަހަރެއްގައިވެސް ޝިޒާންގެ ހިތުގެ ޙާލު އޭގެން އެނގޭނެކަމަކަށް ނޫނެވެ. އޭގައި ލިޔެފައިވާ ލިޔުންކޮޅެއް މިންހާ ކިޔައިލިއެވެ. އޭގައިވަނީ މިންހާއާ ޝިޒާން ދިމާވިގޮތެވެ. ޝިޒާންއަށް މިންހާ އެނގުނު ގޮތެވެ. ޝިޒާން އަކީ ރާއްޖޭގެ އެއް މުވާސަލާތީ ކުންފުނިކަމުގައިވާ ސުޕަޓެލެކޮމްގެ ސީއީއޯކަންވެސް މިންހާއަށް އެނގުނީ އެ ޑައިރީންނެވެ. އެއީ ރާއްޖޭގެ "ނަންބަރު ވަން" ކުންފުނިކަމާއި ޝިޒާން ރާއްެޖެއައީ އެކުންފުނީގެ ކަންތައްތައް ބަލަހައްޓަންކަންވެސް މިންހާއަށް އެނގުނީ އެ ޑައިރީންނެވެ. މިންހާގެ މޫނަށް ހައިރާންކަން ވެރިވިއެވެ. އޭނާ ގޮސް އެނދުގައި އިށީނެވެ. އެއަށްފަހު ހަމަ ޖެހިލަމުން އެ ޑައިރީ ކިޔަން ފެށިއެވެ.
** * * * *
ރާއްޖޭގެ ވާހަކަ އަހަރެން އަބަދުވެސް އަޑު އަހަނީ ތަފާތު ފޮތްތަކުގައެވެ. ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއޭ ބުނާތީ އަޑު އަހަމެވެ. އަހަރެންގެ ބައްޕައަކީ ރާއްޖެ މީހަކަށް ވީނަމަވެސް، އުމުރުން މިވީހާ ދުވަސް ވީއިރުވެސް ރާއްޖޭގެ ފަސްގަނޑުގައި ފައިޖައްސައިލާނޭ ފުރުސަތެއް އަހަންނަކަށް ނުލިބެއެވެ. ފެންނަ ފޮޓޯތަކުން ރާއްޖެދާން ކިތަންމެ ބޭނުންވިޔަސް ބައްޕަމެން ރާއްޖެ އަންނަން ބޭނުންނުވާތީ އަހަންނަށް އޮތީ އެ ފުރުސަތު ނުލިބިއެވެ. ބިޒްނަސްކަންތައްތަކުގައި ބައްޕަ މާލެ އަންނައިރު ކުޑައިރު ވެސް އެތައްފަހަރަކު އަހަރެން ރާއްޖެ ދާން ބޭނުންވެގެން އެ ވާހަކަ ބައްޕަކައިރީގައި ދައްކަމެވެ. އެކަމަކުވެސް އެ ފުރުސަތު އަހަންނަކަށް ނުލިބުނެވެ.
އެހެންނަމަވެސް، މިއަދު އަހަރެން މިހުރީ ރާއްޖޭގެ ފަސްގަނޑުގައެވެ. ބައްޕަގެ އުފަން ފަސްގަނޑުގައެވެ. އަހަރެން ހީކުރިވަރަށް ވުރެ ރާއްޖެ ރީތިވެފައި ހިތްގައިމެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ ފަސްގަނޑުގައި ފައި ޖައްސައިލުމުން އަހަންނަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. ރާއްޖެ އާދެވުމުން އެ ހިތްހަމަޖެހުން ކިތަންމެ ބޮޑަކަށްވެސް އަހަންނަށް ލިބިފައިވެއެވެ. އެހެންނަމަވެސް، ދެރައީ އަހަރެން ރާއްޖެ އަންނަން މެދުވެރިވި ޙާލަތެވެ. މަންމަގެ ނަފްރަތު އަހަންނަށް އަމާޒުވަނީ ކީއްވެގެންކަމެއް މިއަދާ ޖެހެންދެންވެސް އަހަންނަކަށް ނޭނގެއެވެ. އެކަމާ ބެހޭގޮތުން އަހަރެން ބައްޕައާ މާމައާ އެތަކެއް ފަހަރަކު ސުވާލުކުރިނަމަވެސް، އަހަންނަށް އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް ނުލިބެއެވެ. މަންމަގެ ލޯތްބަށްޓަކައި އަހަރެން އިންތިޒާރުކުރިވަރު އެކަކަށްވެސް ނޭނގޭނެއެވެ. އަހަރެން ރާއްޖެ ފޮނުވުމުގެ އެންމެ ބޮޑު މަޤްސަދަކީވެސް މަންމަގެ ވިހަގަދަ ބަސްތަކުން އަހަރެން ސަލާމަތްކޮށްދިނުންކަންވެސް އަހަންނަށް އެނގެއެވެ. ކުޑައިރުއްސުރެވެސް މަންމަގެ ފަރާތުން އަހަންނަށް ލިބުނީ ހުސް އަނިޔާއެވެ. ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުންނެވެ.
އަަހަރެން ރާއްޖެ އައިސް މި ހުންނަނީ ބައްޕަ ހިފާފައި ހުރި އެޕާރޓްމެންޓެއްގައެވެ. ދިހަބުރީގެ މި އިމާރާތް ކިތަންމެހާވެސް ތަނަވަހެވެ. އަހަރެން މިކޮޅަށް އައިސް ހަމަޖެހިލުމުން ކެނެޑާގައި މަންމަމެންނާއެކު އުޅޭ ރާމިޒާއްތަ މިކޮޅަށް ފޮނުވާނެކަމުގައި ބައްޕައޮތީ ބުނެފައެވެ. ކަންތައްތައް ހަމައަކަށް އެޅޭވަރުވީ ހަފްތާއެއް ފަހުންނެވެ. އަހަރެންވެސް އޮފީހަށް ނުކުންނަން ފެށީމެވެ. އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ޙަޔާތް ބަދަލުކޮށްލީ އަހަންނަށްވެސް ނޭނގި ހުއްޓައެވެ.
ވަރަށް ސީރިއަސް މައްސަލައެއްގައި އެއް ދުވަހަކު ފުލުހުންގެ އިދާރާއިން އަހަންނާ ބައްދަލުކުރަން އައެވެ. ބޮޑު ކުށްވެރިއެއް ހޯދުމަށް އެމީހުން އަހަރެންގެ އެހީތެރިކަމަށް އެދުނެވެ. އެމީހުން ބޭނުންވީ ކޯލު ރެކޯޑުތަކެއް އަޑުއެހުމަށްކަމަށް ބުންޏެވެ. އަދި އިތުރު ބަޔަކަށް ނޭނގި އެގޮތަށް ކަންތައްތައް ކުރުމަށް އެދުނެވެ. މައްސަލައަކީ ޑްރަގްގެ ބޮޑު ނެޓްވޯކަކާއި ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލައަކަށް ވުމާއެކު ކަމުގެ ސީރިއަސްކަން އަހަންނަށްވެސް ވަޒަންކޮށްލެވުނެވެ.
ކޯލް ރެކޯޑްތައް އަޑު އެހުމަށް ފުލުހުންއަންނައިރު ކަމުގެ ސީރިއަސްކަމުން އިތުރު މީހަކަށް އެއްވެސްކަމެއް ނޭނގޭނެއެވެ. ޚުދު އަހަރެންވެސް އެތަނުގައި ހުންނަނީ ބައެއް ފަހަރުއެވެ. އެއީވެސް އާދައިގެ ދުވަހެކެވެ. އަހަރެން ފުލުހުންނާއެކު ރެކޯޑިންތައް އަޑު އެހުމަށް އެތެރެއަށް ވަނީމެެވެ. ފުލުހުން އެމީހުންގެ މަސައްކަތްކުރުމަށްފަހު، ނުކުމެގެން ދިޔައީ އެމީހުން އަދި އަންނާނަމޭ ބުނަމުންނެވެ. އަހަރެން ސިސްޓަމް ކައިރީގައި ހުރި ގޮނޑީގައި އިށީނީމެވެ. އެއަށްފަހު ކަންފަތަށް ހެޑް ފޯނު ޖަހައިލީމެވެ. އަދި ރެކޯޑިން އެއް އަޑު އެހުމަށްޓަކައި ޕްލޭކޮށްލީމެވެ. ފަހަރަކު އެއްޗެއް އަހަރެން އަޑު އަހަން ފެށީމެވެ. ކުރެވެނީ ރަނގަޅުކަމެއް ނޫންކަންވެސް އަހަންނަށް އެނގެއެވެ. އެހެންނަމަވެސް، ހުއްޓައިލުމުގެ ޚިޔާލެއް އޭރަކު އަހަރެންގެ ނެތެވެ.
އެހެން ކޯލް ރެކޯޑްތައް އަޑުއަހަމުން ދަނިކޮށް އަހަރެންގެ ހިތުގެ ހިނގުމަށް ބަދަލުގެނުވީ މި ނުދަންނަ އަންހެން ކުއްޖާއެވެ. އެ އަންހެން ކުއްޖާގެ އަޑު ޖެހުމާއެކު އަހަންނަށް ވަގުތުން ހަރަކާތްތައް މަޑުޖައްސައިލެވުނެވެ. ވޮލިއުމްވެސް ތަންކޮޅެއް ބާރުކޮށްލިއެވެ. ނުފެނި އަންހެން ކުއްޖަކުގެ އަޑު އިވުމުން އަހަންނަށް ތަފާތު ގޮތެއް ވެގެން ދިޔަ އެއީ ފުރަތަމަ ފަހަރެކެވެ. މީގެކުރިން ދުވަހަކުވެސް އަހަރެން އަންހެންކުއްޖަކާ މެދު ނުވިސްނަމެވެ. އެ އަންހެން ކުއްޖާގެ ޖާދުވީ އަޑުގެ ޖާދޫގައި އަހަންނަށް ޖެހެވުނެވެ. އެއީ އޮޅިގެން އަހަންނަށް އެޅުވުނު ކޯލު ރެކޯޑިންއެއްކަމަށް ވީނަމަވެސް އެ ކޯލު ރެކޯޑިން އަޑުއަހަން އެތައްއިރަކު އަހަންނަށް އިނދެވުނެވެ. އޭރު އަހަރެންގެ ހިތް ވަގަށް ނެގި އަންހެން ކުއްޖާއަކީ ކާކުކަމެއް ޚުދު އަހަންނަކަށް ވެސް ނޭނގެއެވެ. އެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު އަހަންނަށް ފުރަތަމަވެސް މޭގައި އަތް ޖައްސައިލެވުނެވެ. ނުވެސް ފެންނަ ކުއްޖަކާ މެދު އަހަރެންގެ ހިތުގައި ވިންދެއް ހޭލިކަމުގެ އިޙްސާސް އަހަންނަށް ފުރަތަމަ ފަހަރަށް ކުރެވުނެވެ. އެ އަންހެން ކުއްޖާގެ އަޑު އަހަރެންގެ ހިތާ ހަމަ ރަނގަޅަށްވެސް ކުޅެލައިފިއެވެ.
އެދުވަހަށްފަހު އަހަރެން އެ އަންހެން ކުއްޖާގެ ކޯލު ރެކޯޑްތައް އެއްވެސް މީހަކަށް ނޭނގި އަޑުއަހަމުން ދިޔައީމެވެ. އެ އަންހެން ކުއްޖާއާ ދިމާވުމަށް އުންމީދުކުރެވެން ފެށިއެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކަށްޓަކައި އަހަރެންގެ ހިތުގައި އުތުރިއަރަން ފެށި އިޙްސާސްތަކަކީ އަހަންނަށް ވަރަށް އައު އިޙްސާސްތަކެކެވެ. އެ އިޙްސާސްތަކުގެ ފުންމިން އަހަންނަށް އަންދާޒާކޮށްލެވުނީ އެއް ދުވަހެއްގައި އަހަންނަށް އަޑު އިވުނު ފޯނު ކޯލެއްގެ ސަބަބުންނެވެ. އެ އަންހެން ކުއްޖާ އުޅެނީ ކުއްޖަކާ ލޯބީގެ ގޮތުން ގުޅިގެންކަން އަހަންނަށް އެނގުމާއެކު އަހަރެންގެ ހިތް މާޔޫސްވިއެވެ. ހިތުގައި ރިއްސައިލިއެވެ. އުންމީދުގެ ހުޅުކޮޅު ނިވުންނޫންކަމެއް ނުވިއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރު ލޯބިވީ އަންހެން ކުއްޖާ ނުލިބިދާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އުފެދުނެވެ.
އެ އަންހެން ކުއްޖާއަށްޓަކައި އަހަރެންގެ ހިތުގައި އުތުރިއަރަން ފެށި ޖަޒުބާތުތައް އަހަންނަށް ކިޔަމަން ކުރުވޭ ވަރަށް ވުރެ ފުންވަމުން ދިޔަކަން އަހަންނަށް އިޙްސާސްވަމުން ދިޔަނަމަވެސް، އެ އަންހެން ކުއްޖާ ހާސިލް ނުވާނޭކަންވެސް އަހަންނަށް އެނގެއެވެ. އެހެންނަމަވެސް، އެ ކޯލު ރިކޯޑްތައް އަޑު އެހުމެއް އަހަންނަކަށް ނުހުއްޓުނެވެ. ހިތުގެ ކޮންމެވެސް ހިސާބެއްގައި އެ އަންހެން ކުއްޖާ ލިބިދާނޭކަމުގެ އުންމީދު ވާތީކަމަށްވެސް ވެދާނެއެވެ.
މުޅި ދުނިޔެއަށްވެސް ސިއްރުން އެންމެ ފަހުން އެ އަންހެންކުއްޖާގެ ފޮޓޯތައްވެސް ސޯޝަލް މީޑިއާއިން އަހަރެން ހޯދީމެވެ. ނަމާ ވަނަވަރު ވެސް މެއެވެ. ކިޔަނީ މިންހާކަން އެނގުމާއެކު އެންމެ ފުރަތަމަ ވެސް އަހަރެންގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ. އެ ފޮޓޯތައް ފެނުމުން އަހަންނަށް އިތުރަށް މިންހާދެކެ ލޯބިވެވެމުން ދިޔައެވެ. އެއީީ ރީތި އަންހެން ކުއްޖެކެކެވެ. ރާއްޖެއިން އަދި އެހާ ރީތި އަންހެން ކުއްޖަކު އަހަންނެއް ނުދެކެމެވެ. ރާއްޖެ ކީއްކުރަން ހެއްޔެވެ؟ އެއީ މުޅި ދުނިޔެއިންވެސް އަހަންނަށް ފެނުނު އެންމެ ރީތި އަންހެން ކުއްޖާއަށް ވެއްޖެއެވެ. އެހެންނަމަވެސް، ދުވަހަކުވެސް އެ އަންހެންކުއްޖާގެ ދިރިއުޅުން ހަލާކުކޮށްލުމުގެ ވިސްނުމެއް އަހަރެން ނުގެންގުޅެމެއެވެ. މިންހާއާމެދު ހިތުގައި ހޭލި އިޙްސާސްތައް ހިންދައިލަން ވެސް އެތަކެއް ފަހަރަކު އަހަރެން މަސައްކަތްކުރީއެވެ. އެހެންނަމަވެސް އެކަންވެސް އަހަންނަށް ކާމިޔާބެއް ނުވިއެވެ.
އެއީވެސް އާދައިގެ ދުވަހެކެވެ. އަހަރެން މިންހާގެ ކޯލުތައް އަޑުއަހަމުން ދިޔައީމެވެ. އިއްތިފާޤަކުން އަހަންނަށް މިންހާއާ އާހިލްގެ ކޯލެއް އަޑު އަހަން ފެށުނެވެ. މީހުން ފޯނުން ދައްކާ ވާހަކަ އަޑު އެހުމަކީ ރަނގަޅުކަމެއް ނޫންކަންވެސް އަހަންނަށް އެނގެއެވެ. އެހެންނަމަވެސް، ކުރާނީކީއްހެއްޔެވެ؟ އަހަރެންގެ ބަސްނާހާ ހިތް އެއްގޮތަކަށްވެސް އެއްބަހެއް ނުވިއެވެ. އެ ކޯލަށްފަހު އަހަރެން މިންހާގެ ލޯބިވެރިޔާ އާހިލްގެ ފޯނު ކޯލެއް އަޑު އަހަންފެށީމެވެ. އެއާއެކު އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ.
(ނުނިމޭ)