ސަރުކާރު ހިންގާ މައިޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިޚާބު ފަސްކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވަން އެންމެ ފުރަތަމަ ނިންމައިފައި އޮތީ އޭޕްރިލް 16ގައެވެ. އެހެންނަމަވެސް އިންތިޚާބު ރޯދަ މަހާ ދިމާވާތީ، އިންތިޚާބު ފަސްކޮށްދޭން ހުށަހެޅީ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

އިންތިހާބް ބާއްވަން ޖެހޭނީ ޕާޓީގެ މެންބަރުންނަށް ވޯޓުލުމުގެ ފުރުސަތު ދީގެންކަން ފާހަގަކޮށް ފައްޔާޒު އެދިވަޑައިގަތީ ރޯދަމަސް ފަހުން އެ އިންތިހާބް ބޭއްވުމަށެވެ.

އިންތިޚާބު ފަސްކުރަން ފައްޔާޒް ހުށަހެޅުއްވި ނަމަވެސް، އިންތިޚާބުގައި ދެން ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވަނީ އެކަމާ ދެކޮޅު ހައްދަވައިފައެވެ.

އިންތިޚާބު ބާއްވާ ދުވަސް ފަސްކުރުމާމެދު ގޮތެއް ނިންމުމަށް މިރޭ ކުރިއަށް ދިޔަ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ވަނީ އިންތިޚާބު ފަސްކުރަން ބަހަނާ ނުދެއްކެވުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑު މި އިންތިހާބު ލަސްކުރުމަކަށް ނެތީން، އަޅުގަނޑަށް ތާއީދުކުރާ މެންބަރުން ވެސް މި އިންތިޚާބު ލަސްކުރުމަށް ނެތީން، މިހާރު ވެސް މިއޮތް ތާރީޚުގައި ސުންގަޑީގައި މި އިންތިޚާބު ބާއްވަން ގޮވާލަން. އިތުރު ބަހަނާއެއް ނުދެއްކެވުން އެދެން،" އިންތި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް އިންތިއަށް ތާއީދުކުރައްވާ މެންބަރުން ވަނީ އިންތިޚާބު ފަސްކުރުމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ އިންތިޚާބު ފަސްކުރުމަކީ މުޑުދާރު އަމަލެއް ކަމަށެވެ. އަދި އިންތިޚާބު ފަސްކުރަން މަސައްކަތް ކުރަނީ ކާމިޔާބު ނުވާނޭ ކަން ޔަގީންވާތީ ކަމަށް ވެސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އިންތިޚާބު ފަސްކުރަން މަސައްކަތް ކުރަނީ ސަރުކާރުން ސީދާ ނުފޫޒު ފޯރުވައިގެން ކަމަށް ތުހުމަތުކޮށްފައެވެ.

"ތިޔަ އުޅެނީ ހުތުރުކޮށް މިކަންކަން ކުރަން. ތިޔަ އުޅެނީ ނުފޫޒު ފޯރުވައިގެން ކަންކަން ކުރަން. ތި އުޅެނީ ކޮރަޕްޝަންގެ ހަޑި މުޑުދާރު އަމަލު ވައްދައިގެން މި ކަންކުރަން،" އާޒިމް ވިދާޅުވިއެވެ.

އިންތިޚާބު ފަސްކުރުމާމެދު ގައުމީ މަޖިލީހުގައި ނެގި ވޯޓުގައި ހާޒިރުވެތިބި 115 މެންބަރުންގެ ތެރެއިން 100 މެންބަރުން ވަނީ ފަސްކުރުމަށް ފެންނަ ކަމަށް ވޯޓު ދީފައެވެ.

އިންތިޚާބު ފަސްކުރުމާމެދު ގޮތެއް ނިންމުމަށް ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެގޮތުން ޗެއާޕާސަން ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ވަނީ އަމާޒުކޮށްފައެވެ.