15 Mar 2012, 13:43
ޑިއުޓީގައި ތިބެނީ މަސްތުވާތަކެތިން ސަލާމަތްވެފައި ތިބި ފުލުހުންތޯ ކަށަވަރު ކުރުމުގެ ގޮތުން ޓެސްޓް ޑިއުޓީގައި އުޅޭ ފުލުހުން ޓެސްޓް ކުރަމުން ގެންދާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ މިއަދު ވިދާޅުވީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްގެ ތެރޭ "އަލްކަހޯލް އެންޑް ޑްރަގް ޕޮލިސީ" އެއް ތައަރާފް ކޮށްފައިވާ ކަމަށެވެ. އަދި އެ ޕޮލިސީގެ ދަށުން ޑިއުޓީގައި ތިބޭ ފުލުހުންގެ ތެރެއިން ރެންޑަމްކޮށް ފުލުހުންގެ ކުޑަކަމުދާ ތަކެއްޗާއި ނޭވާ އެނަލައިޒް ކުރަމުންގެންދާނެ ކަމަށެވެ.
ކޮމިޝަނާ ވިދާޅުވީ ފުލުހުން ޑިއުޓީގައި ތިބޭ ވަގުތު ޕްރޮފެޝަނަލް ބައަކަށް ހެދުމުގެ ގޮތުން ކުރާ ޓެސްޓަކީ، މަސްތުވުމުގެ އެއްވެސް ކަމެއް ބައެއްކަން ޔަގީންކޮށް އަދި ޚިދުމަތްކުރާއިރު ރަނގަޅު ހާލަތުގައި ތިބި ބައެއްކަން ކަށަވަރުކޮށް ދިނުން ކަމަށެވެ.
"އެއްވެސް ހާލެއްގައި މިކަން އަޅުގަނޑުމެން މިކުރަނީ ފުލުހުންގެ ތެރޭ މަސްތުވާތަކެތި ބޭނުން ކުރާތީ ނުވަތަ އެކަން ކުރާކަން އަޅުގަނޑުމެންނަށް ޔަގީންވެގެންނެއް ނޫން. ނަމަވެސް މީޑިއާތަކުންނާއި ބައެއް ތަންތަނުން ފުލުހުން ތިބީ މަސްތުގެ ހާލަތުގައިތޯ ފަދަ ޝައްކުތަކެއް އެބަކުރޭ. އެހެންވީމަ އެކަންކަމުން ސަލާމަތްވުމަށް މިކަން މިކުރަނީ،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމަކީ ރާއްޖޭގައި އާ ކަމަކަށް ވިޔަސް އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވަރަށް ރަނގަޅަށް ހިނގާ ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު އިތުބާރެއް ލިބި ފުލުހުންނަކީ މަސައްކަތުގައި އިޚްލާސްތެރި ކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރާ ބައެއް ކަން ޔަގީންވާނެ ކަމަށެވެ.
ކޮމިޝަނާ ވިދާޅުވީ ފުލުހުން ޑިއުޓީގައި އުޅޭ ވަގުތު ޓެސްޓު ކުރަނީ ފުލުހުންގެ ފަރާތުން އެފަދަ އަމަލެއް އަދި ކަމެއް ވެސް ފާހަގަވެގެން ނޫން ކަމަށާއި އަދި މިހާތަނަށް އެފަދަ ޝަކުވާ އެއްވެސް ލިބިފައިނުވާ ކަމަށެވެ.