އަސްލު ބްރޯ އަކީ ކާކުކަން މިހާރު ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށް އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވާފައިވާ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިރޭ ވާހަކަ ދައްކަވަމުން ފައްޔާޒު އެހެން ވިދާޅުވެފައިވަނީ, އޭނާއަށް ނިސްބަތްކޮށް, " ހެދިގެން އުޅެގެން ނުވާނެ ކަމަށް، އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

ފައްޔާޒުގެ ވާހަކަ ފައްޓަވަމުން އޭނާ ވިދާޅުވީ, އެ ބޭފުޅުން ތިބީ ސަރުކާރާ އެކު ގަދަކޮށް ކަމަށެވެ.

"އަޅުގަނޑުމެން މި ސަރުކާރު ގެންނަން އުކުޅަހުން މަސައްކަތް ފެށި ހިސާބުން ބަޣާވާތޭ ކިޔައިގެން އައިސް މިއަދު މިހިސާބަށް އައިއިރުގައި އާންމު ރައްޔިތުންނަށް އެނގޭނެ ކިހިނެއްކަން މިތާންގައި މިވަނީ," ފައްޔާޒު ވިދާޅުވިއެވެ.

މަސައްކަތް ކުރަމުން މިދަނީ 2023ގައި މި ސަރުކާރުން އަނެެއްކާވެސް ވެރިކަމަށް ގެނައުމަށްކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ, ރައީސަކަށް ހުންނަވާނީ ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކަމަށެވެ.

"ދިވެހި ރައްޔިތުން އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމަށް އިސްކުރީ މިގައުމަށް ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް ގެނައުމަށް. އެކަމަށް ހުރަސް އަޅަމުން މަޖިލިސް ތެރެއިންނާ އެތައް ތަނަކުން ދާތަން ދިވެހި ރައްޔިތުންނަށް ފެންނާނެ," ފައްޔާޒު ވިދާޅުވިއެވެ.

އެކަން ފެއިލް ކޮށްލުމަށް އެމްޑީޕީއާ އެކު ކުރިއަށްދާން ޖެހޭކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ, އެ ޕާޓީ އޮތީ ހުއްޓިފައި ކަމަށެވެ. އަދި ޕާޓީ ނުހިނގާކަން ދާއިރާތަކުގެ ރައީސުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ ސަރުކާރާއެކު ގަދަކޮށް. އަޅުގަނޑުމެންނާ ދިމާލަށް ބްރޯއޭ ވެސް ކިޔިދާނެ. ނުފޫޒު ފޯރުވަނީއޭ ވެސް ކިޔެދާނެ. ބްރޯއަކީ ކާކުކަން އަސްލު ބްރޯ އަކީ ކާކު ކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގޭނެ,"

އެ ޕާޓީގެ އެތެރޭގެ އިންތިޚާބަށް ނުފޫޒުފޯރުވަމުންދާކަން ތުހުމަތުކުރައްވައި ފައްޔާޒު ވިދާޅުވީ, އެކަން ކުރަނީ ކޮންބައެއްކަން ވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވެސް މިޕާޓީއަށްޓަކައި ގުރުބާންވެފައި ތިބި މީހުން. އީވާއާ އިމްތިޔާޒާ ޙަސަން ލަތީފްއާ ވައްޑެއާ ގިޓާއަކާ ނޫން ހަމައެކަނި މި ޕާޓީއަށްޓަކައި ގުރުބާންވީ. އަޅުގަނޑުމެން އެންމެން މިތިބީ މިކަން ކޮށްގެން,"

އިންތިޚާބު ބާއްވަން ޖެހޭނީ ޕާޓީގެ މެންބަރުންނަށް ވޯޓުލުމުގެ ފުރުސަތު ދީގެންކަން ފާހަގަކުރައްވައި ފައްޔާޒު އެދިވަޑައިގަތީ ރޯދަމަހުގެ ފަހުން އެ އިންތިޚާބު ބޭއްވުމަށެވެ. ގައުމީ މަޖިލީހުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 100 ވޯޓުން އިންތިޚާބު ރޯދައިގެ ފަހުން ބާއްވަން ވަނީ ފާސްވެފައެވެ.

އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެއީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވާހަކަ ދައްކަވަމުން ދަނިކޮށެވެ.

ޖަލްސާ ހޫނުވީ, ވަގުތު ހަމަވެއްޖެ ކަމަށް ރިޔާސަތުން އެންގުމުން ވެސް އަލީ އާޒިމް ވާހަކަ ދައްކަވަން ފެއްޓެމުންނެވެ. އެއާއެކު މެންބަރުން ވަނީ އަޑުގަދަކުރަން ފަށާފައެވެ.

"އަޅުގަނޑަށް ވާހަކަދައްކަން ފުރުސަތު ނުދީފިނަމަ އެއްވެސް މީހަކަށް ވާހަކައެއް ނުދެއްކޭނެ," އަލީ އާޒިމް ވިދާޅުވިއެވެ.

އަޑުގަދަކުރަމުން ދިޔަ މެންބަރުން ހުއްޓުވުމަށް ފައްޔާޒަށް އިޝާރާތް ކުރައްވައި އަލީ އާޒިމް ވިދާޅުވީ, "މިނިސްޓަރު ތިޔަހެން ނުހައްދަވާ" އެހެންނެވެ.

އެއާއެކު ފައްޔާޒު ވަނީ ރިޔާސަތު މޭޒު ކައިރިއަށް ވަޑައިގެން ޢަލީ އާޒިމް ހުއްޓުވުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް ރިޔާސަތަށް ވެސް ޢަލީ އާޒިމް ނުހުއްޓެވުމުން, ފައްޔާޒު ތެދުވެވަޑައިގެން އާޒިމްގެ ވާހަކަ ނިންމަވާލަން ފުރުސަތު ދިނުމަށް އެދިވަޑައިގަތެވެ. އެއަށްފަހު ގައުމީ މަޖިލިސް ހަމައަކަށް އެޅި އޮމާން ކަމާއެކު ވަނީ ނިންމާލާފައެވެ.