ސިވިލް ސާވިސްގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ އަންހެން ބޭފުޅުން ނެތްކަމީ ހަގީގީ މައްސަލައެއް ކަމަށާއި އަންހެނުން އިތުރު ކުރަން ޖެހޭ ކަމަށް މިނިސްޓާ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޔޫއެން މޯލްޑިވްސް އާއި އެޗްޑީސީ އަދި އަމިއްލަ ޖަމިއްޔާތަކުން ގުޅިގެން "މިއަދު މާދަމާ"ގެ ނަމުގައި ހުޅުމާލެ ބީޗްގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީ އާ ގުޅިފައި ހުރި ހުރިހާ ޕްރޮޖެކްޓެއްގެ ފަންނީ މަސައްކަތް ކުރަނީ އަންހެން މުވައްޒަފުން ކަމަށެވެ.

އެހެންނަމަވެސް މިއިން އެއްވެސް ޕްރޮޖެކްޓެއްގައި ސިވިލް ސާވިސްގެ އެންމެ މަތީ ފަންތީގައި މަސައްކަތް ކުރާ އެއްވެސް އަންހެން މުވައްޒަފެއް ނެތްކަމަށާއި މިއީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު ދައްކަންޖެހޭ ހަގީގީ މައްސަލައެއް ކަމަށާއި، އެ ކަމަށް ހައްލެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިނިސްޓްރީގައި އެބަ ތިއްބެވި އިންޖިނިއަރުން ، ސައިންޓިސްޓުން، ރާއްޖޭގެ ޓެކްސް ސެކްޓާގައި އެންމެ ފުންނާބު އުސްކޮށް ޓްރެއިންވެ ސްކިލްސް ލިބިފައި ތިބި މުވައްޒިފުން، އެހެން ނަމަވެސް އެބޭފުޅުންނެއް ނުފެނޭ ޑިރެކްޓާ ޖެނެރަލް އަދި ޑައިރެކްޓާ ލެވެލް ފެންވަރުގައެއް ވެސް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ ސިވިލް ސާވިސްގެ އޮނިގަނޑު އިސްލާހުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސައްކަތް ކުރާ މިންވަރާއި އައުޓް ޕުޓް ނެރޭ މިންވަރާއި، ރިޒަލްޓް އޮރިއެންޓެޑް މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތްތައް ބައްޓަންވެގެން ނޫނީ، އަންހެން މުވައްޒަފުންނަށް މަތީ ފަންތީގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއިން ޒަމާނެއްގައި ވެސް ނުލިބޭނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

އެހެންކަމުން ހީވާގި، ހުނަރުވެރި އަންހެނުންނަށް ފުރުސަތުތައް ފަހިކުރުމަށް ޓަކައި ސިވިލް ސާވިސްގެ އޮނިގަނޑަށް ބަދަލު ގެނެސް، ނަތީޖާއަށް ބަލައި، ކުރިއެރުން ދިނުމުގެ ސިޔާސަތެއް ގާއިމްކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.