08 Mar 2022, 20:33
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖެއްސި ބްރެޒިލްގެ ސާޖިއޯ ވެލޯސޯ މިއަދު ރާއްޖެ އަތުވެއްޖެއެވެ.
މިއީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ފަހުން ރާއްޖޭގެ ވޮލީ ޓީމަށް ބިދޭސީ ކޯޗެއް ހަމަޖެއްސި ފުރަތަމަ ފަހަރެވެ. އެ ދުވަސްތަކުގައި ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ތަޖުރިބާކާރު ދިވެހި ކޯޗު މުހައްމަދު ސާޖިދު (ބޮޑު ކާއްޓޭ) އެވެ.
މީގެ ކުރިން ތައިލެންޑްގެ ސުންޓޮން ފޮސީޓާ، ސްރީލަންކާގެ ކުމާރް ވެންޑަކޫން (ސިސިރާ ކުމާރު) އަދި ސާބިއާގެކޯޗު މިލޮރަޑް ކިޔާޗް ވަނީ ރާއްޖެ އަށް ކޯޗުކޮށްދީފައެވެ. މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި ރާއްޖެއަށް ކޯޗުކަން ކޮށްދޭނެ ހަަތަރު ވަނަ ބިދޭސީ ކޯޗެވެ.
މި އަހަރު ފަހުކޮޅު މާލޭގައި ހޯސްޓްކުރާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ގައުމީ ޓީމުން ނިކުންނާނީ ވެލޯސޯގެ އިރުޝާދުގެ ދަށުންނެވެ.
ވެލޯސޯ ވަނީ 2020 ވަނަ އަހަރު ބަހްރޭންގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައެވެ.
ވެލޯސޯ ވަނީ ފިޒިކަލް އެޑިއުކޭޝަނުން ބެޗަލާސް ޑިގްރީއެއް ހާސިލްކޮށްފައެވެ. އަދި އޭނާ އަކީ އެތުލީޓުންގެ އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ދެނެގަންނަން އެމެރިކާގައި ހިންގަމުން އަންނަ ޓްރައިއައުޓް ޕްލޭޔާސްގެ ކޯ ފައުންޑަރެކެވެ. ވެލޯސޯ އަކީ ބްރެޒިލްގެ ވޮލީބޯޅަ ފެޑެރޭޝަނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗެކެވެ.
ރާއްޖޭގެ ވޮލީ ބޯޅަ ކުރިއެރުވުމަށް ސަރުކާރާއި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ދާދި ފަހުން ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވަނީ އެފްއައިވީބީގެ މައި ހެޑްކުއާޓަރަށް ވަޑައިގެންފައެވެ.
އެދަތުރުގައި ދިވެހި ވޮލީ އަށް އިތުރު ފުރުސަތުތައް ތަނަަވަސްކުރަން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ރަނޭގެ ލީޑާޝިޕުގައި ވޮލީއަށް ކުރިއެރުންތަކެއް ހޯދުމަށް އިސްކަމެއް ދެމުންދާކަން ފާހަގަކުރެވެއެވެ.
އެފްއައިވީބީގެ އެހީތެރިކަމާއެކު ރާއްޖެއަށް ވަނީ މަތީ ފެންވަރު ބީޗު ވޮލީ ކޯޗެއް ލިބިފައެވެ. ވިނީޝިއުސް މާޓިން އަކީ ވެސް ބެރެޒިލްގެ ކޯޗެކެވެ. މާޓިންގެ އިރުޝާދުގެ ދަށުން މިދިޔަ މަހު ސްރީލަންކާގައި އޮތް ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖެއިން ވާދަކޮށް ރަނގަޅު ނަތީޖާއެއް ހޯދިއެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން މިހާރު ބީޗްވޮލީ ޓީމު ތައްޔާރުވަމުން އަންނަނީ މި މަހު ލަންކާގައި ބާއްވާ ކޮމަންވެލްތު ކޮލިފައިންއަށެވެ.