08 Mar 2022, 20:29
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) އާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ވެލެންސިއާއިން ލީގު ތާވަލްގެ ދެ ވަނައިގައި ހަމަޖެހިލައިފިއެވެ.
މިއަދުގެ މެޗު ވެލެންސިއާއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗަަށް ނިކުތްއިރު އަނިޔާގެ ސަބަބުން މި ސީޒަންގައި ނުކުޅެވި ހުރި ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) ވަނީ ބެންޗުގައި ހިމަނާފައެވެ. އަދި ޖަލު ހުކުމެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހުނު އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ) ވެސް ވަނީ ބެންޗުގައި ހިމަނާފައެވެ.
މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ވެލެންސިއާގެ ޢަބްދުﷲ ޔާމީން (ޔާން) އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ސަސްގެ ކެޕްޓަން ޢަބްދުﷲ ހަނީފްގެ ފައިގައި ޖެހިފައި އައުމުން އެ ބޯޅަ ލިބުނީ ވެލެންސިއާގެ ހުސެއިން ހަނާފް އަށެވެ. ހަނީފް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި މަތިން ބޭރަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުލަބް ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / މުޙައްމަދު ހައްޔާން
މެޗުގެ 15 ވަނަ މިނެޓުގައި ވެލެންސިއާއިން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑު ލަނޑެއް ކަމަށް ނިންމާފައެވެ. އެއީ ވެލެންސިއާގެ ބިދޭސީ ކުޅުންތެރިޔާ ބޯހާސް މާޓިން ޖެހި ގޯލެކެވެ.
ވެލެންސިއާ އިން ލަނޑު ޖަހައި މެޗުގެ ލީޑު ނެގީ 22 ވަނަ މިނެޓުގައެވެ. މި ލަނޑު ޖެހީ ވެލެންސިއާގެ ހަލީލްއެވެ. އޭނާ ފޮނުވާލި ބޮޅަ އަމާޒުވީ ސަސްގެ ގޯލުގެ ތިރީ ކަނަށެވެ.
އޭގެ ދެ މިނެޓު ފަހުން އަނެއްކާވެސް ވެލެންސިއާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ބޯހާސް ދިން ބޯޅައަކުން އާދަމް އިސާމް އެވެ. އޭނާ ފޮނުވާލި ބޯޅަ ސަސްގެ ގޯލަށް ވަނީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ގެ އަތުގައި ޖެހިފައެވެ.
ފުރަތަމަ ހާފު ނިމިފައިވަނީ 2-0 އިން ވެލެންސިއާއިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން ސަސް އިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށްފައެވެ. މެޗުގެ 58 ވަނަ މިނެޓުގައި ސަސްގެ ޔަޝްފާދު ހަބީބު ވަނީ ހަމަލާއެއް އުފައްދާފައެވެ. ވެލެންސިއާގެ އޭރިޔާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައި ގޯލުގެ ދަނޑި މަތިންނެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުލަބް ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ / މުޙައްމަދު ހައްޔާން
ސަސްއިން މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ 65 ވަނަ މިނެޓުގައެވެ. އެއީ ސަސްގެ ސަހާއު ކާމިޔާބުކޮށްދިން ލަނޑެކެވެ. ތިރިތިރިން އޭނާ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.
ސަސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން މެޗުގެ އިތުރު ވަގުތުގައި ސަސްގެ ސަހާއު ފޮނުވާލި ހަމަލާ ވެލެންސިއާގެ ކީޕަރު މުޙައްމަދު ފައިޞަލް ވަނީ މަތަކޮށްފައެވެ.
މިއަދުގެ މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ވެލެންސިއާ އިން ލީގު ތާވަލްގެ ދެ ވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ. އެއް ވަަނަައިގައި މާޒިޔާ އޮތީ ވެލެންސިއާއަށް ވުރެ އެއް މެޗު މަދުން ކުޅެގެން ލިބުނު 12 ޕޮއިންޓާއެކުއެވެ. މި ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވީ ނަމަވެސް، ކުރި ލިބެނީ މާޒިޔާއަށެވެ. ލީގު ތާވަލްގެ ތިން ވަނައިގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަދި ހަތަރު ވަނައިގައި ކުލަބް އީގަލްސް އޮތީ ހަތް ޕޮއިންޓާއެކުއެވެ. ފަސް މެޗުން ލިބުނު ތިން ޕޮއިންޓާއެކު ސަސް އޮތީ ހަ ވަނައިގައެވެ.
ލީގުގައި މިރޭ 21:00 ގައި ކުލަބް ގްރީން ސްޓްރީޓްސް ނިކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.