ރާއްޖޭގައި މިހާތަނަށް ބާއްވާ ކުޅިވަރުގެ އެންމެ ޝަރަފުވެރި އެވޯޑް، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ގައި ބްރިޓީޝްގެ ޕެރަލިމްޕިކް ތަރި ލޫސީ ސުކާ ބައިވެރިވާނެކަން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ކުރެއްވި ޓުވީޓެެއްގައެވެ.

އުމުރުން 41 އަހަރުގެ ލޫސީވަނީ ޕެރަލިމްޕިކް ޓެނިހުގައި 2002 ވަނަ އަހަރުން ފެށިގެން ވާދަކުރަން ފަށާފައެވެ. އަދި އޭނާ ވަނީ ޕެރަލިމްޕިކް ޓެނިސް އިވެންޓްގައި އެއް ރިހި މެޑަލާއި ދެ ބްރޯންޒް މެޑަލް ހޯދައިފައެވެ.

ލޫސީ ސުކާ -- ފޮޓޯ / ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް

ލޫސީ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 100 އަށް ވުރެ ގިނަ ތަށި ހޯދާފައެވެ. އޭނާ ވަނީ މީގެ ކުރިން ދުނިޔޭގެ ރޭންކިންގައި ސިންގަލްސް ބައިން ފަސް ވަނައަށް އަދި ޑަބަލްސް ބައިން ތިން ވަނަ ހޯދާފައެވެ.

މީގެ އިތުރުން އޭނާ ވަނީ ވޯލްޑް ޑަބަލްސް މާސްޓާސްގެ ޗެމްޕިއަންކަން ހޯދާފާއެވެ. އަދި އޭނާ ވަނީ ވިމްބްލެޑަން ޑަބަަލްސްގެ ފައިނަލްގައި ފަސް ފަހަރު ވާދަކޮށްފައެވެ. އަދި އޮސްޓްރޭލިއަން އޯޕަން ޑަބަލްސް ފައިނަލްގައި ހަތަރު ފަހަރެއްގައި ވާދަކޮށްފައިވެއެވެ. މީގެ އިތުރުން ލޫސީ އަކީ މަލްޓިޕުލް ވޯލްޑް ޓީމް ކަޕްގެ މެޑަލިސްޓެއްގެ އިތުރުނ، ގައުމީ ޗެމްޕިއަނެކެވެ.

މިމަހުގެ 17 ވަނަ ދުވަހުގެ ރޭގައި އޮންނަ ޝަރަފުވެރި މި ހަލްފާގައި ލޫސީގެ އިތުރުން މިހާތަނަށް ބައިވެރިވާނެކަން އިއުލާންކޮށްފައިވާ ލެޖެންޑުންނަކީ، ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް، ބްރެޒިލްގެ ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، އަދި ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމްއެވެ.