08 Mar 2022, 17:41
މޫނު ރީތިކޮށް ބެހެއްޓުމަށް އަހަރެމެން ވަރަށް ގިނަ މަސައްކަތްކުރަން ޖެހެއެވެ. މޫނު މަތީގެ ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. ގޯސް އާދަތަކާ ގުޅިގެން ހަންގަޑަށް ވަރަށް ފަސޭހައިން ގެއްލުން ލިބެއެވެ.
އިންސާނާގެ މޫނުމަތީގެ ހަންގަނޑަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭނެއެވެ. މިއީ ވަރަށް ލޯތްބާއި އަޅައިލުން ލިބިގެން ނޫނީ ރަނގަޅު ގޮތުގައި ނުބެލެހެއްޓޭނެ އެއްޗެއްސެވެ. އޭގެތެރެއިން ކޮންމެހެން ކުރަން ނުޖެހޭ ކަންތައްތައް ވެސް ހުރެއެވެ. މިއީ ހަންގަނޑު ވަރަށް ފަސޭހައިން ހަލާކުވާން މެދުވެރިވާ ކަންތައްތަކެވެ.
މޫނުމަތި ސްކްރަބް ކުރުން
ސްކްރަބް ކުރުމުން ހަންގަނޑު ސާފުވެ، އޮމާންވާނެއެވެ. ނަމަވެސް މިއީ ވަރަށް މަދުމަދުން ކުރަން ޖެހޭ ކަމެކެވެ. ސްކްރަބް ކުރުން މިތަނުގައި މަނާ ކުރާ ސަބަބަކީ ރާޅު އެކި ކަހަލަ މެޓީރިއަލް ހިމެނޭ ތަކެތި ހުންނަ އެއްޗެހި ބޭނުންކޮށްގެން ސްކްރަބް ކުރުމެވެ. މިސާލަކަށް އެޕްރިކޮޓް އޮށަކީ އާންމުގޮތެއްގައި ބައެއް ކުންފުނިތަކުން އެކްސްފޯލިއޭޓް ކުރަން ބޭނުން ކުރާ އެއްޗެއްސެވެ. ނަމަވެސް މިއީ ހަންގަނޑު ކަފައިގެން ދިޔުމުގެ އިތުރުން ހަންގަނޑު އިތުރަށް ހަލާކުވުމަށް މެދުވެރިވާ ކަމެކެވެ. ފެނާއެކު ވިރޭ މެޓީރިއަލް ހިިމެނޭ އެއްޗެހި ބޭނުންކޮށްގެން ސްކްރަބް ކުރަން ރަނގަޅު ވާނެއެވެ. ނަމަވެސް އެކަން ވެސް ކުރަން ވާނީ އެންމެ ގިނަ ވެގެން ހަފުތާ އަކު ދެ ފަހަރެވެ.
މޭކަޕް އާއެކު ނިދުން
މޭކަޕް ކުރުމަކީ އާންމު ދިރިއުޅުމުގައި ހަމަ ގިނަ ބަޔަކު ކޮށް އުޅޭ ކަމެކެވެ. ނަމަވެސް ބުރަ ދުވަހަކަށް ފަހު ގެއަށް ގޮސް ބައެއް ފަހަރު މޭކަޕް ފޮހެލަން ހަނދާން ނެތި ނިދޭ ފަހަރުތައް ވެސް އާދެއެވެ. މިއީ އެއްގޮތަކަށް ވެސް ކުރުން ރަނގަޅު ކަމެއް ނޫނެވެ. މޭކަޕް ފިލުވައި ނުލައި ނިދަން ދިޔުމުގެ ސަބަބުން ހަންގަނޑު ހަލާކު ވުމަށް އިތުރަށް މަގުފަހިވެއެވެ. އަދި މޫނުގެ ތެރެއަށް އެކި ކަހަލަ ޖަރާސީމްތައް ވަދެ މީހާގެ މޫނުގެ ހަންގަނޑު އެލާޖިކް ވުމަށް ވެސް ބައެއް ފަހަރު މަގުފަހި ވެއެވެ.
މޫނުމަތީގައި އަތް ކޭތުން
މޫނުމަތީގައި މާ ގިނައިން އަތް ކޭތުމަކީ ވެސް މޫނަށް ގެއްލުން ހުރި ކަމެކެވެ. އިންސާނާގެ އަތްތިލަ އަކީ އެކި ތަންތަނުގައި މުޅި ދުވަހު ޖެހޭ އެއްޗެކެވެ. އެހެންވީމާ ތަފާތު އެކި ކަހަލަ ޖަރާސީމް ވެސް އަތަށް އެރުން އެކަށީގެންވާނެ އެވެ. އެހެންވީމާ އެ ޖަރާސީމްތައް މޫނަށް ދިޔުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އަބަދު މޫނުގައި އަތް ލުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. މޫނުގައި އަތްލާނަމަ އަބަދުވެސް އަތް ދޮންނަން ހަނދާން ކުރަން ވާނެއެވެ.