މޮސްކޯ (8 މާޗް 2022): ޔުކްރޭން ސިފައިންގެ ލަޝްކަރު ވިއްސިވިހާލި ކޮށްލެވިއްޖެ ކަމަށާއި ޔުކްރޭންގެ އެކި ސަރަހައްދުތަކުގައިވާ އެގައުމުގެ ސިފައިންގެ ޔުނިޓްތަކުގެ ގުޅުންތައް ކެނޑިފައިވާ ކަމަށް ރަޝިއާ އިން ބުނެފިއެވެ.

ރަޝިއާގެ އަސްކަރީ ތަރުޖަމާން މޭޖާ ޖެނެރަލް އީގޯ ކޮނަޝެންކޯވް ވިދާޅުވީ ޔުކްރޭން ސިފައިންގެ މަރުކަޒުތަކަށް ރަޝިއާ ސިފައިން ދެމުން ގެންދާ ޙަމަލާތައް ކާމިޔާބު ކަމަށާއި މިހާތަނަށް ޔުކްރޭން ސިފައިންގެ ދެހާހަށްވުރެ ގިނަ މަރުކަޒު ހަލާކުކޮށްލާފައިވާނެކަމުގައެވެ.

ޔުކްރޭން ސިފައިންގެ ލަޝްކަރު ވިއްސިވިހާލިކޮށްލެވި ސިފައިންގެ ޔުނިޓްތަކުގެ ގުޅުންތައް ކަނޑާލައި އެއް ލަޝްކަރެއްގެ ގޮތުގައި ޔުކްރޭން ސިފައިންނަށް މިހާރު މަސައްކަތް ނުކުރެވެނީ ރަޝިއާގެ ހަމަލާތަކުގައި ޔުކްރޭން ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކުގެ ބޮޑުބައި ހަލާކުކޮށްލެވިފައިވާތީ ކަމަށް ރަޝިއާގެ އަސްކަރީ ތަރުޖަމާން ވިދާޅުވިއެވެ.

އަސްކަރީ މުހައްލިލުން ވިދާޅުވާގޮތުގައި ޔުކްރޭންގެ ދިފާއީ ސްޓްރެޓެޖީ މިހާރު ބައްޓަންކުރަމުން ގެންދަނީ ސިޓީތަކާއި އަވަށްތަކުގައި އާދައިގެ ހަތިޔާރުންކުރާ ގެރިއްލާ ހަނގުރާމައަށެވެ. މިފަދަ ހަނގުރާމައަކަށް ޖޮއިންޓް ކޮމާންޑް ސެންޓަރެއް ބޭނުމެއް ނުވާނެއެވެ. ކޮންމެ ހަނގުރާމަވެރި ގްރޫޕެއް ހަރަކާތްތެރިވާނީ ވަކި ބައެއްގެ ގޮތުގައެވެ. ނަމަވެސް މިފަދަ ހަނގުރާމައެއް ކާމިޔާބު ކުރުމަށް ރަޝިއާ ސިފައިން ބޮޑު އަގެއްދައްކަންޖެހޭނެކަމަށް އެފަރާތްތަކުން ބުނެއެވެ.

ޔުކްރޭންގެ ސިފައިން ވިއްސިވިހާލިކޮށްލެވުނު ނަމަވެސް އެމީހުންނަށް ނޭޓޯއިން ފޯރުކޮށްދޭ ހަތިޔާރުގެ ޝިޕްމެންޓްތަކަށް ހުރަސްއެޅުމަށް ރަޝިއާ ވަނީ ނުކުޅެދިފައެވެ. އެހެންކަމުން ކުދިކުދި ގްރޫޕްތަކުގެ ގޮތުގައި ހަރަކާތްތެރިވާ ޔުކްރޭން ސިފައިންނާއި އެގައުމުގެ އާންމުން ގެންދަނީ އެމެރިކާއާއި ނޭޓޯގެ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާ ސިފައިންނަށް ވޭންދެނިވި ހަމަލާތަކެއް ދެމުންނެވެ.

ޔުކްރޭންގެ ރައީސް ވްލަޑިމީރު ޒިލިންސްކީ ވަނީ ރަޝިއާ ހަނގުރާމަ ކުރަންބޭނުންވާ ވޮލަންޓިއަރުން އެގައުމަށް ވިޒާއަކާ ނުލައި އައުމުގެ ފުރުސަތު ހުޅުވާލައްވާފައެވެ. ޒިލިންސްކީ ވިދާޅުވިގޮތުގައި ކުރިޔަށްއޮތް ދުވަސްތަކުގައި 16 ވަރަކަށް ހާސް ވޮލަންޓިއަރުން ބޭރުގެ އެކި ގައުމުތަކުން ޔުކްރޭނަށް ވަންނާނެއެވެ.

ޚަބަރުތައް ބުނާގޮތުން ޔުކްރޭންގައި ރަޝިއާއާ ކުރިމަތިލުމަށްޓަކައި އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ގެންދަނީ ވޮލަންޓިއަރ ހަނގުރާމަވެރިން ހޯދަމުންނެވެ. ޒެލެންސްކީ މިދިޔަ ހަފްތާގައިވަނީ ރަޝިއާ އާ ހަނގުރާމަ ކުރުމަށްޓަކައި ބޭރުގެ ގައުމުތަކުން ވޮލަންޓިއާ ކޮށްގެން އަންނަ މީހުން ހިމެނޭގޮތަށް ހުޅަނގުގެ މާލީ އަދި އަސްކަރީ އެހީގައި "އިންޓަނޭޝަނަލް ލީޖަން އޮފް ޓެރިޓޯރިޔަލް ޑިފެންސް އޮފް ޔޫކްރެއިން" ގެ ނަމުގައި ރަޝިއާއާ ދެކޮޅަށް ހަނގުރާމަ ކުރާ އިންޓަނޭޝަނަލް ބާރެއް އުފެއްދިކަން އިއުލާން ކުރައްވާފައެވެ.

މިއީ އެމެރިކާގެ ދަށުން އެކުލަވާލާ ޓެރަރިސްޓުންގެ ލަޝްކަރެއްކަމަށް ރަޝިއާއިން މިހާރުވެސްވަނީ ސިފަކޮށްފައެވެ. މި ލަޝްކަރުގައި ކުލީ ސިފައިންގެ ހިމަނާނެކަމަށް ރަޝިއާގެ މީޑިއާ ބުނެއެވެ.

އެމެރިކާއަކީ އިރާގާއި އަފްޣާނިސްތާނަށް އަރައިގަތް އެގައުމުގެ ސިފައިންނާ ދެކޮޅަށް އަމިއްލަ ނަފްސުގެ ދިފާއުގައި ހަނގުރާމަކުރި ފަރާތްތަކަކީ ޓެރަރިސްޓުން ކަމަށް ހަދާފައެވެ. އަދި އިސްރާއީލުގެ އިސްތިއުމާރާ ދެކޮޅަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކަކީވެސް ޓެރަރިސްޓް ޖަމާއަތްތައް ކަމާއި އެޖަމާއަތްތަކަށް އެހީވުމަކީވެސް ޓެރަރިޒަމަށް އެހީތެރިވުންކަމަށް އެމެރިކާ މިހާރުވެސް ސިފަކުރެއެވެ.

ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި ހަމާސް ޖަމާއަތްފަދަ ފަލަސްތީނުގެ ޖަމާއަތްތައް ޓެރަރިސްޓުންނަށް ހަދައި އެޖަމާއަތްތަކަށް ވާގިވެރިވާ އީރާނަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް ކަމަށް ހަދައި އީރާނާ ދެކޮޅަށް އެމެރިކާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ މިސަބަބާ ގުޅިގެންނެވެ.

ޔުކްރޭން ބުނާގޮތުން ގައުމުން ބޭރުގައި އުޅޭ އެގައުމުގެ ދޮޅު ލައްކައެއްހާ މީހުން މިހާރުވަނީ ރަޝިއާ ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އެނބުރި ގައުމަށް އައިސްފައެވެ. ޔުކްރޭން އެމެރިކާއާއި ނޭޓޯއިން ހަތިޔާރު ހޯދައިގެން ގެރިއްލާ ހަނގޔުރާމައެއް ރަޝިއާ އާ ދެކޮޅަށް ފަށާނަމަ އެއީ ދިގުލައިގެންދާ ވަރަށް ގެއްލުންބޮޑު އަދި ލޭއޮހޮރުވުން ބޮޑު އަދި ޔުކްރޭން ދެވަނަ އަފްޣާނިސްތާނަށް ވެގެންދާނެ ހަނގުރާމައެއް ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.

މިފަދަ ހަނގުރާމައަކަށް ވަނުމަކީ ރަޝިއާއަށްވެސް ގެއްލުންވަރަށް ބޮޑުވެގެން ދާނެކަމެއްކަމަށް އެފަރާތްތަކުން ބުނެއެވެ.