ނިވާކަން ކުޑަ ހެދުން އަޅައިގެން އއ. އުކުޅަހު ސިއްޙީ މަރުކަޒުން ޚިދުމަތް ހޯދަން ނުދިޔުމަށް އިލްތިމާސް ކޮށްފިއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން އުކުޅަހު ސިއްޙީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ޢަބްދުﷲ ސައީދު ވިދާޅުވީ ނިވާކަން ކުޑަ ހެދުން އަޅައިގެން އެ މަރުކަޒުން ޚިދުމަތް ހޯދަންދާ ފަތުރުވެރީންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަރުކަޒަށް ޚިދުމަތް ހޯދަންދާ ފަރާތްތަކުގެ ތެރޭގައި ކުޑަކުދީން ވެސް ހިމެނޭ ކަމަށާއި އެހެންކަމުން އައުރަ ނިވާ ނުވާ ގޮތަށް ހެދުން އަޅައިގެންދާ މީހުންގެ ސަބަބުން އެކުދީންގެ އަޚުލާގަށް ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށެވެ.

"މިއީ ސަރުކާރުގެ މުއައްސަސާއެއް. މިހުރިހާ ގޮތަކަށް ވިސްނާފަ އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ މިންގަނޑާއި އުސޫލުގެ ތެރެއިންނޭ ފަތުރުވެރިން ވިޔަސް ދިވެހީން ވިޔަސް އަންނަން ވާނީ،" ސައީދު ވިދާޅުވިއެވެ.

"ނިވާކަން ކުޑަ ހެދުން އަޅައިގެން ނާންނަން އަޅުގަނޑުމެން ބާރު އަޅާފައި އޮންނާނީ. ޚިދުމަތް ހޯދަން އައުން މަނަލެއް ނުކުރަން. މިއީ އިލްތިމާސެއް. އެންމެންނަށް ވެސް ޚިދުމަތް ދޭނަން."

ސައީދު އިތުރަށް ވިދާޅުވީ ގެސްޓް ހައުސްތަކުގެ ވެރީންނާއި ޓުވަގައިޑުން ވެސް ފަތުރުވެރިންނަށް އެފަދަ މުހިއްމު މަޢުލޫމާތު ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ހަށިގަނޑުގެ ވަނާތައް ފައުޅުވާ ގޮތަށް ހުންނަ ނިވާކަން ކުޑަ ހެދުން އަޅައިގެން މީހުން ދިރިއުޅޭ ރަށްރަށަށް ގޮސް ފަތުރުވެރިން އުޅުމަކީ ޓޫރިޒަމް މިނިސްޓްރީން މަނާ ކޮށްފައިވާ ކަމެކެވެ.