އިނގިރޭސި ލީގުގައި ލިވަޕޫލަށް ކުޅެދިން 400 ވަނަ މެޗުގައި ވާދަވެރި އެވަޓަންކޮޅަށް ކެޕްޓަން ސްޓީވަން ޖެރާޑް ހެޓްރިކް ހަދައިފި އެވެ.

ލީގުގައި އެވަޓަން އަތުން މޮޅުވުމުން ލިވަޕޫލަށް 28 މެޗުން މިހާރު ލިބިފައިވަނީ 42 ޕޮއިންޓެވެ. މިއީ ހަތަރު ވަނާގައިވާ އާސެނަލް އަށްވުރެ 10 ޕޮއިންޓް މަދު އަދަދެކެވެ.

އުމުރުން 31 އަހަރުގެ ޖެރާޑް ލިވަޕޫލަށް ކުޅެން ފަށާފައިވަނީ 1998 ވަނަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު 400 މެޗުގައި 89 ގޯލު ޖަހައިފަ އެވެ.

ޖެރާޑްގެ މި ހެޓްރިކާއެކު އޭނާ އަށް ގިނަ ކުޅުންތެރިންތަކެއްގެ ތައުރީފު އޮހުނު އިރު މިއީ މިވަގުތު ހުސްކޮށް އޮތް އިނގިރޭސި ގައުމީ ކެޕްޓަންކަން ލިބުމަށް ވެސް އޭނާއަށް ވަރަށް ބޮޑު ބާރަކަށްވާނެ އެވ. ޖެރާޑަކީ އެ މަގާމު ދިނުމަށް ޝޯޓް ލިސްޓު ކޮށްފައިވާ ކުޅުންތެރިންގެ ތެރެއިން ހޮޓް ފެވަރިޓެވެ. ނަމަވެސް ގާތްގާތުގައި އަނިޔާގެ މައްސަލަދިމާވަމުން ދިއުމަކީ އޭނާއަށް ކެޕްޓަންކަން ލިބުމަށް ހުރަސް އަޅާ ކަމެކެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގައި އިނގިރޭސި ކެޕްޓަންކަން ކުރި ޖެރާޑް ވަނީ އިނގިރޭސި ގައުމީ ޓީމަށް 90 މެޗު ކުޅެދީ 19 ގޯލު ޖަހައިފަ އެވެ.

ހެޓްރިކް ހެދުމަށް ފަހު ޖެރާޑް ބުނީ އޭނާގެ ޓީމު ލީގުގައި ދައްކާ ފޯމާމެދު ހިތާމަ ކުރާ ކަމަށާއި ނަމަވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް މިއީ އާ ފެށުމެއް ކަމަށް ގަބޫލު ކުރާ ކަަމަށެވެ. އަދި އަމިއްލަ ކާމިޔާބީއަށްވުރެ ބޮޑަށް އޭނާ ވިސްނަނީ ޓީމަށް ކާމިޔާބު ހޯދައިދިނުމަށް ކަމަށެވެ.