08 Mar 2022, 14:10
އަންހެނުންނަށް އަނިޔާކުރާ މީހުނަށް ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހާ ކަނބަލުންނަށް ތަހުނިޔާ ފޮނުއްވަމުން ސިޔާމް ވިދާޅުވީ، އަދުގެ މުޖުތަމައިން އަންހެނުންނަށް ކުރިމަތިވާ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކަކީ އެންމެ ކަންބޮޑުވާ އެއް މައްސަލަ ކަމަށެވެ.
ވަޒީފާގެ މާހައުލާއި މަގުމަތިން އަދި ގޭތެރެއިން ވެސް އަންހެނުންނަށް އެފަދަ މައްސަލަަތައް ކުރިމަތި ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށް ސިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާމް ވިދާޅުވީ، ދިވެހިރާއްޖެ މިދެކޭ ތަރައްޤީގައި އަންހެނުންގެ މުހިންމު ހިއްސާއެއް ވާކަމަށެވެ.
"އަޅުގަނޑުމެން މުޖުތަމަޢެއްގެ ގޮތުގައި ހޯދި ކޮންމެ ތަރައްޤީއަކާއި ކާމިޔާބީއެއްގައި ދިވެހި ކަނބަލުންގެ ހިއްސާ ފިރިހެނުންނެކޭ އެއްހަމައެއްގައި އޮތުމަކީ، ތާރީޚު އަބަދުވެސް އެކަމަށް ހެކިދޭ ކަމެއް،" ސިޔާމް ވިދާޅުވިއެވެ.
މިއަދު ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބައި އަންހެނުން ހިއްސާވާއިރު، އޭގެ ތެރެއިން ބޮޑުބަޔަކީ ޒުވާނުން ކަމަށާއި އެހެންކަމުން އަދުގެ އަންހެން ކުދިންނަކީ މާދަމާ ދިވެހި ޤައުމުގެ މުސްތަގުބަލު ބައްޓަންކޮށް ތަރައްޤީ ކުރުމުގެ އިސް ސަފުގައި ފައިހަމަކުރާނެ ބަޔަކަށް ހެދުމަށް ސިޔާމް ގޮވާލެއްވިއެވެ.
އަންހެނުންގެ ދުވަހުގެ މި އަހަރުގެ ޝިޢާރު ކަމުގައިވާ "ދެމެހެއްޓެނިވި މާދަމާ އަކަށް، މިންތީގެ ހަމަހަމަކަން މިއަދު"، މި ޝިޢާރުގައި ބުނާ ފަދައިން، ދިވެހި ކަނބަލުން އަބަދުވެސް ދެމެހެއްޓެނިވި މާދަމާއަކަށް ޓަކައި، ފިރިހެނުންނެކޭ އެއްހަމައެއްގައި މަސައްކަތް ކުރުމަށް ސިޔާމް އެދިވަޑައިގަތެވެ.
އެހެންކަމުން، އަންހެނުންނަށް ކުރިމަތިވާ އެކިކަހަލަ އަނިޔާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅައި، ކުށްވެރިވާ މީހުނަށް ދޭންޖެހޭ އެންމެ ހަރުކަށި އަދަބު ދިނުމަށް ސިޔާމް ގޮވާލެއްވިއެވެ.