08 Mar 2022, 14:36
ކިޔެވް (8 މާޗް 2022) : ޕާކިސްތާނަކީ އެމެރިކާއާއި ޔޫރަޕްގެ އަޅެއްތޯ ސުވާލު ކުރައްވައި އެގައުމުގެ ބޮޑުވަޒީރު އިމްރާންޚާން އެމެރިކާއާއި ޔޫރަޕްގެ ސަފީރުންނަށް ހަރުކަށި ރައްދެއް ދެއްވައިފިއެވެ.
އިމްރާންޚާން މިހާ ހަރުކަށި ބަހުން އެމެރިކާއާއި ޔޫރަޕްގެ ސަފީރުންނަށް ރައްދު ދެއްވީ, ރަޝިއާއިން ޔުކްރޭންގައި ހިންގާ އަސްކަރީ އޮޕަރޭޝަނާ ދެކޮޅަށް ވާހަކަ ދައްކައި, ރަޝިއާ ކުށްވެރި ކުރުމަށް އިސްލާމް އާބާދުގައި ތިއްބަވާ އެމެރިކާއާއި ޔޫރަޕްގެ ސަފީރުން އިމްރާންޚާންގެ ކިބައިން އެދިވަޑައިގަތުމުންނެވެ.
އެމެރިކާއާއި ޔޫރަޕްގެ ސަފީރުން ޕާކިސްތާން ސަރުކާރަށް ފޮނުވި ގުޅިފައިވާ ސިޓީއެއްގައި ވަނީ ރަޝިއާއިން ޔުކްރޭންގައި ހިންގަނީ އަނިޔާވެރި އުދުވާނީ އަމަލުތަކެއްކަން ގަބޫލުކޮށް އެކަން ކުށްވެރި ކުރުމަށް ޕާކިސްތާންގެ ކިބައިން އެދިފައެވެ. އަދި ރަޝިއާއާ ދެކޮޅަށް ދާދިފަހުން އދ.ގެ އާންމު ޖަމްއިއްޔާއިން ފާސްކުރި ގަރާރުގައި ރަޝިއާ ދެކޮޅަށް ވޯޓު ދިނުމަށްވެސް އިސްލާމް އާބާދުގައި ހުންނަ ހުޅަނގުގެ 22 ގައުމެއްގެ އެންބަސީތަކާއި ޑިޕްލޮމެޓިކް މިޝަންތަކުން ޕާކިސްތާން ސަރުކާރަށް އިލްތިމާސްކުރިއެވެ.

ދާދިފަހުން ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އިމްރާންޚާން ޕޫޓިންގެ އަރިހުގައި
ނަމަވެސް ޕާކިސްތާނުންވަނީ މިއިލްތިމާސްތައް ބޮލާލާ ޖަހާފައެވެ. އދ.ގެ ގަރާރުގައި ޕާކިސްތާން ވަނީ ރަޝިއާ ކުށްވެރި ކުރުމުގެ ބަދަލުގައި ވަކިކޮޅަކަށް ވޯޓު ނުދިނުން އިޚްތިޔާރުކޮށްފައެވެ. ޕާކިސްތާނުގެ އިތުރުން އެގައުމުގެ އަވަށްޓެރި އިންޑިއާވެސް އަމަލުކޮށްފައިވަނީ މިގޮތަށެވެ.
އދ.ގެ ގަރާރުގައި ރަޝިއާ ދެކޮޅަށް ވޯޓު ދިނުމަށް އެމެރިކާއާއި ޔޫރަޕުން އިންޑިއާއަށްވެސް ފިއްތުންތައް ކުރިމަތިކުރިކަމަށް ޚަބަރުތައް ބުނެއެވެ. އިންޑިއާގެ އިތުރުން އެނޫންވެސް އެތައް ގައުމަކަށް އެމެރިކާއާއި ޔޫރަޕްގެ ބޮޑު "އިސްތިއުމާރީ" ތިންބާރުން އެކި ވަސީލަތްތައް ބޭނުންކޮށްގެން ފިއްތުންތައް ކުރިމަތިކުރި ކަމަށްވެއެވެ.
ޕާކިސްތާންވަނީ ރަޝިއާ ކުށްވެރި ކުރުމަށް ހުޅަނގުގެ ގައުމުތަކުން އެދުނު ސިއްރު ސިޓީވެސް މީޑިއާއަށް ހާމަކޮށްފައެވެ. މިއީ ޑިޕްލޮމަސީއާ ޚިލާފުކަމެއްގެ އިތުރުން މިއީ ސީދާ ހުޅަނގުގެ ގައުމުތައް ފަޟީހަތް ކުރުމުގެ މަގްސަދުގައި ޕާކިސްތާނުން ކުރި ކަމެއްކަމުން ހުޅަނގުގެ ބާރުތައް ޕާކިސްތާން ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައި ވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަން ފެށިއިރު ބޮޑުވަޒީރު އިމްރާންޚާން ހުންނެވީ ރަޝިއާގެ ވެރިރަށް މޮސްކޯގައެވެ. އެއީ ރައީސް ޕޫޓިން އާ ބައްދަލުކުރެއްވުމަށް ރަޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ. ނަމަވެސް އިމްރާންޚާންވަނީ ރަޝިއާ އެއްވެސް ވަރަކަށް ކުށްވެރި ކުރަން ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ހަނގުރާމައަށް ތާއީދު ނުކުރާ ކަމަށް އިމްރާންޚާން ވިދާޅުވެފައިވެއެވެ.
ރަޝިއާ ކުށްވެރި ކުރުމަށް ހުޅަނގުގެ ގައުމުތަކުން އެދޭއެދުންތަކަށް ރައްދު ދެއްވަމުން ޕާކިސްތާނަކީ އެމެރިކާއާއި ޔޫރަޕްގެ އަޅެއްތޯ އިމްރާންޚާން ސުވާލު ކުރެއްވުމުން ޕާކިސްތާނުން އެމެރިކާއާއި ޔޫރަޕަށް އިހްތިރާމް ނުކުރާ މިންވަރާއި ޕާކިސްތާނުގެ ކުރިމަތީގައި ހުޅަނގުގެ ބާރުތަކުގެ އަގު މިހާރު ނެތްމިންވަރު އެގައުމުތަކަށް އިހްސާސް ކުރެވިފައިވާކަމަށް ޕާކިސްތާނުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.
އެމެރިކާވަނީ ޕާކިސްތާން އެމެރިކާ ދުރަށްގޮސް ޗައިނާގެ ބައިވެރިއަކަށް ވަމުންދާ މައްސަލާގައި އެތައް ފަހަރަކު ކަންބޮޑުވާކަން ހާމަކޮށްފައެވެ. މިކަމާ ގުޅިގެން އެމެރިކާވަނީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ޕާކިސްތާނުގައި ޗައިނާ ކުރިޔަށް ގެންދާ އިގްތިސާދީ ކޮރިޑޯ ޕްރޮގްރާމާ ދެކޮޅަށްވެސް މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެކަމުގައި އެމެރިކާވަނީ ނާކާމިޔާބުވެފައެވެ.
ޕާކިސްތާނުގައި ޗައިނާ ކުރިޔަށް ގެންދާ އިގްތިސާދީ ކޮރިޑޯ ޕްރޮގްރާމަކީ މަގުތަކާއި ހައިވޭތައްފަދަ މަދަނީ އިންފްރާސްޓްރަކްޗާ އާއި ރިއަލް އެސްޓޭޓް އާއި ކާރުޚާނާތަކާއި ކަނޑާއި ވައިގެ ބަނދަރުތައް ހިމެނޭ ގާތްގަނޑަކަށް 70 ބިލިޔަން ޑޮލަރުގެ ބިޔަ އަދި އުންމީދީ މަޝްރޫއެކެވެ. މި މަޝްރޫއާއެކު ޕާކިސްތާނުގެ އެތައް ލައްކަ ބަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެ ޕާކިސްތާނުގެ އުފެއްދުންތައް އިތުރުވެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވަނީ ބެލެވިފައެވެ.
ރަޝިއާއިން ޔުކްރޭނާ ދެކޮޅަށް ހިންގާ އަމަލުތަކާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުން އެކަމުގައި ބައިވެރިވެފައެއް ނުވެއެވެ. މިމައްސަލާގައިވެސް އެމެރިކާވަނީ ވަރަށް ކަންބޮޑުވެފައެވެ.