08 Mar 2022, 13:41
ކޮވިޑް ބަލި ޖެހޭ މީހުންނަށް ފަރުވާ ދޭން ދެވަނަ ފެސިލިޓީއެއް ހުޅުމާލޭގައި މިއަދު ހުޅުވައިފިއެވެ.
ހުޅުމާލޭގައި ކޮވިޑަށް ފަރުވާދޭން އިތުރު ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާކަން، މިދިޔަ އަހަރުގެ މޭ 25 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، 'އިންފެކްޝަން ޑިސީޒް މެނޭޖްމަންޓް ސެންޓަރު'ގެ ނަމުގައި މިއަދު ހުޅުވި ފެސިލިޓީގައި 272 އެނދުގެ ޖާގައާއި 44 އައިސީޔޫ އެނދު ހުންނާނެ ކަމަށެވެ.
މި ފެސިލިޓީ ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 ގެ އިތުރު ރާޅެއް ކުރިމަތިވެއްޖެ ހިނދެއްގައި އިތުރު ފަރުވާ ދިނުމަށް ރާއްޖޭގެ ކެޕޭސިޓީ އިތުރުކުރުމެވެ.
ހުޅުމާލޭގައި ދެވަނަ ކޮވިޑް ފެސިލިޓީއެއް ގާއިމުކުރީ އޮރެންޖް ހިޔާ އިމާރާތުގައެވެ. އިތުރު ކޮވިޑް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރަން ނިންމީ، ކުރިން ހުރި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުރި މައްސަލަތަކުގެ ސަބަބުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިހާރު ހުރި 276 އެނދުގެ ފެސިލިޓީގައި ޖާގައިގެ ދަތިކަން ކުރިމަތިވެ ހިދުމަތުގެ ފެންވަރު ދަށްވުމުގެ ޝަކުވާތައް ވަނީ މީގެ ކުރިންވެސް ފެންމަތިވެފައެވެ.
މިއަދު ހުޅުވި ކޮވިޑްގެ ދެވަނަ ފެސިލިޓީ -- ފޮޓޯ/ ހެލްތު މިނިސްޓްރީ
އޮރެންޖް ހިޔާ ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ގާއިމު ކުރަން ނިންމާފައިވަނީ މިދިޔަ މެއި އަދި ޖޫން މަހު ރާއްޖެއަށް އައި ހަތަރު ވަނަ ކޮވިޑް-19 ގެ ރާޅާއެކުއެވެ.
އޮރެންޖްހިޔާއަކީ ކުރީގެ ޑިސްޓްރިބިއުޝަން ސެންޓަރެކެވެ. އަދި ކޮވިޑް-19ގެ ތެރޭގައި ބިދޭސީ މީހުން ކަރަންޓީނު ކުރާ ތަނެއްގެ ގޮތުގައިވެސް އޮރެންޖް ހިޔާ ބޭނުންކޮށްފައިވެއެވެ.