މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީގައި ބޭނުން ކުރުމަށް ފުރަތަމަ އެއާކްރާފްޓް މިއަދު ރާއްޖެ ގެނެސްފިއެވެެ.

މޯލްޑިވިއަންއިން ގެނައި އެ އެއާކްރާފްޓް މިހާރު ވަނީ އައްޑުއަށް ގޮސްފައެވެ.

މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އައިޝަތު ޖެނިފާ މިއަދު "ސަން"އަށް ވިދާޅުވީ އެ އެއާކްރާފްޓް އެސެމްބަލް ކުރުމަށްފަހު ވަރަށް އަވަހަށް ބޭނުންކުރަން ފެށޭނެކަމަށެވެ.

"އަޅުގަނޑުމެން މި އުންމީދުކުރަނީ އެސެމްބަލްކޮށް އޭޕްރީލް 15ގައި ބޭނުންކުރަން ފެށޭނެކަމަށް،" ޖެނިފާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިތުރު ތިން އެއާކްރާފްޓް ވެސް ގެންނަން ޝެޑިއުލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ އެއާކްރާފްޓްތައް މި މަހުގެ 31ވަނަ ދުވަހު ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ޖެނިފާ ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެންނަށް ލިބުނީ މަލްޓި އިންޖީން އެއާކްރާފްޓް، ދެން މި ގެންނަނީ ސިންގަލް އިންޖީން އެއާކްރާޓްފް،" ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ އެ އެކަޑެމީގެ އަމާޒަކީ މި އަހަރުގެ ތެރޭގައި ދެ ބެޗު ދަސްވެނިވުން ކަމަށެވެ.

ޕައިލެޓުން ތަމްރީނުކުރުމަށް، ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން އުފެއްދި، މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ ހުޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ އެކަޑެމީ ހިންގުން ހަވާލުކޮށްފައިވަނީ ޗެކް-ރިޕަބްލިކްގެ މަޝްހޫރު ފްލައިން އެކަޑެމީއަކާއެވެ.