ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ ]ސީއެންއައި[ އިން އެއްވެސް ތަހުގީގެއް ކުރިއަށް ގެންދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަވާލުކޮށްފައި ނުވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އިންކުއަރީ ކޮމިޝަންގެ މަސައްކަތްތަކާ ބެހޭ ގޮތުން މުލިއާގޭގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ރައީސް އިސްލާއިމް ޝަފީއު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ތިން މެންބަރުންގެ މަސައްކަތަކީ ބައެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި އެ މައްސަލައެއް ކޯޓަށް ފޮނުވުން ނޫން ކަމަށެވެ. އަދި ކޮމިޝަންގެ މަސައްކަތަކީ ވެރިކަން ބަދަލުވުމުގައި ހިނގައި ދިޔަ ކަންތައްތައް ބެލުން ކަމަށެވެ.

ކޮމިޝަންގެ މެންބަރު އިބްރާހިމް ޔާސިރު ވިދާޅުވީ އިންކުއަރީ ކޮމިޝަނަކީ ޖިނާއީ ތަހުގީގެއް ހިންގާ ތަނެއްގެ ގޮތުގައި ބަޔަކަށް ސިފަވަނީ ކުރީގެ ރައީސުން ވެސް ރިޔާސީ ކޮމިޝަން ފަދަ ތަންތައް އުފައްދަވައި ޖިނާއީ ތަހުގީގުތައް ހިންގައިފައިވާތީ ކަމަށެވެ.

"ގަރާރަކުން ކޮމިޝަން ރައީސް އުފެއްދެވުމާ އެކު އެކި ފަރާތްތަކުން ސުވާލު ކުރަންފެށި ކޮންކަހަލަ ތަހުގީގެއްތޯ ކޮމިޝަނުން ކުރިއަށް ގެންދަނީ. އަޅުގަނޑުމެންނަށް އެއްވެސް އިންވެސްޓިގޭޝަނެއް ހިންގާކަށް ހަވާލުކޮށްފައެއް ނެތް. އިންކުއަރީއެއް ގޮތަށް ކުރިއަށް މިދަނީ. އެއީ ކަންހިގައި ދިޔަ ގޮތް [ވެރިކަން ބަދަލުވިގޮތް] ބެލުން އެއީ އަޅުގަނޑުމެންގެ މަސައްކަތަކީ،" ޔާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދަނީ ވަރަށް މިނިވަންކަމާ އެކު ކަމަށާއި އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި އިންސާފުވެރިކަމާ އެކު ކޮމިޝަންގެ މަސައްކަތް ނިންމައި މި އަހަރުގެ މެއި މަހުގެ ނިޔަލަށް ރިޕޯޓް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.

އިންކުއަރީ ކޮމިޝަން އުފެއްދި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުން މިއަހަރުގެ 14 ޖެނުއަރީ ފެށިގެން 8 ފެބްރުއަރީގެ ނިޔަލަށް ހިނގާފައިވާ ކަންތައްތައް ބަލައި، ހޯދައި މިއަހަރުގެ މެއި މަހުގެ 31ގެ ނިޔަލަށް ރައީސުލްޖުމްހުރިއްޔާއަށާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އަށާއި ބަންޑާރަ ނައިބަށް އެ ރިޕޯޓް ހުށަހެޅުމަށް ބުނެފައިވެ އެވެ.
ޔާސިރު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް މޭ 31 ނިޔަލަށް ނިންމާލެވޭނެ ކަމާ މެދު އެއްވެސް ޝައްކެތް ނެތް ކަމަށާއި ވެރިކަން ބަދަލުވުމުގައި ހިނގާފައިވާ ކަންތައްތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ފަރާތްތަކުން އެކަންތައް ކޮމިޝަނާ ހިއްސާ ކުރެއްވުމުން، އެ މަސައްކަތް އިތުރަށް ފަހިވެގެންދާނެ ކަމަށެވެ.
އދ. އާ ގުޅިގެން އިންކުއަރީ ކޮމިޝަނުން ކުރިޔަށް ގެންދާ މައްސަލައަށް އަލިއަޅުއްވާލައްވާއި އިސްމާއިލް ޝަފީއު ވިދާޅުވީ ކޮމަލްވެލްތަށް ވުރެ ބޮޑަށް އދ. އާ ގުޅިގެން މަސައްކަތް ކުރުމުގެ ބޭނުމަކީ އެ ޖަމާއަތަކީ ހުރިހާ ގައުމުތަކެއް ވެސް ބައިވެރިވާ ޖަމާއަތަކަށް ވުމުން ކަމަށެވެ.

"ކޮންމެވެސް އެއްފަރާތެއް އެބަޖެހޭ ޗެނަލް ކުރަން. ދެން އެގޮތުން އދ. އަޅުގަނޑުމެންނަށް ވިސްނުނީ އެފަރާތުން ބޭނުންވާ އެއްޗެއް ބޭނުންވާ ގައުމަކުން ގެނެވޭނެ ކަމަށް. އދ. އަކީ ހުރިހާ ގައުމެއްގެ މައްޗަށް އެކުލެވޭ ޖަމާއަތެއް. ނަމަވެސް ކޮމަންވެލްތަކީ ވަކި ގްރޫޕެއް،" މައުމޫންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ އިސްމާއިލް ޝަފީއު ވިދާޅުވި އެވެ.

މުލިއާގޭގެ ހޯލަކާއި ކޮޓަރިއެއްގައި ހިނގަމުންދާ ކޮމިޝަންގެ މަސައްކަތްތްތައް ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު މީޑިއާއަށް ހިއްސާ ކުރާނެ ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އެ ކޮމިޝަންގެ ވެބް ސައިޓެއް ވުޖޫދަށް ގެނެސް، ކޮމިޝަނާ ހިއްސާ ކުރަން ބޭނުންވާ މައުލޫމާތުތަކެއް އެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅުއްވޭނެ ކަމަށް ބުންޏެވެ.