14:30


ފުލުހުންނާއި އެންމެއެންޑީއެފް ގުޅިގެން މާލެތެރޭގައި މިހާރު ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން ހައްޔަރުކުރާ މީހުންގެ ބޯކޮށަމުންދާ ކަމަށް ބުނެ ޑީއާރުޕީން އެކަން ކުށްވެރިކޮށްފި އެވެ.


ޑީއާރުޕީގެ ޒުވާނުންގެ ގޮފީގެ ރައީސް އަހުމަދު މަޚްލޫފް މިއަދު ވިދާޅުވީ ވޯލްޑް ކަޕަށް ފަހު ޒުވާނުން މާލެތެރޭގައި މާރާމާރީ ހިންގާ ހަމަނުޖެހުން އުފައްދަމުންދާ ކަމަށް ބުނެ ފުލުހުން އެމީހުން ހައްޔަރުކޮށްގެން ގެންގޮސް ބޯކޮށާ ހަދާ ކަމަށެވެ. އަދި އެއީ ބައެއްގެ ޒާތީ ދިރިއުޅުމަށް އަރައިގަތުން ކަމަށް ބުނެ މަޚްލޫފް ވަނީ އެކަން ކުށްވެރިކުރައްވާފަ އެވެ. އަދި އެގޮތަށް ބައެއްގެ ޒާތީ ދިރިއުޅުމަށް އަރައިނުގަނެވޭނެ ކަމަށާއި އެމީހެއް ބޯދިގުކޮށް ނުވަތަ ކުރުކޮށް ކޮށާފައި ބެހެއްޓުމަކީ އެމީހެއްގެ އަމިއްލަ ކަމެއް ކަމަށް ވެސް މަޚްލޫފު ވިދާޅުވި އެވެ.


ފުލުހުން މިހާރު މާލެތެރޭގައި ހިނގަމުންދާ އޮޕަރޭޝަންތަކަށް އިޝާރާތް ކުރައްވާ މަޚްލޫފު ވިދާޅުވީ މިހާރު މާލެ ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ ގްރޫޕްތަކުން ހިންގާ ކަންތަކެއް ނޫން ކަމަށާއި އެއީ އެމްޑީޕީން ސިޔާސީ ވަކި ބޭނުމެއްގައި ގައުމު ހަލަބޮލި ކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.


ފުލުހުންނާ ސިފައިން ގުޅިގެން މިހާރު މާލެގައި ހިންގަމުންދާ އޮޕަރޭޝަނާ ގުޅިގެން ބައެއް ކުދިންނަށް ފުލުހުން އިހާނެތިކޮށް ކަންތައް ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށް ބުނެ ސަރުކާރު ހިންގާ އެމްޑީޕީން ވެސް ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ބައެއް ކުދިންނަށް 12 ގަޑިއިރު ވަންދެން ކާން ނުދީ ގެންގުޅެފައިވާ ކަމަށާއި، އެކުދިންގެ އަތުގައި ހުރި ބައެއް ތަކެތި ފުލުހުން އަތުލާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ. އަދި ބައެއް ކުދިންގެ ކަނު ބަނދެ، އެކުދިންގެ ބޯބާލައި، ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކެއް އެކުދިންނަށް ދީފައިވާ ކަމަށް އެޕާޓީއަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުންނާ މެދު ކޮށްފައިވާ އެފަދަ ތުހުމަތުތައް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ތަހްގީގުކޮށް، މިހިނދުން މިހިނދަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ނޫސް ބަޔާނުގައި ވަނީ ގޮވާލަފަ އެވެ.


މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތި ޑީލްކޮށް އެމީހުންގެ އަސްލު ސިފަ އޮޅުވާލައިގެން އުޅޭ މީހުންގެ އަސްލު ސިފަ ދެނެގަތުމަށް އެމީހުންގެ ބޯ ކޮށާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ހަދަންޖެހުނީ އެމީހުންގެ އިސްތަށިގަނޑުގެ ތެރެއަށް މަސްތުވާތަކެތި ލައި ފޮރުވަން މަސައްކަތްކޮށް ހަދާފައިވާތީ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އަދި އެކަމުގައި އެއްވެސް މީހަކަށް އަނިޔާކޮށްފައިވާނަމަ އެޝަކުވާ ފުލުހުންނަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


މި މައްސަލައިގައި އެ ފަރާތްތަކުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މައްސަލަ ހުށަހަޅައިފަ އެވެ. އަދި މިއަދު ހަވީރު ވަނީ ރައީސް އޮފީހަށް ވެސް އެ މައްސަލަ ހުށަހަޅާފަ އެވެ.