08 Mar 2022, 00:48
އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންނަށް ޑިވިޑެންޓުގެ ގޮތުގައި 2.70 ރުފިޔާ ބެހުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއިން ފާސްކޮށްފިއެވެ.
މި ގޮތަށް ފާސްވީ ޖަލްސާގައި ބައިވެރިވި 98.7 އިންސައްތައިގެ ހިއްސާދާރުންގެ ވޯޓާ އެކުއެވެ.
ކްރޮސްރޯޑް މެރީނާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި އަމިއްލަ ގޮތުން 101 ހިއްސާދާރަކު ވަނީ ބައިވެރިވެފައެވެ. އަދި، ޕްރޮކްސީ މެދުވެރިކޮށް 1101 ހިއްސާދާރަކު ބައިވެރިވިއެވެ. މި ހިއްސާދާރުން 135.9 މިލިއަން ރުފިޔާގެ އަގުހުރި ހިއްސާ ތަމްސީލުކުރެއެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރި މެންބަރަކީ ފަރީހާ ޝަރީފެވެ. އޭނާވަނީ މިދިޔަ އަހަރު ވެސް އެ މަގާމު ފުރުއްވާފައެވެ. އޭނަޔަށް 732 ވޯޓު ލިބުނު އިރު، އެންމެ ކައިރިން ވާދަކުރި އިބްރާހީމް ފިރުޝާނަށް ލިބުނީ 461 ވޯޓެވެ. އޭގެ އިތުރުން ވާދަކުރެއްވި ޢާއިޝަތު ހުސައިން މަނިކަށް ލިބުނީ އަށް ވޯޓެވެ.
އާންމު ހިއްސާދާރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމަދީ ވިދާޅުވީ ޓެލެކޮމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރުވެ، ވާދަވެރިކަން އިތުރުވުމަކުން ކުންފުނީގެ އާމްދަނީއަށް މާބޮޑު އަސަރެއް ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށެވެ.
"އަޅުގަނޑުމެން ވަނީ މިކަމާ ގުޅޭ ދިރާސާތައް ވެސް ހަދާފައި. އެ ދިރާސާތަކުން ވެސް ހޯދިފައެއް ނެތް އާމްދަނީއަށް ބޮޑު ބަދަލެއް އަންނާނެކަމަށް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އުރީދޫގެ އާ ހެޑް އޮފީހުގެ އިމާރާތް މި އަހަރުގެ ހަތަރުވަނަ ކުއާޓަރަށް ނިންމޭނެ ކަމަށާއި، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭ ހުޅުވޭނެ ކަަމަށް ގަބޫލު ކުރައްވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިންކަމް ޓެކްސް ގާނޫނަށް ގެނެވުނު ބަދަލާއެކު، ރެޒިޑެންސީ ކަށަވަރު ނުވާ ހިއްސާދާރުންގެ ހިއްސާއިން 10 އިންސައްތަ ކެނޑުމަށް ހަމަޖެހިފައިވާތީ، ބައެއް ހިއްސާދާރުންނަށް ހިއްސާ ލިބުމުގައި ލަސްކަމެއް ދިމާވެދާނެތީ، އެކަމަށް ސަމާލުވުމަށް އުރީދޫ އިން ވަނީ އިލްތިމާސްކޮށްފައެވެ.
މިބައްދަލުވުމުގައި މިއަހަރަށް އުރީދޫގެ އޮޑިޓަރެއްގެ ގޮތުގައި އިންތިޚާބު ކޮށްފައިވަނީ ޕްރައިޒް ވޯޓާ ހައުސް ކޫޕާސްއެވެ. އުޖޫރައެއްގެ ގޮތުގައި އެ ފަރާތަށް ދިނުމަށް ފާސްވީ 62,920 ޑޮލަރެވެ.
ފާއިތުވެދިޔަ އަހަރު އުރީދޫން 178.7 މިލިއަން ރުފިޔާގެ އާމްދަނީ އެއް ހޯދި އިރު، އެއީ ހަތަރު އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 2.34 ރުފިޔާއެވެ.