08 Mar 2022, 08:09
"ބްރަދަރ!... އަދިވެސް ގޮތެއް ދުލެއްނުކުރާނަންތަ؟..." އައިޒަކް ދިޔަ ދިމާއަށް ބަލަން އިން ޒިވިއަން އޭނާގެ އަމިއްލަ ނަފުސަށް އިވޭވަރަށް ސުވާލުކުރިއެވެ.
"ދެން އަހަރެން ދުލެއް ނުދޭނަން..." ޒިވިއަން އަމިއްލަ ނަފުސަށް ވައުދުވިއެވެ.
*********
ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް އިރަމް އާއި އައިޒަކްގެ ގުޅުންވެސް ދިޔައީ ރަނގަޅުވަމުންނެވެ. ދެމީހުންގެ ދެމެދުގައި ލެވިފައިވި ބޯ ފާރު ނެތެމުންދިޔައެވެ. އައިޒަކްގެ ލޯތްބާއި އޯގާތެރިކަމުގެ ސަބަބުން އިރަމްގެ ތުންފަތުން ހިނިތުންވުން ފިލައިނުދެއެވެ. މާޒީގެ ހިތްދަތި ހަނދާންތައް އެހިތުން ފިލުވައިނުލެވުނު ނަމަވެސް، މުސްތަގުބަލާއިމެދު އޭނާގެ އުއްމީދުތައް އިތުރުވާން ފެށިއެވެ.
ޕްރޮގްރާމަކަށް ބޭނުންވާ މުހިއްމު މަންޒަރުތަކެއް ނެގުމަށް އިރަމް ރާއްޖެތެރޭގެ ރަށަކަށް ދާންޖެހޭކަން އެންގީ، އޭނާ އައިޒަކާއިއެކު މުހިއްމު ކަމެއް ރާވާފައި ވަނިކޮށެވެ. ހަފުތާ ބަންދުގައި ދެމީހުން ރިސޯޓަކަށް ދާން އައިޒަކް އޮތީ ހުރިހާ ކަމެއް ހަމަޖައްސާފައެވެ. އޮފީހުގެ ދަތުރުގައި އިރަމްއާއިއެކު ބައިވެރިވަނީ ޒިވިއަންއެވެ. އިރަމް ނުތަނަވަސްވިއެވެ. ހަތަރުދުވަހަށް އޭނާ ރާއްޖެތެރެއަށް ފޮނުވަން އައިޒަކް ހުއްދަ ދޭނެބާއޭ ހިތަށް އެރިއެވެ. ޖެހިލުންވި ނަމަވެސް، ގެއަށް ގޮސް ފުރަތަމަ ކަމަކަށް އިރަމް ބޭނުންވީ އެ ވާހަކަ ދައްކާށެވެ.
އިރަމް ގެއަށް ދިޔައިރު، އައިޒަކް ފެންނާކަށް ނެތެވެ. ގޭތެރޭގައި އަރައިގެން އުޅޭ ފައިވާން ފެންނަން ނެތުމުން، އޭނާ ހީކުރީ އައިޒަކް ވާނީ ޓެރެސްގައި ކަމަށެވެ. އޭނާ އެއްޗެހި ބަދަލުކުރަން ހުއްޓައި، ފެންވަރައިގެން އައިޒަކް ފާހާނާއިން ނުކުތީ، ހަމައެކަނި ތުވާލިކޮޅުގައި ހުރެގެންނެވެ.
ކިތަންމެ ގިނަ ވަގުތެއް އެކުގައި ހޭދަކުރެވުނު ނަމަވެސް، އިރަމް އަދިވެސް އައިޒަކްދެކެ ލަދުގަނެއެވެ. އެ އަލީގައި އައިޒަކަށް އޭނާގެ ހަށިގަނޑު ފެންނާކަށް އޭނާ ބޭނުމެއްނުވިއެވެ. އިރަމް ތެޅިގަނެފައި ފަހަތަށް ޖެހުނު ވަގުތު ވަރަށް ބާރަށް އަލަމާރީގައި ބޯ ޖެހުނެވެ. އައިޒަކް އައިސް ހިފަހައްޓާލުމުން އޭނާ ރީއްޗަށް ރަކިވިއެވެ.
"ބަލައިގެން..." އައިޒަކްގެ މޫނުން ފެނުނީ ހާސްކަމެވެ.
އޭނާ އިރަމް އަތްމައްޗަށް އުފުލާލައިގެން ގެންގޮސް އެނދުގައި ބާއްވާލާފައި، ބޯ މޮޑެލަދޭން ފެށިއެވެ. އެ ނާޒުކު އަންހެންކުއްޖާއަށް ކިތަންމެ ކުޑަކަމެއްވެސް ވާކަށް އައިޒަކް ބޭނުމެއް ނުވެއެވެ.
"ވަރަށް ތަދުވޭތަ؟..." އައިޒަކް ސުވާލުކުރިއިރު އެ އަޑުގައިވަނީ ހާސްކަމެވެ.
އިރަމް އަވަހަށް ބޯ ހޫރައިލިއެވެ. އައިޒަކްގެ މޫނަށް ބަލަން ނުކެރިގެން އޭނާ އޮތީ، އެހެން ދިމާއަކަށް ނަޒަރުހުއްޓާލައިގެންނެވެ.
އައިޒަކް އިށީނދެގެން އިނީ ރަޖާގަނޑުގެ މަތީގައެވެ. ހަށިގަނޑު ފޮރުވޭނެ ގޮތެއް ނެތުމުން އިރަމް ވަކީން ނުތަނަވަސްވިއެވެ.
އިރަމްގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައިވާ ލަކުނުތައް ފެނުމުން، އައިޒަކްގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އަނިޔާގެ އެ ނިޝާންތަކަކީ ހޫނު އެއްޗެއް ޖެއްސުމުން ފިހިފައިވާ ކަހަލަ ނިޝާންތަކެކެވެ. ބޭއިހުތިޔާރުގައި އައިޒަކަށް އެ ލަކުނުތަކުގައި ފިރުމައިލެވުނެވެ. އިރަމްގެ އަތުގައި ހިފައި ނަގައި އެ ހަށިގަނޑުގައި ބައްދައިލިއެވެ.
"ސޮރީ..." އައިޒަކް މަޢާފަށް އެދުނެވެ. އޭރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.
އައިޒަކްގެ އެންމެ ޖުމްލައަކުންވެސް އިރަމްގެ ހިތް ކުދިކުދިވި ކަހަލައެވެ. މާޒީގެ ހަނދާންތައް އޭނާ ވަށައިލިއެވެ. އެއީ ހިތްދަތި ދުވަސްތަކެކެވެ. ދުވަހަކު އެހިތުން ފިލުވައިނުލެވޭނެ ހަނދާންތަކެކެވެ. އައިޒަކްގެ މޭގައި މޫނު ފޮރުވާލެވުމުންވެސް އިރަމްއަށް ރައްކާތެރިކަން އިހުސާސްވިއެވެ.
"މަންމަ ކީއްވެތަ އެހާ ރުޅިއަންނަނީ؟..." ކުރެހިފައިވާ އަޑަކުން އިރަމް ސުވާލުކުރިއެވެ.
އެއީ އިރަމް އޭނާގެ އަމިއްލަ ނަފުސަށް ކުރި ސުވާލެއްކަން އެނގުނު ނަމަވެސް، އެ ސުވާލުގެ ޖަވާބުދޭން އައިޒަކް ބޭނުންވިއެވެ. އެހެންނަމަވެސް އެ ސުވާލަށް ޖަވާބުދިނުމުގެ ކުރިން އޭނާއަށް ޖެހުނީ ދޭނެ ޖަވާބަކާއިމެދު ވިސްނައިލާށެވެ.
"އެއީ މަންމައަށް ނުވިސްނޭތީ..." އައިޒަކް ބުނެލިއެވެ.
"އެކަމަކު، އަހަންނަށް ގޯސްކޮށް ކުރެވުނީ ކޮން ކަމެއްކަން ބުނާނެނަމަ..." އިރަމްއަށް ގިސްލެވެން ފެށުނެވެ.
"މަންމައަށް އަދި ވިސްނޭނެ..." ވިސްނައިދޭ ކަހަލަ ރާގަކަށް އައިޒަކް ބުނެލިއެވެ.
"އަހަރެން ހަނދާން ހުންނަން ފެށީއްސުރެ، އަނިޔާއާ ކުރިމަތިލާންނުޖެހޭ އެންމެ ދުވަހެއްވެސް..." އިރަމްއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. އަރުތެރެ ހިކި، ކޮށިއެރިއެވެ.
"ޝްޝްޝް..." އައިޒަކް ވަރަށް ލޯބިން ބުނެލިއެވެ. "އަހަރެން މިހުރީނު ހެލްޕްވާން.... އަހަރެން ހަގީގަތް ހޯދާނަން... އެއްވެސް ކަމެއްނުވެ، މަޔަކު ދަރިއަކުދެކެ އެހާ ނަފުރަތެއް ނުކުރާނެ..."
އައިޒަކް ބަދިގެއަށް ގޮސްފައި އެނބުރި އައީ ފެންތައްޓެއް ހިފައިގެންނެވެ. ފެންތަށި އިރަމްގެ ތުންފަތުގައި ޖައްސައިދިނީވެސް އޭނާގެ އަތުންނެވެ. އެ އޯގާތެރިކަމުގެ ސަބަބުން އިރަމް އިސާހިތަކު ހަމައަކަށް އެޅުނެވެ. އައިޒަކްގެ ގާތްކަމަށް އެ ހިތް އެދުނީ އަމިއްލަ އިހުތިޔާރެއް ނެތިއެވެ. ދެމީހުންގެ މެދުގައި ދެކެވުނު ވާހަކަ ނިމުނީ އުފާވެރި ވަގުތުކޮޅަކުންނެވެ. އިރަމް އިސްނެގީތީ، އައިޒަކްގެ ހިތް އުފަލުން ފުރުނެވެ.
********
ރޭގަނޑުގެ ވަގުތެވެ. އައިޒަކާއިއެކު ސައިކަލު ދުއްވާލަން ނުކުތްނަމަވެސް، އިރަމްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެހެން ކަމެކެވެ. ރާއްޖެތެރެއަށް ދާން އައިޒަކްގެ ހުއްދަ ހޯދާނެ ގޮތެކެވެ. އެ ވާހަކަ ފަށާނެ ގޮތެއް ނޭނގިގެން އިރަމްއަށް ހުރެވުނީ އެކަމާއިމެދު ވިސްނާށެވެ. ހުޅުމާލޭގެ މަގުތަކުގައި ވަރަށް ބާރަށް ސައިކަލު ދުއްވަމުން ގޮސް އަތިރިމަތީގައި ބަހައްޓާފައިވާ ގޮނޑިތައް ފެނުމުން އައިޒަކް ކުއްލިއަކަށް ސައިކަލުގެ ދުވެލި މަޑުކޮށްލިއެވެ. ނުވިސްނާ އިން އިރަމް ގޮސް އައިޒަކްގެ ގައިގައި ލައްވިއެވެ.
"ކީއްވެތަ އެހާ ދުރުގަ ތި އިންނަނީ؟..." އައިޒަކް އަހައިލީ ޝަކުވާގެ ރާގަކަށެވެ.
"ދުރުގައެއް ނޫން..." އިރަމް ބުންޏެވެ.
"މާލެދާއިރު ޖެހޭނީ އަހަރެން ބުނާ ގޮތަކަށް އިންނަން... އޯކޭތަ؟..." މަގުގެ އެއްފަރާތަކަށް ސައިކަލު ހުއްޓައި، ފަސްއެނބުރި އިރަމްއަށް ބަލައިލަމުން އައިޒަކް ބުނެލިއެވެ.
"ޒެކް ބޭނުން ގޮތެއް..." އިރަމްއަށް ހެވުނެވެ.
އައިޒަކް ވަރަށް ލޯބިން އިރަމްގެ ކޮލުގައި ހިފައިލިއެވެ.
"އިށީނދެލަން ދާނަންތަ؟..." ގޮނޑިތަކަށް އިޝާރާތްކޮށްލުމަށްފަހު، އައިޒަކް ސުވާލުކުރިއެވެ.
އިރަމް އިނީ އެފަދަ މާހައުލެއްގައި ވަގުތު ހޭދަކޮށްލަން ނުހަނު ބޭނުންވެފައިކަމުން އަވަހަށް ސައިކަލުން ފޭބިއެވެ. އައިޒަކް ސައިކަލު ޕާކުކޮށްފައި ކުރިއަށް ހިނގައިގަތްތަނައި ކުރިމަތިން ބުޅަލެއް ހުރަސްކޮށްލިއެވެ. އޭނާ ދުވެފައި ގޮސް ވަނީ، އިރަމްގެ ފުރަގަހަށެވެ.
"ބުޅަލެއް... ބުޅަލެއް..." އައިޒަކް ހުރީ އިރަމްގެ ކޮނޑުގައި މޫނު ޖައްސާލައިގެންނެވެ. ޝަހާދަތް އިނގިލި ބުޅާ އިން ދިމާއަށް އިޝާރާތްކޮށްލައިގެން ހުރިގޮތުން ހީވަނީ ކުޑަކުއްޖެއް ހެންނެވެ. ދެންމެދެންމެ ފުންމައިގަންނަގޮތުން އިރަމްގެ ކޮނޑުގައި އެލިގަންނަން އުޅޭފަދައެވެ.
ނުހޭން ހިތަށްއެރި ނަމަވެސް، އިރަމްއަށް ހެވުނެވެ. އެކި ހިސާބުތަކުގައި ތިބި މީހުންތައް ބަލަން ފެށުމުން އޭނާ އަވަހަށް އައިޒަކް ގޮވައިގެން ގޮސް ތަންކޮޅެއް ދުރުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. އައިޒަކް ކަރުކެހިލިއެވެ. ކުރެވުނު ކަންތަކާއި އޭނާ އިނީ ލަދުގަންނަގޮތްވެފައެވެ.
"ޑޯގްއެއް ވަރުގެ ބޮޑު ބުޅަލެކޭ އެއީ..." އައިޒަކް އަވަހަށް އޭނާގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.
"އެކަމަކު އަހަންނަށް ފެނުނީ ހިންޏެއް ވަރުގެ ބުޅަލެއް..." ޖެއްސުމުގެ ރާގަކަށް އިރަމް ބުނެލިއެވެ.
"ފިރިމީހާއަށް މަލާމާތްކުރާކަށް ނުވާނެ..." އިރަމްގެ ދެކޮލުގައި ހިފައި، ތަޅުވައިލަމުން އައިޒަކް ބުންޏެވެ.
"ކުޑަކުއްޖާ..." އިރަމް ވަރަށް މަޑުން ބުނެލިއެވެ. އޭނާ އެހެން ބުނީ ފަހަރެއްގައިވެސް އައިޒަކަށް އަޑު އިވިދާނެ ކަމަކަށް ނޫނެވެ. އެހާ މަޑުން ބުނުމުންވެސް އައިޒަކަށް އެ އަޑު އިވުނެވެ.
އައިޒަކް އިރަމްގެ އުނަގަނޑުގައި ހިފައި ކައިރިކޮށްލިއެވެ. މޫނާއި ދިމާއަށް ގުދުވެލުމުން، އިރަމް ހާސްވެގެން ތެޅިގަތެވެ. އަވަހަށް މަޢާފަށް އެދެން ފެށިއެވެ. އައިޒަކް ހިނިގަނޑެއް ޖަހައިލާފައި އިރަމް ދޫކޮށްލިއެވެ.
"ބޭބީ ކިޔަސް އޯކޭ... އެކަމަކު، އަދިވެސް ކުޑަކުއްޖެކޭ ބުނާނަންތަ؟..." އައިޒަކް އަހައިލިއެވެ.
އިރަމް ބޯ ޖަހައިލުމަށްފަހު، ހެމުން ތެދުވިއެވެ. އައިޒަކް ތެދުވަން އުޅުމުން އިރަމް އެކަން ހުއްޓުވީ ބުޅަލެއް އޮތްކަމަށް ބުނެއެވެ. އައިޒަކް ކުއްލިއަކަށް ދެފައި މައްޗަށް ނެގިއެވެ. ބުޅާ ނެތްކަން އެނގުމުން އޭނާ އިރަމްއަށް ބަލައިލީ އިންޒާރުގެ ބެލުމަކުންނެވެ. ކުރިއަށްވުރެ ބޮޑު އަދަބެއް ލިބިދާނެކަމަށް ބުނުމުން އިރަމް އަވަހަށް ބޯ ހޫރައިލިއެވެ.
"ކޮފީއެއް ގެންނަންތަ؟..." އިރަމް ބޭނުންވީ މައުޟޫޢު ބަދަލުކޮށްލާށެވެ.
އައިޒަކް ބޯ ޖަހައިލުމުން އޭނާ ހެމުން ހިނގައިގަތެވެ. ގިނައިރެއްނުވެ، އައިޒަކްގެ ކައިރީގައި މީހަކު ހުއްޓުނުހެން ހީވެގެން އޭނާ ބަލައިލީ އިރަމްކަމަށް ހީކޮށެވެ. އެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވީ، ކައިރީގައި ހުރި ޒަރީނާ ފެނުމުންނެވެ.
"މަންމާ!..." އައިޒަކް ހާސްވެގެން ކޮޅަށް ތެދުވިއެވެ.
"ދަރިފުޅު މިތާ އެކަނި ކީއްތިކުރަނީ؟..." ވަށައިގެން ހޯދައިލަމުން ޒަރީނާ ސުވާލުކުރިއެވެ.
"މި މި.... މަންމަ ކީއްކުރަނީ؟..." އައިޒަކް އަހައިލީ ގަދަކަމުން ހިނިތުންވެލަން މަސައްކަތްކުރަމުންނެވެ.
"މަންމަމެން މިކޮޅުގަ އޮތް ޕާޓީއަކަށް ގޮސްލާފަ ހިނގާލަން މިއައީ ދޯ ސުވޭދާ..." ޒަރީނާ އޭނާގެ ކައިރީގައި ހުރި އެކުވެރިޔާއަށް ބަލައިލަމުން ބުންޏެވެ.
ދެކޮފީތަށި ހިފައިގެން އެދިމާއަށް އައި އިރަމް ފެނުމުން އައިޒަކްގެ ހާސްކަން އިތުރުވިއެވެ. ހަދާނެ ގޮތެއް ނޭނގި، ވިސްނަން ހުއްޓައި، ޒަރީނާ ވާހަކަދައްކަން ފެށިއެވެ.
"ހިނގާބަލަ މަންމަ މާލެ ގެންގޮސްދޭން..." ޒަރީނާ އެދުނެވެ. "ކާރެއްވެސް ލިބުނީކީ ނޫން..."
"މިގަޑީތަ؟..." އައިޒަކް ހާސްވެފައި ސުވާލުކުރިއެވެ.
"އާނ... މަންމަ މިހާރުވެސް މިހުރީ ލަސްވެފަ..." ޒަރީނާ ބުންޏެވެ. "ވިޝްކާ ވަރަށް ޝަކުވާކުރޭ ދަރިފުޅު ގެއަށް ނުދާތީ... ބައްޕަވެސް ކުރީ ދުވަހު ސުވާލުކުރި ދަރިފުޅު ރަނގަޅުތޯ..."
އިރަމް ދާދި ކައިރިވުމުން ޒަރީނާގެ އަތުގައި ހިފައިގެން އައިޒަކް އަވަހަށް ދުރަށް ހިނގައިގަތެވެ.
"ދަރިފުޅާ މިހެން..." ޒަރީނާ އައިޒަކް ހުއްޓުވިއެވެ.
ތިން މީހުން އެނބުރިލި ވަގުތަކީ، އިރަމް އައިޒަކްގެ ކުރިމަތީގައި ހުއްޓިލި ވަގުތެވެ. އިރަމް ހުރީ ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެންނެވެ.
"ބްލެކް ކޮފީއެއް..." އައިޒަކް ބަލައިލުމުން، އިރަމް އޭނާގެ އަތުގައި އޮތް ކޮފީތަށި އައިޒަކާއި ދިމާއަށް ދިއްކޮށްލިއެވެ.
އައިޒަކް އޭގައި ނުހިފުމުން، ކަމެއް ގޯސްވެއްޖެކަން އޭނާއަށް އެނގުނެވެ. އިރަމްގެ ނަޒަރު އައިޒަކްގެ މޫނުން ކައިރީގައި ތިބި ޒަރީނާއަށާއި ސުވޭދާއަށް ހުއްޓުނެވެ.
"މީ ކޮން ކުއްޖެއް؟... ދަރިފުޅު ދަންނަ ކުއްޖެއްތަ؟..." ޒަރީނާ ސުވާލުކުރިއެވެ.
އައިޒަކްގެ ހިތް ތެޅިގަތެވެ. އިރަމްގެވެސް މެއެވެ. ދޮގު ހަދާކަށް އައިޒަކް ކުޑަކޮށްވެސް ބޭނުމެއް ނުވިއެވެ. އެހެނަސް، އެފަދަ ވަގުތެއްގައި ހަގީގަތް ހާމަކުރުން އެއީ ރަނގަޅު ކަމެއް ހެއްޔެވެ؟ ޒަރީނާއަށް ވާނެގޮތާއިމެދުވެސް ވިސްނަން އައިޒަކަށް މަޖުބޫރުވިއެވެ.
"ދަރިފުޅާ!..." އައިޒަކްގެ ކޮނޑުގައި ހިފައި މަޑުމަޑުން ތަޅުވައިލަމުން ޒަރީނާ ގޮވައިލިއެވެ. "މަންމަ މިއެހީ ކޮން ކުއްޖެއްހޭ އެއީ؟..."
އިރަމް އައިޒަކަށް ބަލައިލީ ފާޑަކަށެވެ. އެ ނަޒަރުން ފެނުނީ ހާސްކަމާއި، ގޮތް ހުސްވެފައިވާކަމުގެ އަސަރުތަކެވެ. އެއްޗެއް ވިސްނުނު ފަދައަކުން އިރަމް އެމީހުންނާއި ދުރަށް ހިނގައިގަތެވެ. ޝަކުވާއިން ހިތް ފުރެމުންދިޔަ ނަމަވެސް، އަމިއްލަ ހިތަށް ވިސްނައިދިނުމުގައި އޭނާ ކާމިޔާބު ހޯދީއެވެ. އައިޒަކް ވަގުތުން އިރަމްގެ އަތުގައި ހިފައި ހުއްޓުވިއެވެ. އުނަގަނޑުގައި ހިފަހައްޓާލައި ކައިރިކޮށްލީ، އެ އަންހެންކުއްޖާއަކީ، އޭނާގެ ކާކުކަން ހަމައެކަނި އަމަލުންވެސް އެހެންމީހުންނަށް ހާމަވާނެފަދަ ގޮތަކަށެވެ.
"މަންމާ!... މީ އިރަމް... އަހަ..ރެންގެ... އަނބި..މީހާ..." ޒަރީނާއަށް ވާނެގޮތެއް ނޭނގޭތީ އައިޒަކަށް ވާހަކަދެއްކުނީ ހުއްޓަމުން ކަހަލަ ގޮތަކަށެވެ.
(ނުނިމޭ)