ޔޫކްރޭން ހަނގުރާމައާ ގުޅިގެން މެޓާއިން ފޭސްބުކްގައި އައު ފީޗާތަކެއް ތައާރަފް ކުރިިތާ ހަފުތާއެއްހާ ދުވަސް ފަހުން، ރަޝިޔާގައި ފޭސްބުކް ބްލޮކް ކުރަން ނިންމާފައިވާކަން އެގައުމުން އިއުލާންކޮށްފިއެވެ.

ރަޝިޔާގެ އިންޓަނެޓް ރެގިއުލޭޓަރީ އޭޖެންސީ ރޮސްކޮމަންނާޑްޒޯރް އިން ބުނީ ފޭސްބުކުން ރަޝިޔާގެ މީޑިއާއާއި މައުލޫމާތު ފޯރުކޮށްދޭ އެހެން ވަސީލަތްތަކާ މެދު ތަފާތުކުރުން ގެންގުޅުމުގެ 26 މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ.

އެ އޭޖެންސީން ބުނީ، ފާއިތުވި ދުވަސްތަކުގައި ފޭސްބުކުން އެކްސެސް ދިނުން މަނާކޮށްފައިވާ އެކައުންޓުތަކުގެ ތެރޭގައި ރަޝިޔާގެ ޒެވެޒްޑާ ޓީވީ ޗެނަލް، އާރްއައިއޭ ނޮވޮސްޓީ ނިއުސް އެޖެންސީ، ސްޕަޓްނިކް އަދި ރަޝިޔާ ޓުޑޭ ހިމެނޭ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ހަފުތާގެ ކުރީކޮޅު މެޓާ އިން ވަނީ ފޭސްބުކް އަދި އިންސްޓަގްރާމްގައި ރަޝިޔާގެ ދައުލަތުގެ މީޑިއާތަކާ ގުޅުން ހުރި ޚަބަރުތަކާއި މައުލޫމާތުތައް ހިއްސާ ކުރެވޭނެ މިންވަރު މަދު ކުރާނެ ކަން ހާމަކޮށްފައެވެ.

މި ފިޔަވަޅުގެ ސަބަބުން، ރަޝިޔާގެ ސަރުކާރުގެ މެސެޖުތައް ފެތުރުމަށް އިތުރު އުނދަގޫތަކެއް ކުރިމަތިވާނެއެވެ.

ފޭސްބުކާ ދެކޮޅަށް ރަޝިޔާ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައި މިވަނީ، އަވަށްޓެރި ޔޫކްރެއިންގައި ކުރިއަށްދާ ލޭއޮހޮރުވުންތަކާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ މުޒާހަރާތައް ފުޅާކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެ މުޒާހަރާތަކާ ގުޅިގެން، މިދިޔަ ހުކުރު ދުވަހު ރަޝިޔާއިން ވަނީ އާ ގާނޫނެއް ފާސްކޮށްފައިއެވެ. އެ ގާނޫނުގައި ވާގޮތުން ޔޫކްރޭން ހަނގުރާމައާ ބެހޭ "ފޭކް" މައުލޫމާތު ފަތުރަމުންދާކަމަށް ސާބިތުވާ ކޮންމެ މީހަކަށް، ގިނަވެގެން 15 އަހަރަށް ޖަލަށް ލާން ހުކުމް ކުރެވޭނެއެވެ.

ފޭސްބުކާ ދެކޮޅަށް ރަޝިޔާއިން އަލަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ވަޓްސްއެޕް އަދި އިންސްޓަގްރާމް ފަދަ މެޓާ ހިއްސާވާ އެހެން އެޕްތަކަށް ވެސް އެކްސެސް ލިބުމަށް ދަތިވާނެ ކަން ނުވަތަ ނޫންކަން އަދި ސާފު ވެފައި ނުވެއެވެ.