ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ހަތަރު ޕާޓީއަކަށް ދިނުމަށް ނިންމައިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީޤް "ސަން"އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ މިއަހަރު ލިބެނީ އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއަށް ކަމަށެވެ.

"އަޅުގަނޑުމެން އަދި ޕާޓީތަކަށް ފައިސާ ދުލެއް ނުކުރަން. އެހެންނަމަވެސް އަޅުގަނޑުމެން ވާނީ ނިންމާފަ ހަތަރު ޕާޓީއަކަށް ފައިސާ ދިނުމަށް," ފުއާދު ވިދާޅުވިއެވެ.

މެންބަރުންގެ އަދަދަށް ބަލައި އެންމެ ގިނަ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށެވެ. އެގޮތުން އެ ޕާޓީއަށް 15.02 މިލިއަން ރުފިޔާ ދިނުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ. އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 54،660 އެވެ.

މެންބަރުންގެ އަދަދަށް ބަލާއިރު 34،237 މެންބަރުންނާ އެކު ދެވަނައަށް އެންމެ ގިނަ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ޕީޕީއެމް އަށެވެ. އެ ޕާޓީއަށް ދިނުމަށް ނިންމާފައި ވަނީ 9.4 މިލިއަން ރުފިޔާއެވެ.

ތިންވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީއަށް ދޭން ނިންމާފައިވަނީ 5.5 މިލިއަން ރުފިޔާއެވެ. އެޕާޓީގެ މެންބަރުންގެ އަދަދަކީ 20,107 މެންބަރުންނެވެ.

އިލްކްޝަންސް ކޮމިޝަނުންދޭ ފައިސާ ލިބޭ ފަހު ޕާޓީ އަކީ އަދާލަތު ޕާޓީއެވެ. 10،554 މެންބަރުން ތިބޭ އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވަނީ 2.9 މިލިއަން ރުފިޔާއެވެ.

އެ ފައިސާ ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ޕާޓީތަކުން އެ ޕާޓީގެ މާލީ ބަޔާނާއި އޮޑިޓް ރިޕޯޓުތައް ހުށަހެޅުމުންކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.