ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ގަވައިދު ނިންމައި އެ ގަވައިދު މިއަދު ގެޒެޓްކޮށްފި އެވެ.

ބްރޯޑްކާސްޓިން ގަވައިދު ނިންމައި ގެޒެޓްކޮށްފައިވާ ކަން އިއުލާން ކުރީ، އެ ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ މިއަދު ބައްދަލުކޮށް ބްރޯޑްކާސްޓިން ގަވާއިދު އެ ބޭފުޅުންނާ ހަވާލުކުރުމަށް ބޭއްވި ހަފުލާއެއްގަ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު އޮތް ރަސްމިއްޔާތުގައި ގަވައިދު ރާއްޖޭގެ ހުރިހާ ޓީވީ ސްޓޭޝަންތަކާއި ބައެއް ރޭޑިއޯ ސްޓޭޝަންތަކުގެ އިސްވެރިންނާ ހަވާލުކުރި އެވެ. ގަވައިދާއި ބިޑް ޑޮކިއުމެންޓް ހަވާލުކުރެއްވީ ކޮމިޝަންގެ ރައީސް ބަދުރު ނަސީރެވެ.

ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއު ކުރި ގަވައިދުގެ ދަށުން ޓެރެސްޓްރިއަލް ފްރެކުއެންސީ ދޫކުރަން ހަމަޖައްސާފައި ވަނީ ތިން ޓީވީ ފްރީކްއެންސީ އާއި ހަތަރު ރޭޑިއޯ ފްރީކްއެންސީ ކަމަށް ބަދުރު ވިދާޅުވި އެވެ. އަދި އެ ފުރުސަތު ލިބޭނީ ބިޑް ކާމިޔާބުކުރާ ފަރާތްތަކަށް ކަމަށާއި އެކަމަށް ކުރިން އެދިފައިވާ ފަރާތްތަކުން ވެސް ޖެހޭނީ ބިޑް ހުށައަޅަން ކަމަށް އޭނާ ވިދާޅުވި އެވެ.

ފްރެކުއެންސީ ހޯދުމަށް ހުށައަޅަން ޖެހޭ ބިޑް ޑޮކިއުމެންޓް އަންނަ އާދީއްތަ ދުވަހުން ފެށިގެން ބްރޯޑްކާސްޓް ކޮމިޝަނުން ލިބެން ހުންނާނެ ކަމަށް އެކޮމިޝަނުން ބުންޏެވެ.

ބްރޯޑްކާސްޓިން ގަވައިދު ނިމުމުން، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކުރުން ވެސް އަލުން ފަށާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

ބްރޯޑްކާސްޓިން ގަވައިދު އެކުލާލައި ނިންމީ ރާއްޖޭގެ ގާތްގަނޑަކަށް ހުރިހާ ބްރޯޑްކާސްޓް މީޑިޔާތަކުގެ އިސްފަރާތްތަކާ އެކު ކޮމިޝަނުން ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ.

ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިއު ކުރި ގަވާއިދުގައިވާ ގޮތުން އެގަވައިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.

އެ ގަވައިދުގައިވާ ގޮތުން ފްރެކުއެންސީ ހޯދުމަށް ހުށައަޅާ ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގައި ބަލާނީ ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތާއި އިންވެސްޓްމެންޓަށާއި މަސައްކަތް ފުޅާކުރުމުގެ އަވަސްމިނަށެވެ. އަދި ޕްރޮޕޯސަލަށާއި ހުށައަޅާ އަގަށް ވެސް ބުރަދަން ލިބޭނެ ކަމަށް ގަވައިދުގައިވެ އެވެ.

އެގަވައިދުގައިވާ ގޮތުން ގަވައިދު އެކުލަވާލުމުގެ ކުރިން ދޫކޮށްފައިވާ ފްރެކުއެންސީތައް، ދޫކޮށްފައިވާ މުއްދަތަށް ދެމި އޮންނާނެ އެވެ.