މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލްގެ ލެޖެންޑް ރޮބާޓޯ ކާލޮސް ރާއްޖެ އައުމަށް ހަމަޖެހިއްޖެއެވެ.

މިކަން ހާމަކުރުމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވަނީ ފުޓުބޯޅައިގެ ތާރީޚުގައިވެސް ފެނުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ރޮބާޓޯ ކާލޯސް އެވޯޑު ހަފްލާގައި ބައިވެރިވުމަށް ދިން ދައުވަތު ގަބޫލުކުރެއްވީތީ ޝުކުރު އަދާކުރާކަމަށެވެ.

އުމުރުން 48 އަހަރުގެ ކާލޮސް ވަނީ އޭނާގެ ކެރިއަރުގައި ތަފާތު އަށް ކުލަބަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ އިންޓަ މިލާން ހިމެނެއެވެ.

ބްރެޒިލްގެ ފުޓުބޯޅަ ލެޖެންޑް ރޮބާޓޯ ކާލޮސް

އިންޓަ މިލާނަށް އޭނާ ވަނީ 30 މެޗު ކުޅެދީ އެ ޓީމަށް ފަސް ލަނޑު ޖަހައިދީފައެވެ. އޭގެ އިތުރުން ރެއާލްއަށް 370 މެޗު ކުޅެދީފައިވާއިރޔު، އޭނާ ވަނީ އެ ޓީމަށް 47 ލަނޑު ޖަހައިދީފައެވެ.

ބްރެޒިލްގެ ގައުމީ ޓީމަށް 125 މެޗު ކުޅެދީ ކާލޮސް ވަނީ 11 ލަނޑު ޖަހައިފައެވެ.

ފްރީ ކިކް ޖެހުމުގައި އެފަދަ ދެވަނައެއް ނެތް ކާލޮސް ވަނީ ބްރެޒިލްއާއެކު ފީފާ ވޯލްޑް ކަޕްފެ ތަށި އުފުލާލާފައެވެ. އަދި އޭނާ ވަނީ ފީފާ ކޮންފަޑަރޭޝަން ކަޕްގެ އިތުރުން ޔުއޭފާ ޗެމްޕިއަންސް ލީގު، ޔުއޭފާ ސުޕަ ކަޕް އަދި ކޮޕާ އެމެރިކާވެސް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ 2002 ވަނަ އަހަރުގެ ބެލެންޑިއޯ އެވޯޑުން ދެވަނަ ހޯދާފައެވެ. ކާލޮސް ވަނީ ފީފާ 100، ފިފާ ވޯލްޑް ޕެލެއާ އޮފް ދަ އިޔާ - ސިލްވާ 1997 ވަނަ އަހަރު ހޯދާފައެވެ. އަދި 2008 ވަނަ އަހަރުގެ ގޯލްޑަން ފޫޓު ވެސް ހޯދާފައިވެއެވެ.

ކާލޮސް އަކީ ދުނިޔޭގެ ފުޓުބޯޅައިގެން އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާއެވެ.

އެވޯޑު ހަފްލާގައި ބައިވެރިވާނެކަން ކާލޮސްގެ އިތުރުން ހާމަކޮށްފައިވަނީ ސްވިޑެންގެ މަޝްހޫރު ފެތުންތެރިޔާ ސާރާ ޚޮރޮސްޓްރޮމް، ސްޕެއިންގެ ފުޓުބޯޅަ ލެޖެންޑް މިޝޭލް ސަލްގާޑޯ، ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަދި ލެޖެންޑް ގިލްބާޓޯ ގޮޑޮއީ (ގިބާ) އަދި ބްރިޓިޝްގެ ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް ކުޅުންތެރިޔާ ގޯޑޮން ރެއިޑް ހިމެނެއެވެ.

ޔޫތު މިނިސްޓްރީގެ ފަރާތުން އިންތިޒާމްކުރާ މި އެވޯޑް ހަފްލާ އަކީ ދުނިޔޭގެ ނިސްބަތުން ވެސް ފެންވަރު ރަނގަޅު އިވެންޓަކަށް ހެދުމުގެ އަޒުމުގައި އެ ވުޒާރާއިން މަސައްކަތްކުރާނެ ކަމަށް ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.