ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރުގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަ ސާބިތު ކުރުމަށް އޭނާ ދެއްވި މުހުލަތު މިއަދަށް ހަމަވެއްޖެއެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގަތުމަށް ހަވާލުކުރީ ޢުމަރުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދައުވާކުރަން ފޮނުވާފައިވާ މައްސަލަ ސާބިތު ކުރުމަށް އޭނާ ވަނީ 90 ދުވަހުގެ މުއްދަތެއް ދައުލަތަށް ދެއްވާފައެވެ.

އެ މުއްދަތު މިއަދަށް ހަމަވާއިރު، ސަރުކާރާއި ޕީޖީ އޮފީހުން ވެސް ވަކި އެއްޗެއް ނުބުނެއެވެ.

އޭސީސީން ބުނެފައިވަނީ ޓެގު ގަތުމަށް، 2015 ވަނަ އަހަރު ހަވާލުކޮށްފައިވަނީ ޢުމަރު ނަސީރާ ވިޔަފާރީގެ ގޮތުން ގާތް ގުޅުމެއް އޮންނަ ކުންފުންޏަކާ ކަމަށެވެ.

އެހެންކަމުން އޭނާގެ މައްޗަށް ކުރަން އެދިފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މިކަމާބެހޭގޮތުން އުމަރު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަށްފަހު އޭނާ ޖަލަށް ލާންޖެހޭނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީސް މެންބަރަކު ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ފަހުން އޭސީސީގެ މެންބަރުން ވަކިކުރާނެކަމުގެ އެތައް އިންޒާރެއް ދޭން ފެށި ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ގުޅުވައިގެން ބައެއް މެންބަރުން އަމިއްލައަށް އިންތިއުފާ ދެއްވުމަށްފަހު، އޭނާގެ މައްސަލައެއް އޭސީސީން ޕީޖީއަށް ފޮނުވި ކަމަށެވެ.

"އެމްއެމްޕީއާރުސީ އާއި މިނިވަން ފަންސާހާއި އަޅުގަޑުގެ ވަޒީރު ކަމުގައި ހަވާލުވެ ހުރި ހަތް އިދާރާ، ހަތް އަހަރުވަންދެން ހާވާ ބަލައިގެން ސާބިތުވީ "ހުދު ވަލު"ގެ ހުދުކަން،" ޢުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އޭނާގެ ރިޔާސީ ކެންޕެއިން ވެސް މެދުކަނޑާލީ ދައުލަތަށް އިޙްތިރާމް ކުރުމުގެ ގޮތުން ކުށް ސާބިތު ކުރުމަށް ޓަކައި ތިން މަސް ދުވަހުގެ މުހުލަތެއް ދިނުމުގެ ގޮތުން ކަމަށެވެ.

"މިއަދު އެ މުއްދަތު ހަމަވިއިރު ކުށެއް ސާބިތު ކޮށެއް ނުދެވުނު. އެހެން ކަމުން މިއަދުން ފަށައިގެން އަޅުގަޑުގެ ދެހާސް ތޭވީސް ވަނަ އަހަރުގެ ރިޔާސީ ކެންޕޭން އަލުން ފަށައިފިން،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުށަށް އަރައިގަންނަ މީހުންނާ ދެކޮޅަށް ތެދުވުމަކީ މުޅި ދުނިޔެއަށް ބެެއްޔަސް، އެހާ ފަސޭހަ ވަޒީފާއެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކުރާއިރު، ތަފާތު ގޮންޖެހުންތައް ކުރިމަތިވާނެކަން އެނގޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އިތުރަށް އުމަރު ވިދާޅުވީ ދިވެހި ދައުލަތުގެ މަތީ މަގާމް ތަކަށް އަންނަ މީހުންނަކީ ފަސްބައިގައި އެއްވެސް ކިލަބު ކަމެއްނެތް މީހުންނަށް ވާންޖެހޭނެ ކަމަށް އޭނާ އަބަދު ވެސް ދެކޭ ކަމަށެވެ.