"ތިބާއަށް އިސްލާމް ދީން ރަގަޅަށް އެނގި ފެނިއްޖެއްޔާ އުފާވެރިކަން ލިބޭނެއެވެ."

***

އަސްލަން ސީދާ މަގުދޫކޮށް ތަންކޮޅެއް ހަނި ގޯޅިއަކަށް އެޅިތަނާ އެމަގުން ލާފައި އަންނަ އަންހެންކުއްޖަކު ފެނުނެވެ. މުޅިން ކަޅު އެއްޗެހީގައެވެ. ހަށިގަނޑު އެއްކޮށް ފޮރުވިގެންނެވެ. އެންމެ ކުޑަމިނުން އެކުއްޖާގެ ލޯވެސް ފެންނާކަށް ނެތެވެ. ކަޅުފޮތިބޮނޑިއެއްލައިގެން އެގޮތަށް ދާތަން ފެނި އެހެން ލާފައި ދިޔަ ކުޑަކުއްޖަކު އޭނަގެ މަންމަ ގާތުން އެއީ ހެލޮވީން ކޮސްޓިއުމްއެއް ހެއްޔޭ ނޫނީ ބެޓްމޭން ހެއްޔޭވެސް އަހައިލިއެވެ. މަންމަ އަވަހަށް ދަރިފުޅު އުރާލައިގެން އަވަސް ފިޔަވަޅުތަކެއްގައި ދުރަށް ދާން ހިނގައިގަތީ ދަރިފުޅު އެބިރުން ސަލާމަތްކުރަން ވެގެންނެވެ. ނިގާބީ ފެނުމުން އަސްލަންގެ މޫނަށްވެސް ފޫހިކަމުގެ ކުލަވެރިވިއެވެ. އޭނަގެ ހިތުގައި މިފަދަ ހަ އޮތް ނަފްރަތާއި ރުޅިވެރިކަން އުމުރު ދުވަހުވެސް ފިލައިގެން ނުދާވަރަށް ބިންވަޅު ނެގިފައިވެއެވެ. ސަބަބަކީ ނިރުބަވެރި ހާދިސާއެއްގައި އޭނަގެ ހިތް ހަލާކުވިކަމެވެ.

އަސްލަންގެ ލޮލުގެ ކުލަވެސް ބަދަލުވެ ޖިންސްގެ ޖީބަށް ޖަހާފައިވާ އަތް މުށްކެވުނެވެ.

އަންހެންކުއްޖާ އަނެއް ފަރާތު ޕޭވްމެންޓްމަތިން ހިނގާފައި ދިޔައިރު ހެދުމުގެ ފަސްބައި ސްނޯމަތީ ދެމެމުން ދިޔައެވެ.

"ސްނޯ ނުހުންނަ ދުވަހުވެސް އޭނަގެ ހެދުމުން މޮޕްކުރަމުން ބާ ހިނގާނީ. މަގޭ ކްލީން ފްރީކް ސިސްއަށް މި މަންޒަރު ފެނިއްޖެއްޔާ ވޮމިޓްވެސްކުރާނެ. ކަޅު ހެދުމުގެ ތެރޭ ފޮރުވިގެން މިހިރީ އަންހެނެއްކަމެއް ފިރިހެނެއްކަމެއްވެސް ނޭގޭ. އަދި އެމީހަކު ހުންނާނީ ބޯ ހާވާލައިގެން ފެންވެސް ނުވަރާ މޫނު ނުދޮވެ ކަމަށްވާނީ....." އަސްލަން ހިތާހިތުން ކިޔައިލިއެވެ. ދެމީހުން އެކަކު އަނެކަކާއި އަރާ ހަމަވެފައި ފަސްދިންތާ މިނިޓެއް ނުވެ ބިރުވެރިކަމުން ފުރިފައިވާ ހަޅޭކެއްގެ އަޑު އިވި އަސްލަންއަށް އެނބުރި ބަލައިލެވުނެވެ. އޭރު ދެތިން ޒުވާން ފުރައިގެ ފިރިހެންކުން ނިގާބީއާއި ދިމާކުރަން ވަށައިލިއިރު އެކަކު ނިގާބީގެ ކަރުގައި އޮތް ދަބަސް ދަމައިގަންނަނީއެވެ. އެވަގުތު ނިގާބީގެ އިނގިލީގައި އޮތް އަނގޮޓި ވިއްސައިގެން ގޮސް މާ ދުރުގައި ޖެހުނުތަން އޭނައަށް ފެނުނެވެ. އަނެކަކު އުޅުނީ މޫނު ހިއްލާފައި ބަލައިލުމަށެވެ. އެހީވާންވީތޯ ނޫންތޯ ވިސްނަން ހުއްޓާ ކުއްލިއަކަށް އެތަނަށް ނުކުތް ޒުވާނަކު ނުކުމެ އެކުދިންނާއި ވާހަކަދައްކަން ފެށިއެވެ. އެ ޒުވާނާއަކީވެސް ނިރުބަވެރިއެއްކަން ޔަގީންވީ ހެދުން އަޅާފައި ހުރި ގޮތުންނާއި ތުނބުޅީގެ ސަބަބުންނެވެ. ބޮލުގައި އަޅާފައިވާ ކަޅު ތޮތްޕާއިއެކު އަނގަމަތި ފޮރުވައިގެން ހުރި ގޮތުން ހަމަ ސީދާ ނިރުބަވެރިއެއްގެ ސިފަ ޖެހިއެވެ. އޭނައަށް ބެލުނީ ފަކުރު އެއްޗަކަށް ބަލާފަދައިންނެވެ.

"އެހީވެވުނުނަމަ އުމުރަށް ގިލްޓީވާނެ."އަސްލަންއަށް ބުނެވުނެވެ.

އެންމެންވެސް އެމީހެއްގެ މިސްރާބަކަށް ގޮސް މަގުމަތި އަމާންވުމުން، އަނބުރާލާފައި އެމަގުން އަންނަން ހިތަށް އެރި ސަބަބެއް އަސްލަންއަކަށް ނޭގުނެވެ. ސްނޯތެރޭގައި ވިދަ ވިދާ އޮތް އަނގޮޓީގެ ވިދުވަރު ފެނި އެދިމާލަށް ހިނގައިގަތް ތަނާ އެހެން މީހަކު ގޮސް އެ އަނގޮޓި ނެގިއެވެ. އަސްލަން އެމީހާ ހުއްޓުވަން އުޅެފައިވެސް ބުމަ ކައިރިކޮށްލިއެވެ.

***

ސިއާރާ ކޯޓުން ސްނޯ ފޮޅައިލުމަށްފަހު ގޮސްވަނީ އޭނަގެ ގެއަށެވެ. ގެއަށް ވަންނަމުން ބިސްމިއާއިއެކު ސަލާމް ގޮވައިލިއެވެ.އަޅި ޖަވާހިރެއްފަދަ ބޮޑު ލޮލުގައި އަނދުން އަޅާފައި ހުރުމުން ލޮލުގެ ރީތިކަން އެތައް ގުނަ އިތުރެވެ. ކަޅުކަންގަދަ ބުމައާއި ހައިރާންވާފަދަ ބޯ ދިގު އެސްފިޔަތަކެވެ. ކޯޓު ބޭލިއިރު އެތެރެއިން ހުރީ އަތްދިގު ސްވެޓަރަކާއި ހަރުވާޅެކެވެ. ރާޅުބާނި ދިގު އިސްތަށިގަނޑު ދެފަރާތަށް އޮމާންކޮށް ގަތާލާފައި އޮތްއިރުވެސް ބޯކަން އެނގެއެވެ.

"އަލްހަމްދުލިﷲ.ކަޅު ތޮފި އަޅައިގެން ހުރި ޒުވާނާ ހާދަ ރަގަޅޭ. އޭނަ ނެތްނަމަ މިއަދު ވާނެގޮތެއްވެސް ނޭގޭ. މިއީ އަހަރެމެންގެ ގައުމު. އެކަމަކު މިތާގައިވެސް މުސްލިމުންނަށް އުޅެން ފަސޭހައެއްނުވޭ. ވަކިގޮތަކަށް ހެދުން އެޅީމަ އެންމެން ލޭބަލްކުރަނީ ކީއްވެ؟ ޓެރަރިސްޓެކޭ ބުނަންވީ ސަބަބެއް ވެސް ނޭގޭ. ﷲ ސުބުހާނަހޫ ވަތައާލާގެ ރުހިވޮޑިގަތުން ހޯދުން ހަމައެކަނި ބޭނުމަކީ. އަހަރެމެންނަކީ ނިރުބަވެރިން ނޫންކަން އެމީހުންނަށް ބުނެދޭނީވެސް ކިހިނެއްތަ؟ އެކުއްޖާއަށް ޝުކުރު އަދާނުކޮށް އަވަހަށް އަމިއްލަ ނަފުސް ސަލާމަތްކޮށްގެން މިއާދެވުނީ. އެ ނުލަފާ ހޫލިގަންތައް އެ ފިރިހެންކުއްޖާއަށް އަނިޔާ ކޮށްފާނެތަ؟ ﷲއާއި ވަކީލް....................." ސިއާރާ އަލިފާން އަންދާ ތަނުގެ ކުރިމަތީގައި އިށީދެ އެ ދޮންދޮން އަތްތިލަ ދިއްކޮށްލުމާއެކު ފުންމައިގެން ތެދުވެވިއްޖެއެވެ.

"މަގޭ އަނގޮޓި..........ސިއާރާ. ހާސްނުވޭ. ﷲއަށް އިތުބާރުކުރޭ. އެ އަނގޮޓިއެއް ނުގެއްލޭނެ......." ސިއާރާ ވިސްނީ ހެދުމުގެ ތަނެއްގައި ނޫނީ ދަބަހުގައި ހަރުލާފައި ވެދާނެކަމުގައެވެ. އޭނަ ހާސްވުމުގެ ބަދަލުގައި ކެތްތެރިކަމާއެކު ދަބަހުގައިވާ ކޮންމެ އެއްޗެއް ނަގައިގެން އެތެރެ ބެލިއެވެ. ހެދުން ނިއުޅުވާލައިގެން ރަގަޅަށް ބެލުމަށްފަހު ބޭރަށް ނުކުތުމާއެކު ފަޒާގެ ފިނިކަން ކޯތާފަތް އެއްކޮށް އައްސިކޮށްލިހެން ހީވިއެވެ.

ގޭގެ އިން ވަކިކުރަން ޖަހާފައި ހުރި ފެންސާއި ހަމަޔަށް ތާޒާ ސްނޯއިން ފޮރުވިފައިވިޔަސް ސިއާރާ ހިތްވަރު ގެއްލުވާނުލިއެވެ.

"ބިސްމިﷲ....."

އިރުގަނޑެއްވާންދެން މަސައްކަތްކުރުމަށްފަހު ސިއާރާ އެ މަސައްކަތް ހުއްޓާލާފައި ފަތްތަރުމަތީގައި އިށީދެލިއެވެ."އޭނަ އަބަދުވެސް ބުނެއެއްނު. އެއްޗެއް ގެއްލުނަސް އަމިއްލަ ބަދުނަސީބޭ ކިޔާފައި އަމިއްލަ ނަފުސަށް ލައުނަތް ނުދޭށޭ. އެގޮތަށް ޕެނިކްވެގެން ބައެއްފަހަރު ޝިރުކުގެ ބަސް ބުނެވޭއިރުވެސް ނޭގޭ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު އެހެންވީމަ އަހަރެންވެސް ކެތްކުރާނަން. ކެތްކުރުމަކީ ﷲ ސުބުހާނަހޫ ވަތައާލާއަށް ފުރިހަމައަށް އިތުބާރުކުރުން. ގެއްލުނު އެއްޗެއްގެ ބަދަލުގައި އެއަށްވުރެ ރަގަޅު އެއްޗެއް މިންވަރު ކުރައްވާނެ. އެބުނާހެން މިއީ ވަގުތީ ތަނެއް ހުރިހާ އެއްޗަކީ ފަނާވެގެން ދާނެ އެއްޗެއް. ލޯބިވާ މީހަކު ދިން ފުރާނައަށްވުރެ އަގުބޮޑު އެއްޗަކަށްވިޔަސް އެއީވެސް ފަނާވެގެންދާނެ އެއްޗެއް."

"ޔާﷲ...ޕްލީޒް ފައިންޑް މައި ލޮސްޓް ރިންގް..." ސިއާރާ އަތް އުފުލައިލަމުން ދުޢާކުރިއެވެ.

***

ޚައިރާ އޭނަ ގެ މާ ފިހާރަ "ފްލާވާ ލޭންޑް" ހުޅުވައިލުމާއެކު ކަސްޓަމަރުން ވަންނަން ފެށިއެވެ. ފިނި މޫސުމްކަމުގައި ވިޔަސް ފިނިފެންމަލާއި އެހެން ތަފާތު ވައްތަރުގެ ވާރޭދުނީގެ ކުލަތަކުގެ ހުރިހާ މަލެއް ޑިސްޕްލޭކޮށްފައި ހުރުމުން އެންމެންގެ ސަމާލުކަން ދަމައިގަނެވެ. ބޮޑެތި ޒިންކް ބާލިދީތަކުގައި ޖަހާފައިވާ އެކި ކުލައިގެ މާތަކުގެ ލުއި މީރުވަހުން މުޅި ސަރަހައްދު އެއްވަސްކޮށްފައިވާއިރު ސިކުނޑިއަށް ދިރުން ގެނުވައެވެ. ލޯބިވެރިންގެ އިތުރުން ކްރިސްމަސްއަށްޓަކާ މާ ގަންނަންވެގެން މީހުން ވަދެ ނުކުމެ ހަދައެވެ.

ޚައިރާ ބުކޭތައް ހަދާފައި ވިދާ ރިބަންތަކުން ޒީނަތްތެރިކުރަމުން ދިޔައެވެ.

"ވައިޓް ލިލީ އެބަހުރިތަ މިސް؟" ހިތްދަމައިގަންނަ ފިރިހެން އަޑަކުން މީހަކު ބުނެލުމާއެކު ޚައިރާގެ ހިތަށް ފިނިވިއެވެ.

"އާނ.......ނޫން...." ޚައިރާގެ ސިކުނޑި ހަގީގަތުގައިވެސް އެވަގުތު މަސައްކަތެއް ނުކުރިއެވެ. އޭނަ ކަތުރުން މާތައް ކޮށަން ހުރެފައި އަތުގައިވެސް ކަތުރުން އެޅުނެވެ.

"ތިބުނީ....."

ޚައިރާ ލަސްލަހުން އެސްފިޔަތައް އުފުލައިލިއެވެ. މިފަހަރު އޭނަ ބިރުންގޮސް ހިތްވެސް ހުއްޓޭގޮތްވީ އޭނައާއެކު އެ ފިހާރައިގާ ހުރި "ނިރުބަވެރިޔާ" ފެނިފައެވެ. ވަގުތުން މެޔަށް ފިނި އެއްޗެއް އޮއްސައިލިހެން ހީވުމާއެކު ކަރުތެރެ ހިކި ހިތް އެންމެ ބާރުމިނުގައި ތެޅިގަތުމާއެކު މުޅި ހަށިގަނޑު އައްސިވިއެވެ. ނޭވާވެސް ނުލެވުނެވެ. ޕިޓްބުލްއަށްވުރެވެސް މިފަދަ މީހުންނަށް އޭނަ ގަންނަ ބިރު އެންމެ ތަންފުކެއްވެސް ކުޑައެއްނޫނެވެ. ކުރީގެ ހާދިސާއެއް ތާޒާކަމާއެކު ލޮލުގެ ކުރިމަތީގައި އެނބުރިގަތުމާއެކު އޭނަ ތުރުތުރުލާ އިނގިލިތަކުން އޭނަގެ ބޭބެއަށް މެސެޖްކުރިއެވެ. އޭނަ މަރުވަނީކަމަށް މަރައިލަން މީހަކު އުޅެނީކަމެއް ޔަގީނެއްނޫނެވެ. ކޮންމެވެސް ކަމެއް ވުން ގާތެވެ.

"މިސް. ވައިޓް ލިލީ އެބަހުރި؟" މޫނުގެ ބޮޑުބައި ފޮރުވޭގޮތަށް ސްކާފް އޮޅާލައިގެން ހުރި ޒުވާނާ މިއޮތް ފިނީގައިވެސް ކުރުތާއަކާއި ފައިކުރި ކުރުކޮށްފައި އޮތް ހަރުވާޅެއްލައިގެން ހުރިއިރު ފިނިވެސް ނުވަނީހެއްޔެވެ؟ ފެންނަން ހުރީ ކަޅުކަން ގަދަ ބުމައެވެ. ކަޅު އައިނަކުން ދެލޯވެސް ފޮރުވާފައެވެ.

"ނެތް......" އޭނަ ބޭނުންވީ އަވަހަށް މި ޒުވާނާ ފޮނުވައިލުމަށެވެ. އަޖައިބުވަނީ މިގަޑީގައި އެހެން ކަސްޓަމަރެއްވެސް ނައުމުންނެވެ. ނޫނީ މި ނިރުބަވެރިޔާ ފެނި ބިރުން އެހެންމީހުންނަށް މިތަނަށް ވަނުން މަނާކުރީހެއްޔެވެ؟

"އެހެންވިއްޔާ މި ފިނިފެންމާ ބުކޭ ރަގަޅުވާނެ..." އެ ޒުވާނާ ބުކޭއަކަށް އިޝާރާތްކުރިއެވެ.

"މިކަހަލަ ގަޑިއެއްގައިވެސް އަދި ދޮންބެ މެސެޖް ބަލައިލާކަމަކަށް ނުވާނެ. އައި ތޯޓް މިއީ ސޭފް ޖޮބެއްކަމެއް ޓެރަރިސްޓުން ނުވަންނާނެތަނެއް ކަމަށް ހީކުރީ. އެންމެ މީހަކު މަރަން އެހާވަރުން މި މީހާގަނޑު މިވަނީ ކީއްކުރަން؟ ބެކްޕެކްގައި ބޮމެއް ބާ އޮތީ؟" ޚައިރާ ބިރުންގޮސް ރޫރޫ އަޅަ އަޅާ ހުރެ އޭނަ އަވަހަށް އެ ބުކޭގެ އަގު ބުނުމުން ކާޑުން ޕޭ ކުރަންވެގެން ކާޑުނެގިއިރު ބެކްޕެކް ކައުންޓަރުމަތީގައި ބެހެއްޓިއެވެ.

ޚައިރާއަށް ކެތްކުރެވުނީ އެހާ ވަރަށެވެ. އޭނަ ކުއްލިއަކަށް ނޭވާ ނުލެވިގެން ދުއްވައިގަތީ ތާޒާ ވައި ލިބޭ ދިމާލަކަށެވެ. އޭނަގެ ޟަމީރު އެންގީ އެތަނުން ބޭރަށް އަވަހަށް ނުކުތުމަށެވެ.

"ހޭއި....ވަޓް ހެޕެންޑް..."އެ ޒުވާނާވެސް ހައިރާންވެފައި އެ ބުކޭ ހިފައިގެން ފަހަތުން ނުކުތީ ކަންބޮޑުވެފައި ހުރެއެވެ.

ޚައިރާގެ ނަސީބު ކިތަންމެހާވެސް ރަގަޅެވެ. އެހިސާބުން އައި ފުލުސް ޖިޕެއް ފެނުމާއެކު ޚައިރާ އެ ޒުވާނާ ދައްކާލާފައި އޭނައަށް ގޯނާކުރިކަމުގައި ބުނެލިއެވެ. އެމީހުން ދެވަނަ ސުވާލެއްވެސް ނުކޮށް އެޒުވާނާ ދަމަމުންގޮސް ޖިޕަށް އަރުވައިގެން ދުއްވާލައިފިއެވެ. ޚައިރާ ވަގުތުން ބަންދު ބޯޑު އަޅުވައިފިއެވެ. އެތެރޭގައި ބޮމެއް އޮތް ދަބަހެއް އޮތްކަން ޔަގީންވެހުރެ ކަސްޓަމަރަކަށް ގެއްލުމެއް ދޭކަށް ނުކެރޭނެއެވެ. ޚައިރާ ގޮނޑިއެއްގައި އިށީދެ ފުން ނޭވާތަކެއް ލަމުން ދިޔައެވެ. ޕެނިކް އެޓޭކް ޖެހެން މިފެށީ އެތައް ޒަމާނެއްކޮށްފައެވެ. ކުރީގެ ހާދިސާގެ ހަނދާންތައް ތާޒާވުމުންނެވެ.

އަސްލަން އައީ އިރުކޮޅެއްފަހުންނެވެ. ކާރު ޕާކްކޮށްލުމަށްފަހު ކާރުން ފޭބިއެވެ. އޭނަ ހުރީ ޗޮކްލެޓްކުލައިގެ ކޯޓަކާއި ޖިންސެއްލައިގެންނެވެ. އިސްކޮޅުން ދިގުކަމާއިއެކު ބާމަތިފުޅާ ކަސްރަތީ ހަށިގަނޑެއް ލިބިފައިވުމުން މީހުންގެ ސަމާލުކަން ހުއްޓޭފަދަ ޒުވާނެކެވެ. ޚާއްސަކޮށް އަންހެންކުދިންތައް ދެވަނަފަހަރަށް ބަލައިނުލާ ދާން އުދަގޫވާފަދަ ޚާއްސަކަމެއް އަސްލަންގެ ލޮލާއި ހީލުމުގައި ހުރެއެވެ. އަދި ހިނގުންވެސް އެހާ ފިރިހެންވަންތައެވެ. އަސްލަން މަގު ހުރަސްކޮށްފައި އަވަސްވެގަތީ ކޮއްކޮއަށް އެހީވުމަށެވެ. ނޭވާ ނުލެވި ހާސްކަމުގެ ކަނޑެއްގައި ގެނބެމުން ދިޔަ ޚައިރާއަތަށް ކަރުދާސް ކޮތަޅެއް ދިނުމަށްފަހު އޭގެ ތެރެއަށް ނޭވާލާން އެދުނެވެ. މީހާ ހަމަޔަކަށް އެޅޭގޮތްވީ ދެނެވެ.

އަސްލަން ގެނައި ސްޓާބަކްސް އެސްޕްރެސޯ ބޮމުންގޮސް ކާރުގެ ކުރީ ސީޓަށް އެރިއެވެ.

"ކާކު ޚައި މަރައިލަން އުޅުނީ؟" އަސްލަން ސުވާލުކުރިއެވެ.

"ނޭގޭ. އޭނައައީ މޫނު ފޮރުވައިގެން. ކަޅުކުލަގަދަ ބުމައެއް ހުރީމަ ބިރުގަތީ. ތުނބުޅިއެއްވެސް ހުރި. ޖިހާދީ ޖޯން ސްޓައިލަށް ހެދުން އަޅާފައި ހުރީ. އައި ވޯޒް ސްކެއާޑް...." ޚައިރާ ކުޑަކޮށް ހީލިއެވެ."ދޮންބެ ބުނަމެއްނު ބިރުނުގަންނާށޭ. އެއީ ލޫޒާސް އިންނޭ. އެމީހުންގެ ކުރިމަތީގައި ބަލިކަށިކަން ދައްކާނެކަމެއްނެތޭ. އެކަމަކު އެކަހަލަ މީހެއް ފިލްމަކުން ފެނިލިޔަސް ޕެނިކް އެޓޭކް ޓްރިގާ ކުރުވާ. ދެން ފޭސް ޓު ފޭސް ދިމާވީމަ ކިހާ ބިރުގަންނާނެ.. އިންސާނަކާއި ވެމްޕަޔަރެއްގެ ކުރިމަތިލުމެކޭ ވަކި ތަފާތެއް ނެތް. އޭނަގެ ލޯ ނުފެނުނުކަން ނަސީބު. މުސްލިމުން އެހާ ގޯހީ ކީއްވެތަ؟ އެހާ އިންޓިމިޑޭޓިން ލުކްއެއް ހުންނަނީ ކީއްވެ؟ ލައިކް ޑެވިލްސް......."

"ސަބަބަކީ މުސްލިމުންނަކީ ޑެވިލްސްގެ ދެވަނަ ނަން ކަމަށް ވީމަ.." އަސްލަން އަށް ކާރުގެ ހުންގާނަށް ބާރުކޮށްލެވުނެވެ.

ނުނިމޭ