ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ، ރައީސް ވަހީދުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ގދ. ތިނަދޫގައި ބަޔަކު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ކުރިއަށް ގެންދާ ތަހްގީގަށް ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 17 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް، ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ތިނަދޫގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ އެ މީހުންނަކީ ފެބްރުއަރީ އަށް ވަނަ ދުވަހު އެ ރަށުގައި ހަމަނުޖެހުން ހިންގައި ދައުލަތުގެ މުދަލަށް ގެއްލުންދީފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށެވެ.

"އެ ދުވަހު ތިނަދޫގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅުން ހުރި ފަރާތްތަކާ ސުވާލުކޮށް ހައްޔަރުކުރަން ޖެހޭ މީހުން ހައްޔަރުކުރަމުން ގެންދަނީ،" ޝިޔާމް ވިދާޅުވި އެވެ.

ފެބްރުއަރީ އަށް ވަނަ ދުވަހު ހިންގައި ދިޔަ ހަމަނުޖެހުންތަކުގައި ތިނަދޫގައި ހުންނަ އަތޮޅު ކައުންސިލްގެ އިދާރާ އާއި ފުލުހުންގެ މަރުކަޒުގެ އިތުރުން އެ ރަށު ކޯޓުގައި ބަޔަކު ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ.