07 Mar 2022, 16:55
އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ދެވަނަ ނައިބު ލީޑަރުކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސެއިން ޝަހީމް (އަނދުން ޙުސައިން) ކާމިޔާބުކުރައްވައިފިއެވެ.
އެމްޑީޕީ ޕީޖީއަށް ދެ ނައިބު ލީޑަރުން ހޮވާއިރު، ފުރަތަމަ ނައިބަކަށް އެންމެ ގިނަ ވޯޓު ލިބިގެން ހޮވިފައިވަނީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ)އެވެ. އޭނާ އަށް ލިބުނީ 49 ވޯޓެވެ.
އެ މަގާމަށް ކުރިމަތިލެއްވި، އަނދުން ހުސެއިންއާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ލިބުނު ވޯޓު އެއްވަރުވެ، ބައި-އިލެކްޝަނެއް މިއަދު ވަނީ ބާއްވައިފައެވެ.
މިއަދު ބޭއްވި ބައި-އިލެކްޝަންގައި 63 މެންބަރުން ވޯޓު ލައިފައިވާއިރު، އަނދުން ހުސެއިން މަގާމު ދިފާއު ކުރެއްވީ 38 ވޯޓުނެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ.
މިދިޔަ މަހު 18ގައި ބޭއްވި އެމްޑީޕީ ޕީޖީ އިންތިޚާބުގައި، ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރުކަމަށް އިންތިޚާބުކޮށްފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމެވެ. އެ އިންތިޚާބު އަސްލަމް ކާމިޔާބުކުރެއްވީ 40 ވޯޓުންނެވެ. އަސްލަމާ ވާދަކުރެއްވި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ކުރީގެ ޕީޖީ ލީޑަރު ޢަލީ އާޒިމަށް ލިބުނީ 25 ވޯޓެވެ.