07 Mar 2022, 16:51
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022" އާ ގުޅުވައިގެން މާލޭގައި މިއުޒިކް ޝޯއެއް ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމަށާއި، ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދައިދޭ އެތްލީޓުންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން، މި އަހަރުން ފެށިގެން ބޭއްވުމަށް ހަމަޖެހިފައިވާ އެވޯޑު ހަފުލާއެކެވެ.
މިއަހަރުގެ އެވޯޑު ހަފުލާ ބާއްވަން ނިންމައިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ 08:30 ގައި މާލޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްގައެވެ.
ޔޫތު މިނިސްޓްރީން މިއަދު ބުނީ އެވޯޑު ހަފުލާއާ ގުޅުވައިގެން، 18 ވަނަ ދުވަހުގެ ރޭ މިއުޒިކް ޝޯއެއް ވެސް ކުރިއަށް ދާނެ ކަމަށެވެ.
މިނިސްޓަރު އަޙްމަދު މަހުލޫފް މީގެ ކުރިން ވިދާޅުވި ގޮތުގައި މި ޝޯ ވެސް ވެގެން ދާނީ އާ އަހަރު ފާހަގަކުރުމަށް ބޭއްވި ފަދަ ކުލަގަދަ ޝޯއަކަށެވެ. އެގޮތުން ރާއްޖޭގެ އެކި މަޝްހޫރު ފަންނާނުންނާއި ބޭންޑުތަކުގެ އިތުރުން އިންޑިއާގެ ލަވަކިޔުންތެރިއަކު ވެސް ބައިވެރިވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
އެވޯޑު ހަފުލާއަށް ތައްޔާރީތައް ވުމަށް ޓަކައި މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން 19 ދުވަހުގެ ނިޔަލަށް މާލޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކް ބަންދުކުރުމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ނިންމައިފައެވެ.