07 Mar 2022, 13:04
ދައުލަތެކޭ ކިޔަނީ، ހަތަރު އުންސުރެއްގެ މައްޗަށް އެކުލެވިގެން ވާ ސިޔާސީ ކިޔާނަށެވެ. އޭގެ ތެރެއިން ފުރަތަމަ އުންސުރަކީ، އެއް ޤައުމެއްގެ ގޮތުގައި ޤައުމީވަންތަކަމުގެ ބަނދެވުމުން ބަނދެވިގެން ވާ އިންސާނީ ޖަމާޢަތެކެވެ. ދެވަނަ އުންސުރަކީ، އެ ޖަމާޢަތުގެ އަހުލުވެރީންގެ އަމިއްލަ ވަޒަންބިމެއް ކަމަށް ވާ އަދި އެ ތަނެއްގައި އެމީހުން ދާއިމީ ގޮތެއްގައި ދިރިއުޅޭ ޖުޣުރާފީ ސަރަޙައްދު ނުވަތަ "ޓެރިޓޮރީ" އެވެ. ތިންވަނަ އުންސުރަކީ އެ ޖަމާޢަތުގެ ޤައުމީ ކަންކަމާއި އިޖުތިމާޢީ ކަންކަން އިންތިޒާމު ކޮށް ބަލަހައްޓައި، އެ ޖަމާޢަތުގެ ސިޔާދަތީ އަދި ސިޔާސީ ބާރުވެރިކަން ހިންގައި ތަންފީޛު ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރާ ޙުކޫމަތު ނުވަތަ "ގަވަރންމަންޓް" އެވެ. ހަތަރުވަނަ އުންސުރަކީ އެ ޖަމާޢަތުގެ އަމިއްލަ އިޚްތިޔާރާއި އިރާދާގައި، އެހެނިހެން ދައުލަތްތަކާ އެކު ޚާރިޖީ ގުޅުންތައް ބާއްވައި މުޢާމަލާތު ކުރުމުގެ ޤާނޫނީ ޙައިޘިއްޔަތާއި ބާރުވެރިކަން ލިބިއޮތުން، ނުވަތަ ޤައުމީ އެންމެހައި ކަންކަމުގައި އެހެނިހެން ދައުލަތްތަކާއި ބިދޭސީ އެންމެހައި ފަރާތްތަކުގެ ޠާޢަތުން ޤާނޫނީ ގޮތުން މިނިވަން ވެގެން ވުމާއި، ޤައުމެއްގެ ގޮތުގައި މިނިވަންކަމާއި މުސްތަޤިއްލުކަމާއި ސިޔާދަތު ލިބިއޮތުމެވެ.
ދައުލަތުގެ މައުޟޫޢަކީ އެ މައުޟޫޢެއްގެ ތެރޭގައި އެތައް ސުރުޚީތަކެއްގެ ދަށުން، ތަފާތު އެތައް ވާހަކަތަކެއް ދެއްކިދާނެ، ނުހަނު ފުޅާ މައުޟޫޢެކެވެ. ދައުލަތުގެ މަފްހޫމާއި، އެ މަފްހޫމުގެ ތާރީޚާއި، އިންސާނީ ޢާއިލާ ދައުލަތްތަކަކަށް ބެހިފައި އޮތުމުގެ ސަބަބުތަކާއި، ދައުލަތްތައް ހިނގާ ގޮތާއި، ތަފާތު ދައުލަތްތަކުގެ ގުޅުންތަކާއި، ދައުލީ ގުޅުންތައް ތަންޒީމު ކުރާ ބައިނަލްއަޤްވާމީ ޤާނޫނާއި، އެ ޤާނޫނުން ދައުލަތްތަކަށް ލިބިދޭ ޙައްޤުތަކާއި، އެ ޤާނޫނުން އެކަށައަޅާ ދައުލީ ވާޖިބުތަކާއި، މިހެން ގޮސް އެތައް ވާހަކަތަކެކެވެ. މި ކޮލަމުގައި އަޅުގަނޑު ވާހަކަ ދައްކައިލާނީ އޭގެ ތެރެއިން ދައުލަތުގެ "ފަންކްޝަންސް" އާ މެދުގައެވެ.
"ފަންކްޝަންސް" މި އިނގިރޭސި ލަފުޒުގެ މި ސިޔާގާ ގުޅޭ މާނައަކީ، އެއްޗަކުން ފުދޭ ބޭނުމެވެ. އެއްޗަކުން ޙާޞިލު ކުރުމަށް ކަނޑައެޅޭ މަޤްޞަދެވެ. އެ އެއްޗެއް އަދާ ކުރުމަށް ކަނޑައެޅިފައި އޮންނަ ދައުރާއި ވަޒީފާއެވެ. މިސާލަކަށް، ކާރެއްގެ އިންޖީނުގެ "ފަންކްޝަންސް" އަކީ ކާރު ދުއްވުމަށް ބޭނުންވާ ހަކަތަ އާއި ޙަރަކާތް އުފެއްދުމާއި، ކާރުގައި ހުންނަ ފިނިކުރާ ނިޒާމާއި ބޮކިތައް ފަދަ އެއްޗެތި މަސައްކަތް ކުރުވުމަށް ބޭނުން ވާ ކަރަންޓު އުފެއްދުމެވެ. "ފަންކްޝަންސް" މި ލަފުޒުގެ މާނަ ދިވެހި އެތައް ލަފުޒެއް ހިމެނޭ ޢިބާރާތަކުން ގެނެވިދާނެއެވެ. ނަމަވެސް މި ލަފުޒުގެ މަފްހޫމު ފުރިހަމަ ގޮތުގައި އެކުލަވާ އެއް ލަފުޒު ދިވެހި ބަހުގައި އޮތް ކަމަކަށް ނުފެނެއެވެ. އެހެންކަމުން، އެފަދަ ލަފުޒެއް ތަޢާރަފު ކުރުމުގެ އުއްމީދުގައި، މި ލިޔުމުގައި އަޅުގަނޑު "ފަންކްޝަން" ގެ ބަދަލުގައި ބޭނުން ކުރާނީ ފާރިސީ ލަފުޒެއް ކަމަށް ވާ "މާމޫރު" އެވެ.
ދައުލަތަކީ އެ ދައުލަތުގެ އެންމެ އަސާސީ އުންސުރު ކަމުގައި ވާ އިންސާނީ ޖަމާޢަތް ނުވަތަ ޤައުމުގެ މެންބަރުންނަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ދައުލަތުގެ ނިސްބަތުގައި، އެ ދައުލަތުގެ ޖަމާޢަތުގެ ފަރުދުންނަށް "ރައްޔިތުން" ނެވެ ކިޔައެވެ. ރައްޔިތުންނަށް ޓަކައި ދައުލަތަކީ ޙިމާޔަތުގެ ކިއްލާއެކެވެ. ފަސޭހަކަމާ އެކު ދުނިޔަވީ ދިރިއުޅުން ވެއަތު ކުރުމުގެ މަގު ފަހިކޮށްދޭ އެންމެ އަސާސީ އެއް ވަސީލަތެވެ. ދައުލަތެއްގެ ބޭނުންތެރިކަމާއި ދައުލަތެއް ނެތި އުޅުމުގައި ހުރި ދަތިކަމާއި ވޭންތައް ފުރިހަމަ ގޮތުގައި އިޙްސާސް ކުރެވޭނީ، ދައުލަތަކަށް ނިސްބަތް ނުވާ ރެފިޔުޖީން ފަދަ ޙާލަތެއްގައި، ބިދޭސީ ދައުލަތްތަކުގެ ސަރަޙައްދުގައި ގަނަތެޅޭން ޖެހުނު މީހަކަށެވެ.
މިސާލަކަށް، ބިދޭސީ ބާރަކުން އަޅުގަނޑުމެންގެ ދިވެހި ދައުލަތުގެ ސަރަޙައްދަށް އަރައި، ދައުލަތުގެ ބިންތައް ހިފައި، ދައުލަތުގެ ޙުކޫމަތު ވައްޓައިލައި، އެ ބައެއްގެ ބާރުގެ ދަށަށް މުޅި ތަން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންނަކީ ދައުލަތަކަށް ނިސްބަތް ނުވާ ނުވަތަ "ސްޓޭޓްލެސް" ބަޔަކަށް ވާ ޙާލަތު ތަޞައްވުރު ކޮށްލައްވާށެވެ! އެއިރުން، އަޅުގަނޑުމެންގެ ބިމާއި ކަނޑާއި އެއްގަމުގެ ސަރަޙައްދުގައި ހިނގާނީ ޤައުމު ހިފައިގެން ތިބޭ ބިދޭސީ ބާރުގެ ބަހެވެ. ޤާނޫނެއްގެ ގޮތުގައި އޮންނާނީ އެމީހުން ހަދައި ހިންގާ ހަމަތަކެކެވެ. އަޅުގަނޑުމެންގެ މައްޗަށް އަމުރުވެރިކަން ހިންގާން ތިބޭނީ ބިދޭސީންނެވެ. އަޅުގަނޑުމެންގެ ވަސީލަތްތަކުގެ މައްޗަށް އަމުރު ހިންގާނީ އެމީހުންނެވެ. އަޅުގަނޑުމެންގެ އަމިއްލަ ބިމުގައި އަޅުގަނޑުމެންނަށް ދަތުރުފަތުރު ކޮށްއުޅެވޭނީ ވެސް އެމީހުން އަންގާ ގޮތަކަށެވެ. އަޅުގަނޑުމެން ކުރެ އެތައް ބަޔަކު މުޅި ޢުމުރުގައި ކުރި މަސައްކަތުން ހޯދައި ބޭންކުތަކުގައި ރައްކައު ކޮށްފައި ހުރި ހުރިހައި ފައިސާއަކާއި، މިލްކުގައި ހުރި ހުރިހައި މުދަލެއްގެ މައްޗަށް އަޅުގަނޑުމެންގެ އަމިއްލަ ބާރު ގެއްލި، އެ އެއްޗެތީގެ ޙަޤީޤީ މިލްކުވެރީންނަކީ ވެސް ބިދޭސީ ބާރެއް ކަމަށް ވެގެން ދާނެއެވެ. އެމީހުން އަންގައިފިއްޔާ ބޭންކް އޮފް މޯލްޑިވްސްގައި ހުރި ދިވެހީންގެ އެކައުންޓުތައް ގަނޑުކޮށް، އެއްވެސް ދިވެއްސަކަށް އޭނާގެ އެކައުންޓުގައި ހުރި ފައިސާ ނުނެގޭ ގޮތް ވެސް ހަދާން ވީއެވެ. ދިވެހީންނަށް އަމިއްލަ ޕާސްޕޯޓުގައި ދަތުރު ކޮށް، ޤައުމުން ބޭރަށް ދިޔުމާއި ބޭރުގައި ތިބެފައި އެނބުރި ޤައުމަށް އައުން މަނާ ވާ ޙާލަތު ވެސް އަތުވެދާނެއެވެ. ކަންކަން މިއަށްވުރެ ވެސް ދެރަ ޙާލަތަކަށް ގޮސް، ބިދޭސީ ސިފައިން އަޅުގަނޑުމެންގެ ވިޔަފާރިވެރީންގެ ފިހާރަތަކުގައި ހުންނަ މުދާތައް އަގަކާ ނުލައި ނަގައި ބޭނުން ކުރުމާއި، އަޅުގަނޑުމެންގެ ގެދޮރަށް ވަދެ އަޅުގަނޑުމެންގެ ގަޔަށްބޮލަށް އަރައި މުދައުތައް ފޭރުން ފަދަ ކަންކަން ވެސް ޢާއްމު ވެދާނެއެވެ. އެމީހުން އަޅުގަނޑުމެންގެ އަންހެން ދަރީން ރޭޕް ކުރުން ފަދަ ކަންކަން ވެސް ހިނގައިފާނެއެވެ. މި ކަންކަމުގެ މައްޗަށް ވިސްނައިލުމުން އެކަނި ވެސް، ތިމާމެންގެ އަމިއްލަ ދައުލަތެއް އޮތުމުގެ މުހިއްމުކަމާއި، އެ ދައުލަތް ޙިމާޔަތް ކޮށް ރައްކައުތެރި ކުރުމުގެ ބޭނުންތެރިކަން އެނގޭނެއެވެ.
އާދޭހެވެ! ޤައުމެއްގެ ނިސްބަތުގައި ދައުލަތަކީ، ވަކި ފަރުދެއް ނުވަތަ ޢާއިލާއެއްގެ ނިސްބަތުގައި، އަމިއްލަ ގެދޮރެވެ. އަމިއްލަ ބޯހިޔާވައްސެވެ. ބޯހިޔާވަހިކަން ނެތް މީހުން މަގުމަތި ވާ ފަދައިން، ދައުލަތެއް ނެތް ޤައުމެއް ވެސް އޮންނާނީ ދުނިޔެތެރެޔަށް ގިނަވެފައެވެ. އިންތިހާ ދަރަޖައިގެ ނިކަމެތި ޙާލެއްގައި، އެހެން މީހުންނަށް ސަލާން ޖަހައިގެން އުޅޭން ޖެހިފައެވެ. ސީރިޔާ ފަދަ ޤައުމުތަކުގެ ދައުލަތް ފޭލި ވުމުގެ ނަތީޖާއެއްގެ ގޮތުން، އަދި ފަލަސްޠީނާއި ކަޝްމީރު ފަދަ ތަންތަނުގެ ދައުލީ ޙައިޘިއްޔަތު ނިގުޅައިގަނެވުމުގެ ނަތީޖާއެއްގެ ގޮތުން އެ ޤައުމުތަކުގެ ލޮބުވެތި ރައްޔިތުންނަށް ޖެހިފައި ވާ ނިކަމެތި ޙާލާއި އެމީހުން އުފުލަމުންދާ ވޭންދެނިވި ބުރަތަކާއި ތަކުލީފުގެ ހިތާމަވެރި ވާހަކަތައް ކިޔައިލުމުން، މި ދެންނެވި ބަހުގެ ދިރިހުރި މިސާލުތައް ފެނިވަޑައިގަންނަވާނެއެވެ.
ދެން މި ބަލައިލަނީ ދައުލަތުގެ މާމޫރުތަކުގެ މައްޗަށެވެ.
ދައުލަތުގެ މާމޫރުތައް، މައިގަނޑު ސޯޅަ ބަޔަކަށް ބަހައިލެވިދާނެއެވެ.
ފުރަތަމަ ބަޔަކީ، ދައުލަތުގެ ރައްޔިތުންގެ ގޮތުގައި ތިބޭ މީހުންނާއި، އަދި ރައްޔިތުން ކަމުގައި ނުވިޔަސް ތަނުގައި ދިރިއުޅޭ ނުވަތަ ތިބޭ އެންމެތަކުންގެ އިންސާނީ ކަރާމާތާއި ޙުރުމަތާއި ޝަރަފު ރައްކައުތެރި ކުރުމެވެ. އެހެނީ، ﷲ ސުބުޙާނަހޫ ވަ ތަޢާލާ އިންސާނުންނަށް ދެއްވި ކަރާމާތް ރައްކައުތެރި ކުރުމަކީ އެންމެ އިސް ކަންތަކެވެ. އެއާއެކު، އެކަލާނގެ އިންސާނުން އަދާ ކުރުމަށް ކަނޑައެޅުއްވި ވާޖިބުތައް އަދާ ކުރެވޭނޭ ނިޒާމުތައް ޤާއިމު ކުރުމާއި، އެކަލާނގެ އިންސާނުންނަށް ދެއްވެވި ޠަބީޢީ އަދި އަސާސީ ޙައްޤުތައް ރައްކައުތެރި ކޮށްދިނުމަކީ ވެސް ދައުލަތުގެ ވާޖިބެކެވެ. ދައުލަތުގެ މައިގަނޑު ދެވަނަ މާމޫރަކީ، އެ ދައުލަތުގެ އަސާސީ އުންސުރު ކަމުގައި ވާ އިންސާނީ ޖަމާޢަތުގެ ނުވަތަ ޤައުމުގެ ޤައުމިއްޔަތާއި، ސަގާފަތާއި، ޤައުމީ ޝަޚްޞިއްޔަތު ޙިމާޔަތް ކުރުމެވެ. ޤައުމުގެ ޤައުމީވަންތަކަން ރައްކައުތެރި ކުރުމެވެ. ޤައުމިއްޔަތުގެ އަސާސުތައް ރައްކައުތެރިކޮށް ދެމެހެއްޓުމެވެ. ޤައުމުގެ ފިކުރީ އަދި ސަގާފީ މިނިވަންކަން ރައްކައުތެރި ކުރުމެވެ. މި ކަންކަން ބިދޭސީ ނުފޫޒުތަކުން ސަލާމަތް ކުރުމެވެ. އެ ކަންކަން، ޤައުމުގެ އައު ޖީލުތަކަށް އުނގަންނައިދިނުމުގެ ނިޒާމުތައް ޤާއިމު ކުރުމެވެ. އަމިއްލަ ޤައުމިއްޔަތަށް ބީރައްޓެހި، އަމިއްލަ ޤައުމީ ޝަޚްޞިއްޔަތު ނެތް ދަރީންތަކެއް ޤައުމުގައި އުފެދުނަނުދިނުމެވެ.
ދައުލަތުގެ ތިންވަނަ މާމޫރަކީ، ދައުލަތުގެ ސަރަޙައްދުގައި ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަމާއި އިޖުތިމާޢީ ތަރުތީބު ޤާއިމުކޮށް ދެމެހެއްޓުމެވެ. ނިޒާމުޢާއްމު ރައްކައުތެރި ކުރުމެވެ. ހަމަޖެހުން ޤާއިމު ކުރުމެވެ. ދައުލަތުގެ އެންމެހައި ރައްޔިތުންނަށް ވެސް ހަމަޖެހުމާއި އަމަންއަމާންކަމުގައި ދިރިއުޅެވޭނޭ ފަދަ ނިޒާމެއް ޤާއިމު ކުރުމެވެ. ތަނުގެ ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަމާއި ހަމަޖެހުމަށް ނުރައްކަލެއް އަތުވެދާނޭ ފަދަ ކަންކަން މަނާ ކޮށް، އެފަދަ ކަންކަމަކީ ކުށް ކަމަށް ކަނޑައަޅައި، އެފަދަ ކަންކަން ކުރާ މީހުންނަށް ޙައްޤު އަދި ޢަދުލުވެރި އަދަބު ދޭން ޖެހެއެވެ. ދައުލަތުގެ މާމޫރުތަކުގެ ތެރެއިން ހަތަރުވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، ޢަދާލަތު ޤާއިމު ކުރުމުގެ މުހިއްމު މަސައްކަތެވެ. ޢަދާލަތު ޤާއިމު ކުރުމުގެ ތެރޭގައި، އިޖުތިމާޢީ ޢަދާލަތު ޤާއިމު ކުރުމާއި، އިޤްތިޞާދީ ޢަދާލަތު ޤާއިމު ކުރުމާއި، ޢަދުލުވެރި ޤާނޫނުތަކާއި ހަމަތަކުގެ މަތީގައި މުޅި މުޖުތަމަޢު ފަރުމާ ކޮށް ބިނާ ކުރުމާއި، ޚުޞޫމަތުތަކާ ގުޅިގެން ކޯޓުތަކުން ޢަދުލުއިންޞާފު ޤާއިމު ކޮށްދޭދިނުން ހިމެނެއެވެ.
ދައުލަތުގެ ފަސްވަނަ އަދި އެންމެ މުހިއްމު އެއް މާމޫރަކީ، މުޖުތަމަޢުގެ އަސާސު ކަމަށް ވާ ޢާއިލާ ރައްކައުތެރި ކުރުމެވެ. ޢާއިލާގެ މެންބަރުންގެ ގުޅުންތައް ހެޔޮ ގޮތުގައި ދެމިއޮންނާނޭ ގޮތް ހަމަޖެއްސުމެވެ. ޢާއިލީ ދިރިއުޅުމާއި ޢާއިލީ މަސްއޫލިއްޔަތުތައް އަދާ ކުރުމުގެ ޤާބިލުކަން ހުރި ޖީލުތަކެއް ބިނާ ކުރުމުގެ މަސައްކަތް ކުރުމެވެ. ތަޢުލީމާއި ތަރުބިއްޔަތުގެ ނިޒާމުގެ ތެރެއިން، ޢާއިލާއެއް ބިނާ ކޮށްގެން ޢާއިލާއެއްގައި އުޅުމަށް ބޭނުންވާ ހުނަރުތަކާއި އަޚްލާޤާއި ސުލޫކު ޒުވާނުންނަށް ދަސްކޮށްދެވޭނޭ އިންތިޒާމު ހަމަޖެއްސުމެވެ. ހެޔޮ ގޮތުގައި ދަރީން ތަރުބިއްޔަތު ކުރުމަށް ބޭނުންވާ ރޫޙާނީ، އަޚްލާޤީ، ފިކުރީ، ޢިލްމީ، ސަގާފީ، އަދި ޖަޒުބާތީ ޤާބިލުކަން ހުންނަ މައިންބަފައިންތަކެއް އުފެއްދޭކަން ކަށަވަރު ކުރުމެވެ. ޢާއިލާ ފަސާދަ ކޮށްފަނިވި އެންމެހައި ނުބައިތަކާއި ގޯސްތައް ދަފާ ކޮށް، ޢާއިލާ ޙިމާޔަތް ކުރުމެވެ. ޢާއިލާގެ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލު ކުރެވޭނޭ ހަރުދަނާ ޢާއިލީ ޢަދުލުގެ ނިޒާމެއް ޤާއިމު ކޮށް ދެމެހެއްޓުމެވެ.
ދައުލަތުގެ ހަވަނަ މާމޫރަކީ، ޤައުމުގެ ސަރަޙައްދު ނުވަތަ "ޓެރިޓޮރީ" ކަމުގައި ވާ އެއްގަމާއި ކަނޑާއި ވައިގެ ސަރަޙައްދުގެ މާޙައުލާއި ތިމާވެށި ރައްކައުތެރި ކުރުމާ އެކު، ތަނުގެ ޤުދުރަތީ އަދި މަސްނޫޢީ އިޤްތިޞާދީ ވަސީލަތްތައް ބަލަހައްޓައި ރައްކައުތެރި ކުރުމެވެ. އެ ވަސީލަތްތަކުގެ ފައިދާ ހުރިހައި ރައްޔިތުންނަށް ވެސް ހަމަހަމަކަމުގެ އުޞޫލުން، ޢަދުލުވެރި ގޮތުގައި ލިބިދެވޭނޭ ފަދަޔަކުން އެ ވަސީލަތްތަކުގެ ކަންކަން މެނޭޖު ކުރުމެވެ. އެ ވަސީލަތްތަކުން، ރައުސްމާލީ އިންތިހާޔަތު ނުވަތަ "ކެޕިޓަލިސްޓް އެކްސްޓްރީމިޒަމް" ގެ މަގުން، މީސްތަކުންނަށް ޙަޤީޤީ މާނައިގައި ބޭނުން ނޫން އެއްޗެތި އުފެއްދުން ފަދަ ގޮތްގޮތުން އިސްރާފު ކުރުން ހުއްޓުވުމެވެ. އެ ވަސީލަތްތައް ބޭނުން ކުރެވެނީ، އަންނާން އޮތް ޖީލުތައް ވެސް އޭގެ ފައިދާއިން މަޙުރޫމު ނުކުރެވޭނޭ ފަދަޔަކުން، ދެމެހެއްޓެނިވި ގޮތެއްގައިކަން ކަށަވަރު ކުރުމެވެ. އެ ވަސީލަތްތަކަކީ، ޤައުމުގެ މީސްތަކުންގެ ތެރެއިން ވަކި ބަޔަކު ނުވަތަ މަދު ބަޔަކު ފައިދާ ހޯދާ، ބާކީ ތިބި މީހުންނަށް އެއިން ޢަދުލުވެރި ފައިދާއެއް ލިބިނުދޭ އެއްޗެތިތަކަކަށް ވިޔަނުދިނުމެވެ. ތަނުގެ ތިމާވެށި ރައްކައުތެރި ކުރުމުގެ މަސައްކަތުގެ ތެރެއިން، ސާފު އަދި ތިމާވެށްޓާ ރައްޓެހި ހަކަތަ ބޭނުން ކުރުމުގެ ނިޒާމުތައް ތަރައްޤީ ކުރުމާއި، ގަސްގަހާގެއްސާއި ޖަނަވާރާއި ދޫނިސޫފާސޫފި ފަދަ ދިރުންތައް ރައްކައުތެރި ކުރުމަކީ ވެސް ދައުލަތުގެ ވާޖިބެކެވެ.
ޤައުމެއްގައި ހުންނަ އިޤްތިޞާދީ ވަސީލަތްތަކުގެ ބޭނުން ކޮށްގެން ހޯދޭ އާމުދަނީގެ ތެރެއިން، ޢަދުލުވެރި ގޮތުގައި އަދި ހަމަތަކާއި އުޞޫލުތަކުގެ ދަށުން ވަކިވަކި ފަރުދުންގެ މިލްކުގެ ތެރެޔަށް ނުވަންނަ ކޮންމެ އެއްޗަކީ މުޅި ޤައުމުގެ އެއްޗެކެވެ. އެންމެންގެ އެއްޗެކެވެ. ދައުލަތުގެ އެންމެ މުހިއްމު އެއް މާމޫރަކީ، މިގޮތުން ޤައުމަށް ލިބޭ އާމުދަނީގެ ކަންކަން ބެލެހެއްޓުމެވެ. މަޢުމޫލުގެ ޢަދުލުވެރި ނިޒާމެއް ޤާއިމު ކޮށް އެ ނިޒާމު ހިންގުމެވެ. ޤައުމުގެ މާލީ ނިޒާމު ހަރުދަނާ ގޮތެއްގައި ހިންގުމެވެ. އޭގެ ތެރޭގައި، ޤައުމުގެ ފައިސާގެ ކަންކަން ތަންޒީމު ކުރުން ވެސް ހިމެނެއެވެ. އަދި ޤައުމުގެ މާލިއްޔަތަށް ވަންނަ ބޭރު ފައިސާ އަމާނާތްތެރިކަމާ އެކު ބެލެހެއްޓުމާއި، ޤައުމުގެ މާލިއްޔަތުގެ ފައިދާ މުޅި ޤައުމަށާއި ރައްޔިތުންނަށާއި އަންނާން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ލިބޭނޭ ފަދަޔަކުން ޤައުމީ މާލިއްޔަތު މެނޭޖު ކުރުމަކީ ދައުލަތުގެ މުހިއްމު އަދި މައިގަނޑު މާމޫރެކެވެ.
ދައުލަތުގެ އަށްވަނަ މާމޫރަކީ، ޤައުމުގެ އިޤްތިޞާދާއި ސިނާއަތްތެރިކަމާއި ވިޔަފާރި ތަންޒީމު ކުރުމާއި ކުރިއަރުވައި ތަރައްޤީ ކުރުމެވެ. ޤައުމުގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން ހެޔޮ ގޮތުގައި ކުރި އެރުވުމެވެ. ހެޔޮ ގޮތުގައި ކުރިއެރުވުމޭ މި ދަންނަވަނީ، އިސްރާފު ކުރުމެއް ނެތި، ތިމާވެށްޓަށް އެކަށީގެންވާ ފަދަ ރައްކައުތެރިކަމެއް ކަށަވަރު ވެފައި އޮންނާނޭ ފަދައިން، އިޖުތިމާޢީ ޢަދާލަތާއި އިޤްތިޞާދީ ޢަދާލަތުގެ އުޞޫލުތަކާއި ހަމަތަކާ އެއްގޮތަށް، އަދި މާއްދިއްޔަތަށް އަޅުވެތިވުމުގެ މަގުން އެއްކިބާ ވެތިބެ، އިޤްތިޞާދާއި ސިނާއަތާއި ވިޔަފާރި އާއި މަސައްކަތްތެރިކަން ތަރައްޤީ ކުރާ ކުރުމަށެވެ.
ދައުލަތުގެ ނުވަވަނަ މާމޫރަކީ ތިމާމެންގެ އަމިއްލަ ނަފުސުތަކާއި ޢާއިލާ ބެލެހެއްޓުމުގެ ކުޅަދާނަކަން ނެތް މިންވަރަށް ފަޤީރު ނުވަތަ ނުކުޅެދުންތެރި މީހުންނަށް އިޖުތިމާޢީ ރައްކައުތެރިކަން ފޯރު ކޮށްދިނުމެވެ. ޞަދަޤާތާއި ޒަކާތާއި މަޢުމޫލު ފަދަ ނިޒާމުތަކުން އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދިނުމެވެ. އަދި ޢާއްމު ގޮތެއްގައި، އެންމެހައި ރައްޔިތުންގެ ޢާއްމު ފާގަތިކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުމެވެ. މުޖުތަމަޢުން ފަޤީރުކަން ނައްތައިލުމުގެ މަސައްކަތް ކުރުމެވެ. ދިހަވަނަ މާމޫރަކީ މަގުތަކާއި، ބަނދަރުތަކާއި، ރޭލުމަގުތަކާއި، ޕާކުތަކާއި، ކުޅިވަރުދަނޑުތަކާއި، މައިޒާންތަކާއި، ބަގީޗާތައް ފަދަ ވަސީލަތްތައް ބިނާ ކޮށް ދެމެހެއްޓުމާއި، ރައްޔިތުންނަށް ދިރިއުޅޭނޭ ގެދޮރުގެ ތަނަވަސްކަން ހޯދައިދިނުމާއި، ޕޯސްޓާއި، ފެނާއި، ކަރަންޓާއި، މުވާސަލާތާއި، ތެލާއި، ގޭހާއި، ނަރުދަމާގެ ވަސީލަތްތައް ވެސް ބިނާ ކޮށް ދެމެހެއްޓުމެވެ. ކުނި ނައްތައިލުމާއި، ސާފުޠާހިރު ވެށްޓެއް ބިނާ ކޮށް ދެމެހެއްޓުން ފަދަ ކަންތަކެވެ.
ދައުލަތުގެ މާމޫރުތައް ބަހައިލެވިދާނޭ އެގާރަވަނަ ބަޔަކީ، ދިމާވާ އެކި ކަހަލަ ޤުދުރަތީ ނުވަތަ ޢާއްމު ކާރިސާތަކާއި މުޞީބާތްތަކާއި ބޮޑެތި ބަލިމަޑުކަން ފަދަ ކަންކަމާ ގުޅިގެން، ޤައުމާއި ރައްޔިތުންގެ ޢާއްމު ސަލާމަތާއި ރައްކައުތެރިކަމަށް ޓަކައި، އަދި ކާރިސާ އާއި މުޞީބާތުގެ ޙާލަތުން އަރައިގަތުމަށް ޓަކައި ކުރާން ޖެހޭ ޚާއްޞަ މަސައްކަތްތައް ކުރުމެވެ.
ދައުލަތުގެ އެންމެ މުހިއްމު އެއް މާމޫރަކީ، ޢާއްމު ޞިއްޙަތާއި ވަކިވަކި ފަރުދުންގެ ޞިއްޙަތުގެ ކަންކަން ތަންޒީމު ކުރުމެވެ. އޭގެ ތެރޭގައި، ތަނުގެ މާޙައުލާއި ވެށްޓަކީ ފުރިހަމަ ޞިއްޙަތެއްގައި މީހުން ދިރިއުޅުމަށް ފަހި ތަންތަން ކަމުގައި ހެދުމާއި، ރައްޔިތުން ކައިބޮއި އުޅުމަށް ޓަކައި ޞިއްޙަތަށް ފައިދާ ހުރި ކާނާ އުފައްދައި ފޯރު ކޮށްދެވޭނޭ ނިޒާމުތައް ޤާއިމު ކުރުމާއި، ޞިއްޙަތަށް ފައިދާ ހުރި ކާނާ އާއި ދިރިއުޅުމުގެ ވައްޓަފާޅި މީހުންގެ ކިބައިގައި ހަރު ލެއްވުމަށް މަސައްކަތް ކުރުމާއި، ބަލި ޖެހުމުގެ ސަބަބުތައް ވީ ވަރަކުން މަދު ކުރުމަށް މަސައްކަތް ކުރުމާއި، ބަލި ވުމުން ބޭސްފަރުވާ ކުރެވޭނޭ ނިޒާމު ޤާއިމު ކުރުމާއި، ބޭސްފަރުވާގެ ނިޒާމަކީ ސިނާއަތަކަށް ހަދައިގެން އެ ސިނާއަތުގައި ވިޔަފާރި ކޮށްގެން މުއްސަނދި ވާން މަސައްކަތް ކުރުން ފަދަ ނުބައި އަދި އަނިޔާވެރި މުމާރަސާތައް ހުއްޓުވުން ހިމެނެއެވެ.
ދައުލަތުގެ އެންމެ އަސާސީ އެއް މާމޫރަކީ، ޤައުމުގައި ޢިލްމާއި، ޢިލްމީ މަސައްކަތާއި، ޒިހުނިއްޔަތު ނުވަތަ "އިންޓެލެކްޗުއަލިޒަމް" ކުރިއަރުވައި ތަރައްޤީ ކުރުމެވެ. އެގޮތުން، ޢިލްމުވެރީންގެ ޤަދަރު މަތިވެރި ކުރުމާއި، ޢިލްމުވެރީންނަށް އެކިއެކި ޢިނާޔަތްތައް ފޯރު ކޮށްދިނުމާއި، ޢިލްމީ ދިރާސާތަކަށް ހިތްވަރު ދިނުމާއި، ޢިލްމީ ދިރާސާތައް ކުރާނޭ އެކަޑަމީތަކާއި ދިރާސާ މަރުކަޒުތައް ޤާއިމު ކޮށް ހިންގުމާއި، ފޮތްތެރިކަން ކުރިއެރުވުމާއި، ކުތުބުޚާނާތައް ފަދަ ތަންތަން ގިނަ ކޮށް މީސްތަކުންނަކީ ފޮތް ކިޔާ އަދި ޢިލްމަށް ލޯބި ކުރާ ބަޔަކު ކަމަށް ހެދުމަށް މަސައްކަތް ކުރުމާއި، ޤައުމީ ޓީވީ އާއި ރޭޑިއޯ އާއި މީޑިއާ ފަދަ ވަސީލަތްތަކަކީ ވެސް ޢިލްމީ ހެއިލުންތެރިކަމާއި ޢިލްމަށް ލޯބި ކުރުން ކުރިއަރުވާ ވަސީލަތްތަކެއް ކަމަށް ހެދުމާއި، ސައެންސާއި ޓެކްނޮލޮޖީގެ މަސައްކަތް ކުރި އަރުވައި އާލާ ކުރުމަކީ، ދައުލަތުގެ އަސާސީ ޒިންމާތަކެވެ. ހަމައެއާއެކު، އައު ޖީލުތަކަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުމާއި، މަސައްކަތްތެރިކަން ކުރި އެރުވުމަށް ޓަކައި ދޭން ޖެހޭ ތަމްރީނުތައް ދިނުމަކީ ވެސް މި ބައިގެ ތެރޭގައި ހިމަނައިލެވިދާނެ ކަންކަމެވެ.
ދައުލަތުގެ މައިގަނޑު ސާދަވަނަ މާމޫރެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރާނީ، ޢާއްމު ދިރިއުޅުން ފަހި ކުރުމަށް ބޭނުން ވާ ބައެއް ކަހަލަ ކަންކަން ހަމަޖައްސައި އިންތިޒާމު ކުރުމެވެ. އެގޮތުން، ޤައުމުގެ އެއްގަމާއި ކަނޑުގެ ޗާޓުތައް ކުރެހުމާއި، އެ ޗާޓުތައް ބޭނުންވާ މީހުންނަށް ފޯރު ކޮށްދިނުމާއި، ތަނުގެ މޫސުމާ ބެހޭ ކަންކަން ދިރާސާ ކޮށް މޫސުމާ ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދިނުމާއި، ދަތުރުފަތުރު ކުރާ މީހުންނަށް ބޭނުންވާ މަޢުލޫމާތު ފޯރު ކޮށްދިނުމާއި، ތަނުގައި ބޭނުން ކުރާ މިންތަކާއި، މިންގަނޑުތަކަކީ ކޮބައިކަން ކަނޑައަޅައި އެ ކަންކަމުގެ މަޢުލޫމާތު މީސްތަކުންނަށް ފޯރު ކޮށްދިނުން ފާހަގަ ކުރެވިދާނެއެވެ. މިންތަކާއި މިންގަނޑުތަކޭ މި ދަންނަވަނީ، އިނގިރޭސި ބަހުން "ވެއިޓްސް، ސްޓޭންޑަރޑްސް، އެންޑް މެޝަރޒް" އެވެ ބުނާ ޢިބާރާތުގެ މާނައެއްގެ ގޮތުގައެވެ.
ދައުލަތުގެ ފަނަރަވަނަ މާމޫރަކީ، ޤައުމާއި ދައުލަތުގެ ވަޙްދަތާއި އެއްބައިވަންތަކަން ޙިމާޔަތް ކޮށް، ޤައުމާއި ދައުލަތް ބައިބައި ކޮށްފާނޭ ދާޚިލީ ޚަޠުރާތަކާއި ނުރައްކާތައް ނެއްތައިލުމެވެ. ޤައުމާއި ދައުލަތް ރޫޅިދިޔަނުދީ ހިފެހެއްޓުމެވެ. ރައްޔިތުންގެ މެދުގައި ޤައުމީ އެއްބައިވަންތަކަމާއި ވަޙްދަތަށް ލޯބި ކުރުމުގެ ސިފަ އަށަގެންނުވުމެވެ. ބާޣީންނާއި ޣައްދާރުންނާއި ޚާއިނުންގެ ނުބައިކަމުން ދައުލަތް ސަލާމަތް ކުރުމަށް ޓަކައި، އެފަދަ މީހުންނަށް ހަރުކަށި އަދަބު ދިނުމާއި، ޤައުމަށް ޚިޔާނާތްތެރި ވުމާއި ޣަދަރުވެރިކަމުގެ ނުބައިކަމުގެ މައްޗަށް އެންމެތަކުން ހެއިލުންތެރި ކުރުވުމެވެ. އެތެރޭގެ އެންމެހައި ފިތުނަތަކާއި ނުރައްކާތަކުން، ދައުލަތް ޙިމާޔަތް ކޮށް ރައްކައުތެރި ކުރުމެވެ. ދައުލަތުގެ ސޯޅަވަނަ މާމޫރަކީ، ބޭރުން ޤައުމާއި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ކުރިމަތި ވާ އެންމެހައި ނުރައްކާތަކުން ތަން ދިފާޢު ކުރުމެވެ. އެފަދަ ނުރައްކައުތަކެއް ކުރިމަތި ވެދާނޭ ދޮރެއް ހުޅުވުނަނުދިނުމެވެ. އެފަދަ ދޮރެއް ހުޅުވިއްޖެ ޙާލަތެއްގައި، ލިބިހުރި ހުރިހައި ވަސީލަތްތަކެއްގެ ބޭނުން ކޮށްގެން، ޝަރަފުވެރިކަމާ އެކު މަސައްކަތް ކޮށްގެން، އެ ދޮރެއް އަވަހަށް ބަންދު ކުރުމެވެ. މި ބައިގެ ތެރޭގައި، ޚާރިޖީ މައިދާނުގައި ދައުލަތުގެ އެންމެހައި މަޞްލަޙަތުތައް ޙިމާޔަތް ކުރުމާއި، ޤައުމުން ބޭރުން އައިސް ޤައުމުގައި ތިބޭ ނުވަތަ ވަޒަންވެރި ވާ މީހުންގެ ކަންކަން، ޢަދުލުވެރި ހަމައެއާ އެކު ޤައުމީ މަޞްލަޙަތަށް ގެއްލުން ނެތް ގޮތެއްގައި، ހަރުދަނާކަމާ އެކު ތަންޒީމު ކުރުމެވެ.
ކުރު ގޮތަކަށް މި ދަންނަވައިލީ، ދައުލަތެއްގެ މާމޫރުތަކެވެ. ދައުލަތެއް އޮތުމުން، ފުދޭން ޖެހޭ ބޭނުންތަކެވެ. މި ކަންކަން ކުރުމުގެ ޢަމަލީ ޒިންމާ އަދާ ކުރާނީ، ދައުލަތުގެ ހަތަރު އުންސުރުގެ ތެރެއިން، ޙުކޫމަތު ނުވަތަ "ގަވަރންމަންޓް" އިންނެވެ. އެހެނީ، ޙުކޫމަތަކީ، ޤައުމުގެ މީސްތަކުންގެ ސިޔާދަތީ ބާރުވެރިކަން ތަންފީޛު ކޮށް ހިންގުމުގެ އަމާނާތާ ޙަވާލު ވެގެން އޮންނަ ފަރާތެވެ. ޙުކޫމަތުގެ ތެރޭގައި، ތަނުގައި އުޅޭ މީހުން ތަބަޢަ ވާން ޖެހޭ ހަމަތަކާއި އުޞޫލުތައް އެކުލަވައިލުން ނުވަތަ ޤާނޫނު ހެދުމުގެ މަސައްކަތް ކުރާ މީހުންނާއި، ތަން ހިންގާ މީހުންނާއި، ޢަދުލުއިންޞާފުގެ ކޯޓުތަކުގެ ފަނޑިޔާރުން ހިމެނެއެވެ. ޒަމާނީ ބަހުރުވައިން ދަންނަވަންޏާ، ޙުކޫމަތަކީ ތަޝްރީޢީ މަޖިލިސް ނުވަތަ ޤާނޫނު ހަދާ މަޖިލިހާއި، ތަންފީޛީ ބާރާއި، ޤަޟާއީ ބާރެވެ. މި ތިން ބާރުގެ މައިގަނޑު މަސްއޫލިއްޔަތަކީ، މަތީގައި ދެންނެވުނު ދައުލީ މާމޫރުތައް ޢަމަލީ ގޮތުން އަދާ ކުރުމެވެ.