ވިހެއުމާ ގުޅިގެން އަންހެން ފަނޑިޔާރުންނަށް ޗުއްޓީ ދެވޭގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފައިވަނީ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް އަބްދުލްހަކީމްއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.

ބިލުގައިވާ ގޮތުން ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ދޭ ޗުއްޓީގެ ހައްގު، ކޮންމެ ފަނޑިޔާރަކަށް ވެސް ލިބިގެންވެއެވެ. އެގޮތުން އަންހެން ފަނޑިޔާރުންނަށް ހަ މަހުގެ ޗުއްޓީއެއް އަދި ފިރިހެން ފަނޑިޔާރުންނަށް އެއް މަހުގެ ޗުއްޓީއެއް ދިނުމަށް ހިމަނައިފައިވެއެވެ. މި ޗުއްޓީ ލިބޭނީ މުސާރަ ހިނގާގޮތަށެވެ.

ހަމައެހެންމެ ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީގެ އިތުރުން، މާބަނޑުވުމާ ގުޅިގެން ނުވަތަ ވިހެއުމާ ގުޅިގެން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ އެހެނިހެން ޗުއްޓީ ލިބުމުގެ ހައްގު ލިބިގެންވާއިރު ބިލަށް އަމަލު ކުރަންފަށާއިރު ޗުއްޓީ ހައްގުވާ މުވައްޒަފުންނާ މެދު އަމަލުކުރާނީ އެ ފަނޑިޔާރަކު ވިހޭ ނުވަތަ ދަރިއަކު ލިބުނު ތާރީޚުން ފެށިގެންނެވެ.