ދެ ގައުމަކަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުން ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ. ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު އައްޔަންކުރެއްވުމަށާއި ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ގ. ފިޔާތޮށިގެ ޙަސަން ޞާބިރު އައްޔަންކުރެއްވުމަށް ނިންމަވައި، ދެ ސަފީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހެވެ.

ޢުމަރު ޢަބްދުއްރައްޒާޤު މިހާތަނަށް ހުންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަގާމުގައެވެ. އަދި ޙަސަން ޞާބިރު މިހާތަނަށް ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަގާމުގައެވެ.

ދެ ސަފީރުންނަށް ރުހުން ދިނުމަށް ފާސްކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވަކިވަކީން ވޯޓަށް އަހައިފައިވާއިރު، ދެ ސަފީރުންނަށް ވެސް ރުހުން ދިނުމަށް ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޢުމަރު ޢަބްދުއްރައްޒާޤަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގައި ބޭރުގެ ބޭންކްތަކުން ހިންގާ ޕްރޮޖެކްޓުތައް މޮނިޓަރިންގެ މަސައްކަތާއި، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުގެ ޝެޑޯ ފޮރިން ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވައިފައިއެވެ.

ޖަޕާނު ސަފީރަކަށް އައްޔަން ކުރެއްވި ޙަސަން ޞާބިރަކީ ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ޙަސަން ޞާބިރު ފުރުއްވި މަގާމުތަކު ތެރޭގައި، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓޭޓިވްކަމުގެ މަގާމާއި، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމު ހިމެނެއެވެ.