07 Mar 2022, 10:18
އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ގެއްލުން ވާނެ ކަމަށް އީޕީއޭ ރިޕޯޓުން ދެއްކިނަމަވެސް، އައްޑޫގެ ތަރައްގީއަށް ހުރަސް ނާޅާނެ ކަމަށް އެންވަޔަރުމަންޓް މިނިސްޓަރު އަމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވަނީ އީޕީއޭ ރިޕޯޓުން ތިމާވެއްޓަށް ގެއްލުންވާނެ ކަމަށް ދެއްކި ނަމަވެސް އެ މަޝްރޫއަކީ އައްޑޫގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫއެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ މަޝްރޫއު ހުއްޓުވަން މިނިސްޓްރީން މަސައްކަތް ކުރައްވަނީ ކީއްވެތޯ މިނިސްޓަރާ ސުވާލުކުރައްވައިފައެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ޝައުނާ ވިދާޅުވީ އެ ކަމަނާއަކީ ވެސް އައްޑޫއަށް އުފަން ބޭފުޅެއް ކަމަށާއި އައްޑޫ ރައްޔިތުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އެނގޭ އައްޑޫ ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތައް ވެސް، އަޅުގަނޑަށް އެނގޭ އެއް ޖެނެރޭޝަން އިން އަނެއް ޖެނެރޭޝަން އިން މިހެން ގޮސް ތިން ޖީލެއް އެއް ފުރާޅެއްގެ ދަށުގަ އުޅޭކަންވެސް އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް އެނގޭ ހާއްސަކޮށް މަރަދޫ ފޭދޫ، މަރަދޫގެ ރައްޔިތުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ މިންވަރު ވެސް އަދި ބިމުގެ ދަތިކަން ވެސް އަޅުގަނޑަށް އިހުސާސް ކުރެވޭ،" ޝައުނާ ވިދާޅުވިއެވެ.
އައްޑޫއަކީ ރާއްޖޭގައި ގުދުރަތީ ގޮތުން އުފެދިފައި އޮތް އެންމެ ކުޑަ އަތޮޅު ކަމަށާއި ކަރަންޓްސް އުފެދޭނެ ނިޒާމެއް ގާއިމް ވެފައި ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއެކު ރާއްޖެއަށް ކުރާނެ އަސަރުތަކާމެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްއޫރުގެ ސަބަބުން އައްޑޫގެ ފަޅުގެ 42 އިންސައްތަ ސަރަހައްދަށް ގެއްލުންވާ ކަމަށް އީއައިއޭ ރިޕޯޓުން ދައްކާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ކުރިއަށް ގެންދާނީ މި ކަންކަމަށް ވިސްނައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ތަރައްގީއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ދެންނެވި މައްސަލަތައް ހައްލު ކުރެވޭނެ ގޮތްތަކާއި، އަދި މޫސުމަށް މި އަންނަ ބަދަލުތަކާއެކީގަ އައްޑޫގެ ރީތިކަމާއި އައްޑޫގެ ވެއްޓާއި އައްޑޫގެ މާހައުލީ ނިޒާމު އެންމެ ފުރިހަމަ ގޮތުގައި ރައްކާ ކުރެވޭނެ ގޮތްތަކާ މެދު ވިސްނާފަ ކުރަން ޖެހޭ ކަމެއް،" ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އީއައިއޭ ރިޕޯޓުން އެގޮތަށް ދެއްކި ނަމަވެސް މިނިސްޓްރީން އައްޑޫގެ ތަރައްގީއަށް ހުރަސް ނާޅާނެ ކަމަށެވެ.
"އެއްގޮތަކަށް ވެސް އައްޑޫގެ ތަރައްގީއަކަށް އަޅުގަނޑުމެން ހުރަހެއް ނާޅާނަން، އަޅުގަނޑުމެންގެ ސަރުކާރަކުން ވެސް އައްޑޫގެ ތަރައްގީއަކަށް ހުރަހެއް ނާޅާނަން،" ބިން ހިއްކުމުގެ މަޝްރޫއު ނުހުއްޓުވާނެ ކަމަށް ވިދާޅުވެ މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
މި މަޝްރޫއާ ގުޅޭ ގޮތުން މިއަދު އީޕީއޭއާއި ހައުސިން މިނިސްޓްރީގެ އިތުރުން އެންވައިރަމެންޓް މިނިސްޓްރީން މަޝްވަރާގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ ބިން ހިއްކުމަށް ހެދި އީއައިއޭ ރިޕޯޓުގައި ވާގޮތުން 236.5 ހެކްޓަރުގެ ބިން ހިއްކުމަށް ވެލި ނަގަން ހަމަޖައްސައިފައިވަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުންނެވެ. އަދި އެ ތަންތަނުން ވެލި ނަގައިފިނަމަ އައްޑޫގެ ތިމާވެއްޓަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުމެއް ވާނެ ކަމަށް އެ ރިޕޯޓުގައިވެއެވެ.